ސާފް ޗެމްޕިއަންޝިޕް 2021ގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ސްރީލަންކާ އަދި ބަނގްލަދޭޝް ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއަކުން ބަނގްލަދޭޝް ކާމިޔާބުކޮށްފިއެވެ.

ބަނގްލަދޭޝް ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި 2 ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ވެފައި ނުވާއިރު، ފުރަތަމަ ހާފުގައި 2 ޓީމުން ވެސް 2 ރީނދޫ ކާޑު ފެނިގެންދިޔައެވެ.

މެޗުގެ 55 ވަނަ މިނެޓުގައި ސްރީލަންކާ ޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅައިގައި ގަސްދުގައި އަތުން ޖެއްސުމުގެ ސަބަބުން ޓީމުގެ ޖާޒީ ނަންބަރު 4، ޑަކްސަން ޕުސްލާސް އަށް ވަނީ ރަތް ކާޑެއް ދައްކައިފައެވެ. އެހެންކަމުން ލިބުނު ޕެނަލްޓީއަކުން މެޗުގައި ބަނގްލަދޭޝްއަށް ލީޑް ނަގައިދިނީ 56 ވަނަ މިނެޓުގައި ޓީމުގެ ޑިފެންޑަރު ޓޯޕޫ ބާމަން އެވެ.

މެޗުގެ ދެވަނަ ހާފުގައި 2 ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. މުބާރާތުގައި ދެން ބަނގްލަދޭޝް ނުކުންނާނީ އިންޑިއާ އާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އޮކްޓޫބަރު 4 ވާ ހޯމަ ދުވަހުގެ ހަވީރު ރާއްޖެ ގަޑިން 4 ޖަހާއިރެވެ. އަދި ސްރީލަންކާ ދެން ނުކުންނަން ޖެހޭނީ ނޭޕާލް އާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ 4 އޮކްޓޫބަރު ވާ ހޯމަ ދުވަހުގެރޭ ރާއްޖެ ގަޑިން 9 ޖަހާއިރެވެ.

ރާއްޖޭގައި ބާއްވާ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި މިރޭ ކުރިއަށް ދެން އޮންނާނީ ދިވެހިރާއްޖެއާ ނޭޕާލް ބައްދަލުކުރާ މެޗެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 09 ޖަހާއިރެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނާޢިމް ޢަލީ
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.