މިވަގުތު ދިވެހި ފިލްމީ އުދަރެހުގައި ފިޔަޖަހަމުން އަންނަ މަޝްހޫރު އެކްޓަރު ޢަލީ އާޒިމް (ދޮން އައްޔަ) ބައްޕައަކަށް ވާން އުޅޭކަން ފުރަތަމަ ފަހަރަށް ހާމަކޮށްފިއެވެ. ދޮން އައްޔަ މިކަން ހާމަކުރީ އޭނާގެ މީސްމީޑިއާ އެކައުންޓްތައް މެދުވެރިކޮށެވެ.

މުނިއަވަސް އަށް މިއަދު ދޮން އައްޔަ ބުނީ އޭނާގެ އަންހެނުން ޙައްވާ ޖީނާގެ ބަނޑަށް މިހާރު ހަތަރު މަސް ވެފައިވާކަމަށެވެ.

06 އޮކްޓޫބަރު 2019ގައި ދޮން އައްޔަ ޢާއިލީ ކޯޓުގައި ޖީނާ އާއި ކައިވެނިކުރީ ދެފަރާތުގެ ޢާއިލާ މެންބަރުންނާއި ބައެއް ގާތް ރައްޓެހިންގެވެސް ހާޒިރުގައެވެ.

ދޮން އައްޔަ އާއި ޖީނާގެ މި މަތިވެރި އުފަލުގައި މުނިއަވަސް އާއި ކިޔުންތެރިން ބައިވެރިވަނީ ހެޔޮ ރަޙުމަތުގައި އެމީހުންގެ ޙަޔާތުގެ މޭވާ މި ދުނިޔެއަށް އުފަންވުމަށް އެދި ހެޔޮ ހިތުން ދުޢާކުރާ ހާލުގައެވެ.

ގިނަ އުފެއްދުންތަކަކުން އަބަދުވެސް ފެންނަ ދޮން އައްޔަ ފެނިގެން ދިޔަ ފިލްމު ތަކުގެ ތެރޭގައި ނޯޓީ ފޯޓީ، ދެވަންސޫރަ، މަލިކާ، ފޯޓީ ޕްލަސް، ހައްދު، ބޮސް އަދި ދަޢުވަތު މިއީ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކެވެ. މީގެ އިތުރުން ވެބް ސީރީޒް ހުވާ، ކަރުހަކުރު، ހުވާކޮށްފާ ބުނަން މިއީވެސް އައްޔަ ކުޅެފައިވާ ރޯލަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ އުފެއްދުންތަކެކެވެ.

ނުވަވަނަ ދިވެހި ފިލްމް އެވޯޑްސްގައި ޖޫރީ ސުޕެޝަލް އައުޓްސްޓޭންޑިން ޕާފޯރމެންސް އެވޯޑް ދޮން އައްޔައަށް ލިބިފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.