ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ‘ސަންޖޭ ލީލާ ބަންސާލީ’ އާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ ވެބް ސީރީޒް “ހީރާމަންޑީ”ގައި ‘ރޭކާ’ އާއި ‘މަދޫރީ ޑިކްސިޓް’ ފެނިގެންދާނެ ކަމަށް ބޭރުގެ ރިޕޯޓުތަކުން ބުނެފިއެވެ.
މި ދެ ތަރިން އެންމެ ފަހުން އެއްކޮށް ފެނިފައިވަނީ 2001 ވަނަ އަހަރު ‘ރާޖްކުމާރު ސަންތޯށީ’ ޑައިރެކްޓްކޮށް ގެނެސްދިން ފިލްމު “ލައްޖާ” އިންނެވެ.
“ހީރާމަންޑީ” ގެނެސްދޭނެ ތާރީޚެއް އަދި އިޢުލާން ކޮށްފައި ނުވި ނަމަވެސް ފިލްމުގެ މައިގަނޑު ރޯލުތަކުން ‘ސޮނާކްޝީ ސިންހާ’ އާއި ‘އާލިއާ ބަޓް’ އަދި ‘ދީޕިކާ ޕަދުކޯނޭ’ ގެ އިތުރުން ‘ހުމާ ޤުރޭޝީ’ ފެނިގެންދާނެ ކަމަށް ބޭރުގެ ރިޕޯޓުތަކުން މަޢުލޫމާތު ލިބެއެވެ.

‘ސަންޖޭ ލީލާ ބަންސާލީ’ އިންޑަސްޓްރީގައި މަސައްކަތް ކުރާތާ 25 އަހަރުވެއްޖެއެވެ. މިހާ ހިސާބަށް އައި އިރު އޭނާ ވަނީ ވަރުގަދަ ފިލްމުތަކެއް ނެރެފައެވެ. ބަންސާލީ މިހާރު “ގަންގޫބާއީ ކަތިއަވާޅީ” ކިޔާ ފިލްމެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، އޭނާ ދެން ހަދަން އޮތް ފީޗާ ފިލްމަކީ “ބައިޖޫ ބަވްރާ” އެވެ.
