ޔޫއްޕެ ޕްރޮޑަޖްޝަނާއި ޝައި ޕްރޮޑަކްޝަން ގުޅިގެން އުފައްދާ ކޮމެޑީ ވެބް ސީރީޒް “ގިރިދާ” މިހިނގާ ސެޕްޓެމްބަރު މަހުގެ 7 ގައި ސްޓްރީމްކުރަން ފަށާގޮތަށް ނިންމައިފިއެވެ.

ކުޅަދާނަ އެކްޓަރ، ޑައިރެކްޓަރ އަދި ސްކްރީން ރައިޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ “ގިރިދާ”ގެ މައިގަނޑު ތަރިންގެ ތެރޭގައި ޢަލީ އުސާމް (ދޮނާ)، ޢަލީ އާޒިމް (ދޮން އައްޔަ)، އަޙްމަދު ޒިޔާ އަދި އިބްރާހީމް ޖިހާދު (ޖިމީ) ހިމެނެއެވެ. މުޅި ސީރީޒްގައި ދާއިރާގެ ގިނަ ތަރިންތަކެއް ފެނިގެންދާއިރު ކޮންމެ އެޕިސޯޑަކުންވެސް އާ އަންހެން ތަރިއަކު ފެނިގެންްދާނެކަމަށް މަޢުލޫމާތު ލިބެއެވެ. އޭގެ ތެރޭގައި ޓިކްޓޮކް ތެރޭގައި ވިދައިލި ތަރިންވެސް ހިމެނެއެވެ.

މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ސީރީޒްގެ ޓްރެއިލާ ރިލީޒްކޮށްފައިވާއިރު ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާ މި ޓްރެއިލާއިން ދައްކަނީ ފިލްމީ މަސައްކަތްތަކަށް ޝައުޤުވެރިކަން ހުންނަ ބައެއްގެ ދިރިއުޅުމެވެ.

“ގިރިދާ” ބަލާފައި ނުހީނ ނުތިބެވޭނެވަރުގެ މަޖާ މަންޒަރުތައް ހުންނާނެކަމަށް ސީރީޒްގެ ލީޑްގައި ހިމެނޭ ދޮނާ ބުނެފައިވާއިރު ސީރީޒްގެ ޑައިރެކްޓަރ ބުނެފައިވަނީ މިއީ އެހެން ސްޓައިލެއްގެ ކޮމެޑީއެއް ކަމަށާއި ސިޓްކޮމްގެ ސިފަތަކާއި އާންމު ކޮމެޑީގެ ސިފަތައްވެސް މީގައި ހުންނާނެ ކަމަށެވެ.

މިހިނގާ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ރެއިން ފެށިގެން މީޑިއާނެޓްގެ އޯޓީޓީ ޕްލެޓްފޯމް މަލްޓި ސްކްރީންއާއި އެމްއެސްޓީވީގެ ވީއޯޑީއިން މި ސީރީޒް ބަލައިލެވޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.