މީޑިއާނެޓް އޮރިޖިނަލްސް ވެބް ސީރީޒް “ގާރލް ފްރެންޑްސް”ގެ ޓްރެއިލަރ ރިލީޒްކޮށްފިއެވެ. މީޑިއާނެޓްގެ އޯޓީޓީ ޕްލެޓްފޯމުތަކުން މި ކްރައިމް ތްރިލާ ސްޓްރީމްކުރަން ފަށާނީ މި އޯގަސްޓް މަހު 12 ގައެވެ.

ޢާއިޝާ ޢަލީ، މައިހާ، ޢާއިޝަތު ލަހުފާ (ލަހޫ) ގެ އިތުރުން އަޙްމަދު ޝާރިފް ލީޑުން ފެނިގެންދާނެ މި ސީރީޒްގައި ދައްކައިދޭނީ މާލޭގެ ކުޑަކުޑަ ކޮޓަރިއެއް ކުއްޔަށް ނަގައިގެން އެކުގައި ދިރިއުޅެމުން އަންނަ ތިން އަންހެން ކުދިންގެ ދިރިއުޅުމަށް ކުރިމަތިވާ ކަންތަކެކެވެ.

ވެބް ސީރީޒް “ގާރލް ފްރެންޑްސް”ގެ ފަހަތުގައި ތިބީ ވަރުގަދަ ޓީމެކެވެ. މީގެ ކޮންސެޕްޓް އަދި އާޓް ޑައިރެކްޝަން ހެދީ ތިއޭޓަރ އާޓްސް އާއި އެކްޓިން ކިޔަވައިގެން ހުރި ހުނަރުވެރި ފަންނާނު މުޙައްމަދު މުންތަސިރު (މުންކޮ) އެވެ. ސްކްރީންޕްލޭ ލިޔުނީ ރާއްޖޭގެ އެންމެ މަޝްހޫރު ސްކްރީން ރައިޓަރ މަހްދީ އަޙްމަދު އެވެ. ކެމެރާކޮށް ޑައިރެކްޓްކުރީ އިބްރާހީމް ވިސާން (ކަނޑި) އެވެ.

މީގެ ކުރިން “ގާރލް ފްރެންޑްސް”ގެ ޓީޒަރ އެއް ރިލީޒްކޮށްފައިވާއިރު، އެއިން ފެނިގެންދަނީ އޯފް ސްކްރީނުގައި އަންހެން ކުއްޖެއްގެ އަޑުން ދައްކާ ވާހަކަތަކަކުންނެވެ. އެ ކުއްޖާ ދައްކަމުން ގެންދަނީ ރާއްޖޭގައި ރަހުމުކުޑަކޮށް މަރާލާފައިވާ ފަރާތްތަކެއްގެ ވާހަކައާއި އެ ކަންކަމަށް އެއްވެސް އިންސާފެއް ލިބިފައި ނުވާ ވާހަކައެވެ.

”އަފްރާޝީމް ޢަލީ……. އިބްތިހާލް…. މިއިން އެއްވެސް މީހަކަށް މިހާތަނަށް ޖަސްޓިސް ލިބިއްޖެތަ؟“
”ކުރިންރޭ އެންމެން ކުރިމަތީގަ، …. ކަމެއް ވިތަ؟ އެއްވެސް ކަމެއްވިތަ؟ ނުވެއެއްނު؟“

މި ވާހަކަ ކޮޅަށްފަހު ދެން ފެނިގެންދަނީ ނޭވާ ހިފަހައްޓާލަން ޖެހޭފަދަ މަންޒަރުތަކެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.