2013 ވަނަ އަހަރު ރިލީޒްކުރި މަލަޔާލަމް ފިލްމު “ޑްރިޝްޔަމް” ވެގެން ދިޔައީ މަލަޔާލަމް އިންޑަސްޓްރީގައި އެންމެ ކާމިޔާބު އެއް ފިލްމަށެވެ. މިފިލްމަށް ލިބުނު ކާމިޔާބީގެ ބޮޑުކަމުން އެކި ބަސްބަހުން ވަނީ ފިލްމުގެ ރިމޭކްތައް ހަދައިފައެވެ.
މީގެ ހިންދީ ރިމޭކްގައި އެންމެ އިސް ރޯލެއް އަޖޭ ދޭވްގަން ކުޅެފައިވާއިރު މިއަހަރުގެ ފެބްރުއަރީ މަހު ވަނީ ފިލްމުގެ ސީކުއެލްއެއް ދާއްކާލައިފައެވެ.
ފަހުގެ ރިޕޯޓުތަކުން މަޢުލޫމާތު ލިބޭ ގޮތުގައި އަޖޭ ދޭވްގަން މިހާރު މަސައްކަތް ކުރަމުންދާ ޕްރޮޖެކްޓަތައް ކަމަށްވާ “މޭޑޭ” އާއި “ތޭންކް ގޯޑް” އަދި “މައިދާން” ގެ އިތުރުން ޑިސްނޭ އަދި ހޮޓްސްޓަރގެ ވެބްސީރީޒް “ރުދުރާ”ގެ މަސައްކަތަށްފަހު ޑިސެމްބަރުގައި “ޑްރިޝްޔަމް 2″ގެ ޝޫޓިންގ ފަށާނެއެވެ.
އަބީޝޭކް ޕަތަކް ޑައިރެކްޓްކުރާ މި ފިލްމުގެ ފުރަތަމަ ބައި ޑައިރެކްޓކޮށްފައިވަނީ ނިމިދިޔަ 2020 ވަނަ އަހަރު ދުނިޔެއާ އަލްވަދާޢުކީ ނިޝިކާންތު ކަމަތެވެ.
މިވަޤުތު “ރުދުރާ”ގެ މަސައްކަތުގައި އަވަދިނެތި އުޅެމުންދާ އަޖޭ ބުނެފައިވަނީ އަންނަ މަހު އޭނާގެ “މޭޑޭ”ގެ ބައެއް މަންޒަރުތަށް ނެގުމަށް މޮސްކޯއަށް ދާނެ ކަމަށެވެ. އަދި އެއަށްފަހު “މައިދާން”ގެ މަސައްކަތް ނިންމާ، “ތޭންކް ގޯޑް” އަދި “ޑްރިޝްޔަމް 2″ގެ މަސައްކަތް ކުރިއަށް ގެންދާނީ އެއްފަހަރާކަމަށް ވެސް ބުނެފައިވެއެވެ.
