ދަރްމާ ޕްރޮޑަކްޝަންސްއާއި ވަޔަކޮމް18 ސްޓޫޑިއޯސްއިން ޕްރޮޑިއުސްކޮށް ކަރަން ޖޯހަރު ޑައިރެކްޓްކުރާ “ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ”ގެ ޝޫޓިންގ ފަށައިފިއެވެ.

ރަންވީރް ސިންގއާއި އާލިއާ ބަޓް ލީޑް ރޯލު ކުޅޭ މި ރޮމޭންޓިކް ފިލްމުގެ މައިގަނޑު އެހެން ރޯލުތަކުން ފެނިގެންދާނީ ދަރްމެންދުރަ، ޖާޔާ ބައްޗަން އަދި ޝަބާނާ އަޒްމީއެވެ. މިއީ 13 އަހަރަށްފަހު ޖާޔާ ވަރުގަދަ ބޮޑު ރޯލެއް ކުޅޭ ފުރަތަމަ ހިންދީ ފިލްމުކަން ފާހަގަކޮށްލެވެއެވެ. ޖާޔާ އެންމެ ފަހުން ބޮޑު ރޯލެއް ކުޅުނު ހިންދީ ފިލްމަކީ 2007ގެ “ލާގާ ޗުންރީ މެރީ ދާގް” އެވެ. އޭގެ ފަހުން 2011ގެ ބެންގާލީ ފިލްމު “މެހެރްޖާން”ގައި ޖާޔާ ވަނީ ލީޑް ރޯލު ކުޅެފައެވެ.

މި ފިލްމުގެ އިތުރުން ރަންވީރްގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލައިލާއިރު އެއްކޮށް މަސައްކަތް ނިމިފައި އޮތް ކުޅިވަރު ފިލްމު “83” އާއި “ސޫރިޔަވަންޝީ”ގެ އިތުރުން މިމަހު 27 ގައި ރިލީޒްކުރާ “ޖަޔޭޝްބާއީ ޖޯރްދާރް” އާއި މިހާރުވެސް ޝޫޓިންގ ކުރިއަށްދާ “ސާކަސް” ހިމެނެއެވެ.

މި ފިލްމުގެ އިތުރުން އާލިއާގެވެސް ކުރިއަށް ޝައުޤުވެރި ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި އެއްކޮށް މަސައްކަތް ނިމިފައިވާ “ގަންގޫބާއީ ކަތިއާވާޅީ” އާއި ޝޫޓިންގ ކުރިއަށްދާ ފިލްމުތައް ކަމަށްވާ “ބްރައްމަސްތުރަ”، “ޑާރލިންގްސް” އަދި ތެލުގޫ ފިލްމު “އާރްއާރްއާރް” ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.