ޓިކްޓޮކުން ވިދައިލުމަށްފަހު ދިވެހި ފިލްމު “ގޮށްރާޅު” އިން ފިލްމީ ދާއިރާއަށް ނުކުތް އާމިނަތު ރަޝްފާ (އާޝާ) ޕްރޮޑިއުސްކޮށް ކުޅުނު ދެވަނަ ވީޑިއޯ ލަވަ “ޝިކާރަ” ރިލީޒްކޮށްފިއެވެ.
އާޝާގެ އުފަންދުވަހާއި ދިމާކޮށް އިއްޔެ މެންދުރު 12 ޖެހިއިރު އޭނާގެ ރަސްމީ ޔޫޓިއުބް ޗެނަލްގައި “ޝިކާރަ” ރިލީޒްކުރިއިރު، އޭނާ ޕްރޮޑިއުސްކުރި ފުރަތަމަ ލަވަ “ގުނަމުން މިދާ” ވެސް ނެރުނީ މިދިޔަ އަހަރު އޭނާގެ އުފަންދުވަހުއެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމްއާއި މަރިޔަމް އަޝްފާގެ ހިތްގައިމު އަޑުން ކިޔައިދީފައިވާ މި ލަވައިގެ ރާގާއި ޅެން ތައްޔާރުކޮށްދީފައިވަނީ އަޝްފާގެ ފިރިމީހާ، މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޅެންވެރިޔާ މުޙައްމަދު ޢަބްދުލްޣަނީ (ތޭރަ) އެވެ. މިއުޒިކް ތައްޔާރުކޮށްދިނީ ޙުސައިން ތައުފީޤެވެ.
ކެމެރާއާއި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ލައިޓްސް އައުޓްއިން ކޮށްދީފައިވާއިރު، ކޮސްޓިއުމް ތައްޔާރުކޮށްފައިވަނީ ރަޒީނާ ތައުފީޤާއި ޙުސައިން ހާޒިމް (ސޭންޑީ) އެވެ. ސޭންޑީގެ އަލަތު ޑައިރެކްޝަން “ޝިކާރަ” އިން އާޝާގެ އިތުރުން ފެނިގެންދަނީ އަޙްމަދު ޢީސާ (އާނަންދު) އާއި ހުނައިޝާ އާދަމް (ހުނޫ) އެވެ.
