މަޝްހޫރު ޑައިރެކްޓަރ އަމްޖަދު އިބްރާހީމް (އަމްޖޭ)ގެ ޕްރޮޑަކްޝަން ހައުސް އިން ވަރުގަދަ ޕްރޮޖެކްޓެއް ފަށައިފިއެވެ. މި ޕްރޮޖެކްޓާ ގުޅޭ މާ ގިނަ މަޢުލޫމާތުތައް ހިއްސާ ނުކުރިޔަސް ޝޫޓިންގެ ފޮޓޯތަކެއް މުނިއަވަސް އަށް އަމްޖޭ ފޮނުވާފައިވެއެވެ.

މިއީ ފިލްމެއްތޯ ނުވަތަ ވެބް ސީރީޒެއްތޯ އަހައިލުމުން އަމްޖޭ ބުނީ ވެބް ސީރީޒެއް ކަމަށާ ނަމަވެސް ފިލްމެއްގެ ގޮތުގައިވެސް މި އުފެއްދުން ފެނުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

މި އުފެއްދުމުގެ ތީމް ލަވައެއް މުނިއަވަސް އާ އަމްޖޭ ހިއްސާކުރިއެވެ. 1980ގެ އަހަރުތަކުގައި ވަރަށް ބޮޑަށް މަޤްބޫލުވި ރޭޑިއޯ ޑްރާމާއަކުން ދިވެހިންގެ ހިތްތަކަށް ތީރެއް ފޮނުވައިލި މި ލަވަ އަޑުއަހައިލުމުން މިއީ ކޮމެޑީ އުފެއްދުމެއްކަމަށް ސިފަކުރެވެެއެވެ. އެ ލަވަ ކިޔާފައިވަނީ ހުނަރުވެރި މިއުޒީޝަން، ލަވަކިޔުންތެރިޔާ އަދި އެކްޓަރ ސޮބާހް އެވެ. މިއުޒިކް ހެދީވެސް ސޮބާ އެވެ.

އަމްޖޭ ލިޔެ ޑައިރެކްޓްކުރާ މި އުފެއްދުމުގައި ހަރަކާތްތެރިވާ މައިގަނޑު ތަރިންގެ ތެރޭގައި، މަޝްހޫރު އެކްޓްރެސް ޝީލާ ނަޖީބް، މަޤްބޫލު އެކްޓަރ ޝަމީލް، ކޮމެޑީގެ ރަސްގެފާނު އަޙްމަދު ޝާޒް (ތަޖޫ)، ހުނަރުވެރި އެކްޓްރެސް އާމިރާ، މަންމަ ބަޔަށް ހިތްގައިމު މަރިޔަމް ހަލީމްގެ އިތުރުން އުއްމީދީ އެކްޓަރ އަނިލް ހިމެނެއެވެ.

ބާރު ސްޕީޑްގައި މިހާރު ޝޫޓިން ކުރިއަށްދާ މި އުފެއްދުމާމެދު އަމްޖޭ ހުރީ ތަންކޮޅެއް ސިޔާސަ މޫޑެއްގައެވެ. އެ ސިޔާސަ މޫޑުގައި ހުރެގެން ބުނީ މިއީ ބެލުންތެރިންްނަށް ލިބިގެންދާނެ ސަޕްރައިޒެއް ކަމަށް ބެލުމަށެވެ.

އުއްމީދުކުރަނީ މި ޕެންޑަމިކް ދުވަސްވަރުގަ އެތައް ބަޔަކު ހާސްކަމުގަ ތިބިއިރު، އެމީހުންގެ މޫނުމައްޗަށް ހިނިތުންވުމެއް، މި އުފެއްދުމުގެ ސަބަބުން ލިބިގެން ދިއުން ކަން އަމްޖޭ ފާހަގަކުރިއެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.