ސާފް ޗެމްޕިއަންޝިޕް 2021ގައި މިއަދު ހަވީރު ބަނގްލަދޭޝް އަދި އިންޑިއާ ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެއްޖެއެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލީޑް ނެގީ އިންޑިއާއިންނެވެ. އެލަނޑު އިންޑިއާއަށް ކާމިޔާބުކޮށްދިނީ 26 ވަނަ މިނެޓުގައި ޓީމުގެ އެންމެ ގިނަދުވަސްވީ އެއް ކުޅުންތެރިޔާ ކަމަށްވާ ކެޕްޓަން ސުނިލް ޗެތުރީއެވެ.

ފުރަތަމަ ހާފުގައި ފަހު 20 މިނެޓުގައި ބަނގްލަދޭޝްގެ ޓީމަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ނަމަވެސް ދެވަނަ ހާފުގައި އިތުރަށް ވަރުގަދަކޮށް މެޗުގެ 74 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ނަތީޖާ ހަމަހަމަކުރީ ބަނގްލަދޭޝްގެ ޔާސީން އަރަފާތެވެ. ބަނގްލަދޭޝްގެ މިލަނޑަށްފަހު އަނެއްކާވެސް ބަނގްލަދޭޝްގެ ފަރާތުން ފެނިގެންދިޔައީ މޮޅު ކުޅުމެކެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ބަނގްލަދޭޝްގެ ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. މިއީ މިމުބާރާތުގައި ބަނގްލަދޭޝް އަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ. އަދި މުބާރާތުގެ ދެވަނަ ރަތް ކާޑެވެ. އެގޮތުން ފުރަތަމަ މެޗުގައި ސްރީލަންކާގެ ކުޅުންތެރިއަކަށް ވެސް ވަނީ ރަތް ކާޑެއް ދައްކައިފައެވެ. މީގެ އިތުރުން ރީނދޫ ކާޑުތަކެއް ވެސް ފެނިގެންދިޔަ މި މެޗުގައި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީއަށް ވެސް ވަނީ ރީނދޫ ކާޑެއް ދައްކައިފައެވެ.

ޕޮއިންޓް ތާވަލަށް ބަލާއިރު 04 ޕޮއިންޓާއެކު މިހާރު އެއްވަނައިގައި އޮތީ ބަނގްލަދޭޝްއެވެ. އަދި 3 ޕޮއިންޓާއެކު ދެވަނައިގައި ނޭޕާލް އޮތް އިރު 01 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އިންޑިއާއެވެ. ސްރީލަންކާ އަދި ދިވެހިރާއްޖެ އޮތީ އެއްވެސް ޕޮއިންޓެއް އަދި ނުލިބި 4 އަދި 5 ވަނައިގައެވެ.

މުބާރާތުގައި ބަނގްލަދޭޝް ދެން ނުކުންނަން ޖެހޭނީ ދިވެހިރާއްޖެއާ ދެކޮޅަށެވެ. އަދި އިންޑިއާ ނުކުންނަން ޖެހޭނީ ސްރީލަންކާއާ ދެކޮޅަށެވެ. މި ދެ މެޗު ވެސް އޮކްޓޫބަރު 07ގައި އޮތް އިރު، މިރޭ ވެސް މުބާރާތުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރޭގެ މެޗުގައި ބައްދަލުކުރާނީ ނޭޕާލާއި ސްރީލަންކާއެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން 9 ޖަހާއިރެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނާޢިމް ޢަލީ
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.