ކޮންމެ ހަފުތާއަކު އިންޑިއާގެ ބާރކް އިން ނެރޭ ޓީއާރްޕީ ރިޕޯޓަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ އެއްޗެކެވެ. އެ ހަފުތާއެއްގައި އެންމެ ގިނަ މީހުން ބެލި ޓީވީ ޝޯވތަކުގެ ލިސްޓުން ޖާގަ ހޯދުމަށް ޝޯވތަކުގެ ޕްރޮޑިއުސަރުންވެސް އެތައް މަސައްކަތެއް ކުރެއެވެ. މި ހިނގާ 2021 ވަނަ އަހަރުގެ 33 ވަނަ ހަފުތާގެ ރިޕޯޓުގެ ގަދަ 5 އަށް ބަލައިލާނަމެވެ.

1. އަނޫޕާމާ / އިންޑިއަން އައިޑޯލް 12 ފިނާލޭ

އެންމެ ދިގު މުއްދަތަކަށް ލިސްޓުގެ އެއްވަނައިގައި މެދުނުކެނޑި އޮތް ސްޓާ ޕްލަސްގެ ސިލްސިލާ “އަނޫޕާމާ” އަށް މިހަފުތާވެސް ލިބުނީ ލިސްޓުގެ އެއްވަނައެވެ. އަނޫޕާމާ އާއިއެކު ލިސްޓުގެ އެއްވަނަ ލިބެނީ 12 ގަޑިއިރަށް ދެމިގެންދިޔަ “އިންޑިއަން އައިޑޯލް 12” ގެ ފިނާލޭ ޝޯވއެވެ. މި ދެ ޝޯވއަށްވެސް ލިބިފައިވަނީ 3.7 މިލިއަން ވިއުސްއެވެ.

2. ގުމް ހެ ކިސީކޭ ޕިޔާރް މޭ

ނީލް ބަޓް، އަޔޭޝާ ސިންގ އަދި އައިޝްވާރިޔާ ޝަރްމާ ލީޑް ރޯލު ކުޅޭ “ގުމް ހެ ކިސީކޭ ޕިޔާރް މޭ” ލިސްޓުގެ ދެވަނަ ދަމަހައްޓަމުން އަންނަތާ ވަރަށް ދުވަސް ވެއްޖެއެވެ. ޝޯވގެ ތަފާތު ވާހަކައަށް ގެންނަމުންދާ ޓުވިސްޓުތަކުން ބެލުންތެރިން ބޮޑަށް އެއަށް ޝައުޤުވެރި ކުރުވަމުން ދާއިރު މިހާރު ފެނިގެންދަނީ ސާއީ، ވިރާޓް އަދި ޕާކީގެ ދިރިއުޅުމަށް ސަމްރަތު އައުމާއެކު އައި ބަދަލުތަކެވެ. ސަމްރަތުގެ ބައި އައުމާއެކު ޝޯވގެ މަޤުބޫލުކަމަށް އިތުރު ކުރިއެރުމެއް އައިކަން ފާހަގަކުރެވެއެވެ. މިހަފުތާގައި މި ޝޯވއަށް ލިބިފައިވަނީ 3.3 މިލިއަން ވިއުސްއެވެ.

3. އިމްލީ / ޚަތުރޯން ކޭ ކިލާޅީ 11

2.5 މިލިއަން ވިއުސްއާއެކު ލިސްޓުގެ 3 ވަނަ ލިބެނީ ސުމްބުލް ތައުޤީރް ޚާންއާއި ގަޝްމީރް މަހާޖާނީގެ “އިމްލީ” އާއި ރޯހިތު ޝެޓީގެ ސްޓަންޓް ރިއަލިޓީ ޝޯވ “ޚަތުރޯން ކޭ ކިލާޅީ 11” އަށެވެ. “އިމްލީ” ގައި މިހާރު ފެނިގެންދަނީ އަދިތުޔާގެ ހަޔާތުން އިމްލީ ބޭރުކޮށްލަން މާލިނީ ކުރާ މަސައްކަތްތަކެވެ. “ޚަތުރޯން ކޭ ކިލާޅީ 11” ގެ އާ ޕްރޮމޯތަކުން، ކުރިން ޝޯވއާއި އަލްވަދާޢު ކީ ސައުރަބް ރާޖް ޖެއިންއާއި އާސްތާ ގިލް އަދި މިދިޔަ ހަފުތާގައި އަލްވަދާޢު ކީ ވިޝާލް އަދިތުޔާ ސިންގ “ވައިލްޑް ކާޑް އެންޓްރީ”ގެ ގޮތުގައި އެނބުރި އަންނަތަން ފެނިފައިވެއެވެ. އެ 3 ބައިވެރިންނަކީވެސް އެހެން ބައިވެރިއެއްގެ ސަބަބުން ޝޯވއާއި ވަކިވާން ޖެހުނު 3 ބައިވެރިންނެވެ.

4. ޔޭ ހޭ ޗާހަތޭން

ސަރްގުން ކައުރް ލުތުރާއާއި އަބްރާރް ޤާޒީގެ “ޔޭ ހޭ ޗާހަތޭން” އަށް 2.4 މިލިއަން ވިއުސްއާއެކު ލިބުނީ ލިސްޓުގެ 4 ވަނައެވެ. ލިސްޓުގެ ގަދަ 5 ގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް މި ޝޯވގެ ކާމިޔާބީގެ އަސްލަކީ ލީޑް ދެ އެކްޓަރުންގެ ކެމިސްޓްރީ ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ.

5. ސާތު ނިބާނާ ސާތިޔާ 2

ސްނޭހާ ޖެއިން އަދި ހަރްޝް ނަގަރްގެ “ސާތު ނިބާނާ ސާތިޔާ 2” އަކީވެސް މިހާރު މަޤުބޫލުކަން އިތުރުވަމުން އަންނަ ޝޯވއެކެވެ. މިހާރު ޝޯވގެ ވާހަކަ ދާގޮތުން ބެލުންތެރިން ޝައުޤުވެރިވާކަން ފާހަގަވެފައިވެއެވެ. މިހަފުތާގައި މި ޝޯވއަށް ލިބިފައިވަނީ 2.3 މިލިއަން ވިއުސްއެވެ.

އެންމެ މަޤުބޫލު ޓީވީ ޝޯވތަކުގެ ގަދަ 5 އިން ޖާގަ ނުލިބުނު މަޤުބޫލު ޝޯވތަކުގެ ތެރޭގައި ސޮނީގެ “ސުޕަ ޑާންސާ ޗެޕްޓަރ 4″، ކަލާޒްގެ “ޑާންސް ދިވާނޭ 3″، ޒީ ޓީވީގެ “ޒީ ކޮމެޑީ ޝޯވ” އަދި ސޮނީގެ “ދަ ކަޕިލް ޝަރްމާ ޝޯވ” އަދި ކަލާޒްގެ “އުދާރިޔާން” ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.