ރާއްޖޭގައި ފިލްމު ދެއްކުމަށް ހުރި އެންމެ ދުވަސްވީ، އެންމެ ޖާގަ ބޮޑު ސިނަމާ ކަމަށްވާ އޮލިމްޕަހުގައި އެއްފަހަރާ ތިން ފިލްމެއްގެ ޓިކެޓް ވިއްކުން މިއަދު ކުރިޔަށް އެބަދެއެވެ. އެގޮތުން ކުޑަފޫޅު، ހައްދު އަދި ދެވަންސޫރައިގެ ޓިކެޓް ވިއްކުން މިއަދު ކުރިއަށްދިޔަ އެވެ.

ދެހާސް އަށެއް ހިސާބުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ނެރުނު ކުރު ފިލްމު “ކުޑަފޫޅު”ގެ މިފަހަރު ނެރޭ އެޕިސޯޑަށް ކިޔާފައިވަނީ “ކުޑަފޫޅުގެ ވަސްވާހުން” ނެވެ. މަސްހޫރު އެކްޓަރ/ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ އަމްޖަދު އިބްރާހިމް (އަމްޖޭ) ގެ ސްކްރީންޕްލޭ އަކަށް ހަދާ ފިލްމެކެވެ. ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ މަހުމާ ހުސެން ރަޝީދު އާއި ސަން ޝައިން ޕްރޮޑަކްޝަނުން ނެވެ.

ކުޑަފޫޅުގެ ބައިން ފެނިގެންދާނީ މީގެ ކުރިންވެސް އެ ރޯލު ކުޅުނު ހުސެން މުނައްވަރު (ކުޑަފޫޅު) އެވެ. މިފަހަރުގެ ބައިގައި ވެސް ފުރަތަމަ ބައިގައި ފެނިގެން ދިޔަ ޝެއިހް ވެސް ފެނިގެންދާނެ އެވެ. އޭގެ އިތުރުން ފިލްމުގައި 30 އަށްވުރެ ގިނަ ކުޑަކުދިން އުޅޭނެ ކަމަށާ އެ ކުދިންނަކީ ފިލްމު ޝޫޓް ކުރި ހދ. ކުޅުދުއްފުށީގެ ކުދިންކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

ޑިސެމްބަރު މަހު ކުޑަފޫޅު ރިލީޒް ކުރުމަށް ނިންމިޔަސް ފަހުން ވަނީ މި ޖެނުއަރީ މަހު 05 ގައި ރިލީޒް ކުރުމަށް ނިންމިއެެވެ. ނަމަވެސް އެ ތާރީޚް ފަހަނައަޅައި ދިޔަފަހުން މިއަދު މިވަނީ ޓިކެޓް ވިއްކަން ފަށާފައެވެ.

މި ފިލްމު ސިނަމާކުރުމަށް މިހާރު ހަމަޖެހިފައި ވަނީ މިމަހު 19 އަދި 20 ގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.