ކްލަބްހައުސް މެދުވެރިކޮށް މުނިއަވަސްއިން ކުރިއަށް ގެންދާ ‘މުނިއަވަސް ނިއުޒް އަވަރ / ނިއުޒް އިން-ޑެބްތު ޓޯކް ޝޯވ’ އަށް ފިލްމު “ފަތިސްހަނދުވަރު” އަދި “ފަތިސްހަނދުވަރުގެ ފެށުން – ތްރީ-ޑީ” އުފެއްދުމުގައި ހަރަކާތްތެރިވި ފަރާތްތަކުން އެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ގޮތުގެ ތަފުސީލީ މަޢުލޫމާތު ގެނެސްދިނުމަށް ޚާޢްޞަ އެޕިސޯޑަކަށް ތައްޔާރުވާން ފަށައިފިއެވެ.

‘މުނިއަވަސް ނިއުޒް އަވަރ / ނިއުޒް އިން-ޑެބްތު ޓޯކް ޝޯވ’ގައި ފިލްމު “ފަތިސްހަނދުވަރު” އަދި “ފަތިސްހަނދުވަރުގެ ފެށުން – ތްރީ ޑީ” އުފެއްދުމުގައި ހަރަކާތްތެރިވި ޓެކްނިކަލް އާޓިސްޓުންނާއި ފިލްމީ ތަރިން ބައިވެރިކުރުމަށް ނިންމާފައިވެއެވެ. މި ޝޯވގައި ބައިވެރިވާ ޚާޢްޞަ މެހަމާނުންނާއި އޯޑިއަންސަށް ވެސް ފިލްމުގެ ކްރޫ އާއި ކާސްޓުންނާ ސުވާލުކުރުމުގެ ފުރުޞަތު ހުޅުވައިލާނެއެވެ.

ފިލްމު “ފަތިސްހަނދުވަރު”ގެ މަންޒަރެއްގައި ނިޢުމާ އާއި ރީކޯ މޫސަ

‘މުނިއަވަސް ނިއުޒް އަވަރ / ނިއުޒް އިން-ޑެބްތު ޓޯކް ޝޯވ’ގައި ފިލްމު “ފަތިސްހަނދުވަރު” އަދި “ފަތިސްހަނދުވަރުގެ ފެށުން – ތްރީޑީ”ގެ ތަފުސީލީ ވާހަކަތައް ހިއްސާކޮށްލުމަށް ޢީސާ ޝަރީފް އާއި މުޙައްމަދު ޢަލީ (މޮގާ) އަށް ދައުވަތު އަރުވާފައިވެއެވެ. އަދި މި ދަޢުވަތު އެބޭފުޅުން ޤަބޫލުކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މި ޝޯވ އަށް ފިލްމު “ފަތިސްހަނދުވަރު”ގެ ލީޑް ދެ ތަރިންނާއި ކެމެރާމަންގެ އިތުރުންވެސް ބައެއް ޓެކްނިކަލް އާޓިސްޓުން ބައިވެރިކުރުމަށް މަސައްކަތްކުރާނެ ކަމަށް އީސަ ފާހަގަކުރިއެވެ. “ފަތިސްހަނދުވަރުގެ ފެށުން – ތްރީ ޑީ”ގެ މަޢުލޫމާތުތައް ހިއްސާކުރުމަށް ވެސް އެ ފިލްމަށް ނިސްބަތްވާ ފަންނާނުން ބައިވެރިވާނެއެވެ.

އަސްލަމް ރަޝީދުގެ ސްލޭމް ސްޓޫޑިއޯ އިން ޕްރޮޑިއުސްކޮށް 1997 ވަނަ އަހަރު ރިލީޒްކުރި ބިރުވެރި ފިލްމު “ފަތިސްހަނދުވަރު” ޑައިރެކްޓްކުރީ އެ ދުވަސްވަރު އެންމެ މަޝްހޫރު އަދި ހުނަރުވެރި ޑައިރެކްޓަރު ޢީސާ ޝަރީފް އެވެ. ފިލްމުގެ ލީޑްގައި ހަރަކާތްތެރިވަނީ ރާއްޖޭގެ ފިލްމީ އުދަރެހުގެ އެންމެ އުހުގައި ވިދައިލި ނިޢުމާ މުޙައްމަދާއި މޫސާ މަނިކް (ރީކޯ މޫސަ) އާއި ޢަލީ ޝަމީލް އެވެ. މިއީ މިހައިތަނަށް އެންމެ ގިނަ ދިވެހިން ބެލި ފިލްމުކަމަށް މަޢުލޫމާތު ލިބެއެވެ.

ފިލްމު “ފަތިސްހަނދުވަރުގެ ފެށުން” އުފެއްދުމުގެ ތެރެއިން ޑައިރެކްޓަރ ޗިއްޕެ އާއި އެކްޓަރ ޔޫއްޕެެ

މުޙައްމަދު ޢަލީ (މޮގާ)ގެ ޑާކް ރެއިން އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކޮށް އުފެއްދި “ފަތިސްހަނދުވަރުގެ ފެށުން – ތްރީ ޑީ” ރިލީޒްކުރީ 2013 ވަނަ އަހަރު އެވެ. ލޯބީގެ ބިރުވެރި ފިލްމެއްގެ ގޮތުގައި އުފެއްދި މި ފިލްމަކީ ރާއްޖޭގައި އުފެއްދި ފުރަތަމަ ތްރީޑީ ފިލްމެވެ. ޑައިރެކްޓްކުރީ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. ފިލްމުގެ ލީޑްގައި ހަރަކާތްތެރިވެފައިވަނީ މިހާރު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް އެކްޓަރު ޔޫސުފް ޝަފީޢު، ފާޠިމަތު ފަރީލާގެ އިތުރުން ލިޖެންޑަރީ އެކްޓަރު އަޙްމަދު ނިމާލް އެވެ. މި ދެ ފިލްމުގެވެސް ވާހަކަ ލިޔުނީ މަޝްހޫރު ވާހަކަލިޔުންތެރިޔާ އިބްރާހީމް ވަހީދު (ބިންމާ) އެވެ.

‘މުނިއަވަސް ނިއުޒް އަވަރ / ނިއުޒް އިން-ޑެބްތު ޓޯކް ޝޯވ’އެއްގައި މި ދެ ފިލްމާ ބެހޭގޮތުން އަލިއަޅުވައިލަމުން އީސަ އާއި މޮގާ ބުނީ އެ ފިލްމާއި ފިލްމު އުފެއްދުމުގެ މަސައްކަތްތަކާއި ގުޅުންހުރި ވަރަށް ގިނަ ވާހަކަތައް ދައްކައިލެވެން އެބަހުރި ކަމަށެވެ.

އެހެންކަމުން މުނިއަވަސްއިން އިންތިޒާމުކުރާ ‘މުނިއަވަސް ނިއުޒް އަވަރ / ނިއުޒް އިން-ޑެބްތު ޓޯކް ޝޯވ : ފަތިސްހަނދުވަރު ސްޕެޝަލް’ ޝޯވ ވަރަށް ޝައުޤުވެރި ޝޯވ އަކަށް ވެގެންދާނެ ކަމަށް ޤަބޫލުކުރެވެެއެވެ. އަަޅުގަނޑުމެންގެ އުއްމީދަކީ ބޮޑު އޯޑިއަންސަކާ އެކުގައި ކާމިޔާބު ޝޯވ އެއް މި މަޢުޟޫގައި ކުރިއަށް ގެންދިއުމެވެ.

‘މުނިއަވަސް ނިއުޒް އަވަރ / ނިއުޒް އިން-ޑެބްތު ޓޯކް ޝޯވ’އަށް ފޮލޯކުރެއްވުމަށް ކްލަބްްހައުސް އިން ‘މުނިއަވަސް ނިއުސް ޑެސްކް‘ ކްލަބަށް ފޮލޯކުރައްވަމުން ގެންދެވުމަކީ މުނިއަވަސް ޓީމުގެ އެދުމެކެވެ.

ލިންކްް: https://www.clubhouse.com/club/muniavas-news-desk

ޖޫން މަހުގެ 22 ވަނަ ދުވަހުން ފެށިގެން މުނިއަވަސް އިން ކްލަބްހައުސް މެދުވެރިކޮށް ކޮންމެ ރެޔަކު 22:00ގައި މި ޝޯވ ކުރިއަށްގެންދަމުން އަންނަކަން ފާހަގަކޮށްލަމެވެ. އެގޮތުން ފުރަތަމަ ޝޯވގައި ޚާއްޞަ މެހެމާނުންގެ ގޮތުގައި ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) އަދި އެކްޓަރ އަޙްމަދު ސަޢީދު ބައިވެރިވެވަޑައިގެންފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.