ފިލްމު ”ފަތިސްހަނދުވަރު“ އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިިވި މުހިންމު ފަންނާނުންނާއި ކްރޫގެ އިތުރުން ފިލްމުގެ ވާހަކަ ލިޔުންތެރިޔާ އާއި ޕްރޮޑިއުސަރާއި ގިނަ ފަންނާނުންނާއެކު މިމަހު 11 ވަނަ ދުވަހުގެ ރޭ މުނިއަވަސް އޮންލައިންް އިން ބޭއްވި “ފަތިސްހަނދުވަރު ސްޕެޝަލް” ޝޯވ އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. ރޭ 10:00ގައި ފެށި މި ޚާއްޞާ ޝޯވ ހަތަރު ގަޑިއިރަށް ދިގުދެމިގެން ދިޔައެވެ.

ރޭގެ ޝޯވގައި ފިލްމުގެ ލީޑް ރީކޯ މޫސާމަނިކް، ނިޢުމާ މުޙައްމަދު، ވާހަކަލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަހީދު، ޕްރޮޑިއުސަރ އަސްލަމް ރަޝީދު، ފިލްމުގެ ކެމެރާ މަސައްކަތުގައި ހަރަކާތްތެރިވި ވިސާން ކަނޑި، ސްޕެޝަލް އިފެކްޓް މަސައްކަތްކުރި އަހަންމާ، ޓެކްނިކަލް މަސައްކަތްތަކުގައި ބައިވެރިވި ހުސައިން މުނައްވަރު (އައިލަވްޔޫ)ގެ އިތުރުން ވެސް ގިނަ ފަރާތްތަކެއް ބައިވެރިވިއެވެ. ހަމަ އެހެންމެ ފިލްމުގެ މޭކަޕް މަސައްކަތުގައި ހަރަކާތްތެރިވި ފީރޯޒް އައިސްތު، ލަވަތައް ކިޔާފައިވާ ޢަބްދުލް ހަންނާން މޫސާދީދީވެސް ބައިވެރިވެލެއްވިއެވެ. މީގެ އިތުރުން ފިލްމު ޝޫޓްކުރި ގދ. ތިނަދޫގައި އެ ފިލްމުގެ އަމަލީ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި ޓީމުގެ ފަރާތުން، މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް ވެސް ބައިވެރިވެލެއްވިއެވެ.

މީގެ އިތުރުންވެސް މިހާރު ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް އެކްޓަރުން، ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ އިތުރުން ޓެކްނިކަލް ފަރާތްތަކުންވެސް ބައިވެރިވިއެވެ. ބޮޑު އޯޑިއަންސެއް ރޭގެ ޕްރޮގްރާމުގައި ބައިވެރިވިއެވެ.

މީގެ 23 އަހަރު ކުރިން، ރާއްޖޭގެ ފިލްމީ މަސައްކަތަށް ބޮޑު އިންޤިލާބީ ބަދަލެއް ގެނެސްދިން ”ފަތިސްހަނދުވަރު“ގެ ފިލްމުގެ ވާހަކަތައް މިފަދަ އެއްވެސް ޝޯވއެއް މީގެ ކުރިން ކުރިއަށް ގެންދެވިފައެއް ނުވެއެވެ. ރޭގެ ޝޯވގައި އެހުންތެރިންގެ ސުވާލުތަކަށް ވަގުތުން ޖަވާބުދިނުންވެސް ކުރިއަށް ގެންދެވުނެވެ.

ޖޫން މަހު 22 ވަނަ ދުވަހު ކްލަބްހައުސް މެދުވެރިކޮށް މުނިއަވަސް އިން ގެނެސްދޭން ފެށި ’މުނިއަވަސް ނިއުޒް އަވަރ‘ގައި ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހުގެ ރޭ ރާއްޖޭގެ ފިލްމީ ދާއިރާގައި އުފައްދާފައިވާ ފިލްމަކަށް އަމާޒުކޮށް މިފަދަ ޚާއްޞާ ޝޯވއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ. އެގޮތުން ފިލްމު “ނިޢުމާ”ގެ ޝޯވއެއް ވަރަށް ކައިރި ކުރިމަގެއްގައި ބާއްވަން ނިންމާފައިވާކަމަށާ އެ ޝޯވއަށް އެކްޓްރެސް ނިޢުމާއަށް ދަޢުވަތުދޭ ކަމަށް ރޭގެ ޝޯވގައި މުނިއަވަސް އިން ބުނެފައިވެއެވެ. އަދި މި ދަޢުވަތު ނިޢުމާ މުޙައްމަދު ޤަބޫލުކޮށް އެއްބާރުލުން ދޭނެކަމަށް ބުނެފައިވެއެވެ.

“ފަތިސްހަނދުވަރު ސްޕެޝަލް” ޝޯވގެ އިތުރު ޝޯވއެއް މުނިއަވަސް އިން އިންތިޒާމުކުރުމަށް ނިންމައި އެކަމުގެ ދަޢުވަތު ރީކޯ މޫސާ މަނިކަށާޢި ނިޢުމާއަށް ރޭގެ ޝޯވގައި އަރުވާފައިވެއެވެ. މި ދަޢުވަތު ވެސް އެބޭފުޅުން ޤަބޫލުކުރެއްވިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.