މި އަހަރުގެ އަޟްޙާ ޢީދަށް ޚާއްޞަކޮށް މަޝްހޫރު ހަވާސް ބޮޑުބެރު ގްރޫޕުން ނެރުނު ޢީދުގެ ޚާޞަ ލަވަ “އަޟްޙާ ޢީދު” ބަލައިފިން ހެއްޔެވެ؟ މިއީ ބަލައިނުލައި ދޫކޮށްލާ ވަރަށް ވުރެން ތަފާތު، އަދި އެހާމެ ހިތްގައިމު ލަވައެކެވެ.

ހަވާސް ސްޓޫޑިއޯ އިން އުފައްދާފައި “އަޟްޙާ ޢީދު” ލަވައަކީ ލަނގިރި ކުޅިވަރުގައި ބޭނުންކުރަމުން އަންނަ މަޝްހޫރު ރާގެއް ކަމަށްވާ “ޢިޝްޤް މާޒީ”ގެ ރާގަށް ހަދާފައިވާ ވަރަށް ހިތްގައިމު ލަވައެކެވެ. ލަވައިގެ ތަފާތުކަމުގެ ވާހަކަ ދައްކާއިރު، ލަވައިގެ އެރޭންޖްމެންޓާއި މިއުޒިކްގެ ތެރޭގައި ކޮންމެވެސް ވަރަށް ގިޓާވެސް ބޭނުންކޮށްފައި ހުރުން ފާހަގަކޮށްލެވެއެވެ. މިފަހަރުގެ ލަވައިގައިވެސް އޯޑިއޯގެ ތަފާތުކަމުގެ އިތުރުން ވީޑިއޯ ޑައިރެކްޝަން އާއި ކޮރިއޮގްރަފީގެ މަސައްކަތުގެ ފުރިހަމަކަމަށް ތަޢުރީފް ޙައްޤެވެ.

“އަޟްޙާ ޢީދު” ލަވައިގެ އަޑުގެވެރިއަކީ އިކްރާމް މުޙައްމަދު (އިކޫ) އެވެ. މިކްސިން އަދި ކޮމްޕޯސްކުރީ އަޙްމަދު އިރުފާން (މެއްޓީ) އެވެ. ވީޑިއޯ އެޑިޓިން ހެދީ އާނިމް ރަޝީދެވެ.

އުމުރުން 13 އަހަރުގައި ލަވަކިޔަންފެށި އިކްރާމް މުޙައްމަދު (އިކޫ) އަކީ ރ. މީދުއަށް އުފަން ޒުވާނެކެވެ. އުމުރުން 18 އަހަރުގެ އިކޫ ވަނީ މިދިޔަ އަހަރު ފަހުކޮޅު ”ލަދުވެތި މޫނު“ގެ ނަމުގައި ވަރަށް ހިތްގައިމު ލަވައެއްވެސް ރިލީޒްކޮށްފައެވެ.

ހަވާސް ބޮޑުބެރު ގްރޫޕުން މިދިޔަ އަހަރުވެސް ޢީދަށް ޚާއްޞަ ލަވައެއް ތައްޔާރުކޮށް އާއްމުކުރިއެވެ. ”ޢީދު ވެދުން“ގެ ނަމުގައި ނެރުނު އެ ލަވައަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. ”ޢީދު ވެދުން“ ލީޑްކޮށް ކިޔާފައިވަނީ މޯލްޑިވިއަން އައިޑަލް ދެވަނަ ސީޒަނުން ވިދައިލި ކުޅަދާނަ ލަވަކިޔުންތެރިޔާ މުހައްމަދު ހަމްދާން އާއި އިކްރާމް މުހައްމަދުގެ ހިތްގައިމު އަޑުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.