ސާފް ޗެމްޕިއަންޝިޕް 2021ގައި ނޭޕާލް 2 މެޗުން މޮޅުވެ ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. މުބާރާތުގެ 4 ވަނަ މެޗުގައި މިރޭ ސްރީލަންކާއާ ދެކޮޅަށް ކުޅުނު މެޗު ނޭޕާލް ކާމިޔާބު ކުރީ 2-3 ގެ ނަތީޖާއަކުންނެވެ. އަދި ނޭޕާލްގެ ފުރަތަމަ މެޗުގައި 0-1 އިން ވަނީ ދިވެހިރާއްޖެ ބަލިކޮށްފައެވެ. އެހެންކަމުން ތާވަލުގެ އެއްވަނައިގައި 06 ޕޮއިންޓާއެކު އޮތީ ނޭޕާލެވެ.

ސްރީލަންކާއާ ދެކޮޅަށް މިރޭ ކުޅުނު ފޯރިގަދަ މެޗުގައި ފުރަތަމަ ލީޑް ނެގީ ނޭޕާލުންނެވެ. އެލަނޑު ނޭޕާލަށް ކާމިޔާބުކޮށްދިނީ މެޗުގެ 30 ވަނަ މިނެޓުގައި ސުމަން ލާމާއެވެ. 0-1 ގެ ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނުއިރު ސްރީލަންކާގެ ފަރާތުން ފެނިގެންދިޔައީ ވަރުބަލި ކުޅުމެކެވެ.

ނޭޕާލުން ނަގާފައިވާ ލީޑް އިތުރަށް ފުޅާކުރީ މެޗުގެ 51 ވަނަ މިނެޓުގައި އަންޖަން ބިސްތާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލީޑް ހަނިކޮށްދިނީ މެޗުގެ 57 ވަނަ މިނެޓުގައި ސްރީލަންކާއިން ކާމިޔާބުކުރި ލަނޑުންނެވެ. ސްރީލަންކާގެ މާވިން ހަމިލްޓަން އޭރިއާ ބޭރުން ދުރުން ފޮނުވާލި ބޯޅަ ގޯލަށް ލައި ވަނީ ޓީމަށް އިތުރު ހިތްވަރެއް ދީފައެވެ.

ދެވަނަ ހާފުގައި 2 ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ މޮޅު ކުޅުމެކެވެ. ލަނޑުޖަހާނެ ގިނަ ފުރުޞަޠުތަކެއް 2 ޓީމަށް ވެސް ލިބިގެން ދިޔައެވެ. މެޗުގެ ފުރިހަމަ ވަޤުތު ހަމަވާން 5 މިނެޓަށް ވެފައިވަނިކޮށް ނޭޕާލުން ވަނީ އަނެއްކާވެސް ލީޑް ފުޅާކޮށްފައެވެ. އާޔޫޝް ޤާލަން މި ލަނޑު ކާމިޔާބުކޮށްފައިވާއިރު މެޗުގެ ފުރިހަމަ ވަޤުތު ހަމަވެ އިތުރު ވަޤުތުގެ ގޮތުގައި ދެއްކި 5 މިނެޓުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ޑީ ސިލްވާ ވަނީ ސްރީލަންކާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ތާވަލުގެ އެއްވަނައިގައި 06 ޕޮއިންޓާއެކު ނޭޕާލް އޮތް އިރު ދެވަނައިގައި އޮތީ 04 ޕޮއިންޓާއެކު ބަނގްލަދޭޝްއެވެ. އަދި 01 ޕޮއިންޓާއެކު ތިންވަނައިގައި އިންޑިއާ އޮތް އިރު ދިވެހިރާއްޖެއަށާއި ސްރީލަންކާއަށް އަދި އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މުބާރާތުގައި ދެން ކުރިއަށް އޮންނާނީ އިންޑިއާ އާއި ސްރީލަންކާ ވާދަކުރާ މެޗެވެ. އެ މެޗު އޮންނާނީ 2021 އޮކްޓޫބަރު 07 ވާ ބުރާސްފަތި ދުވަހުގެ ހަވީރު ރާއްޖެ ގަޑިން 04 ޖަހާއިރެވެ. ދެން އެއަށްފަހު އެރޭ 9 ޖަހާއިރު އޮންނާނީ ދިވެހިރާއްޖެ އާއި ބަނގްލަދޭޝް ބައްދަލުކުރާ މެޗެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނާޢިމް ޢަލީ
މުނިއަވަސްގެ އެންމެ ހަގު ލިޔުންތެރިޔާ ނާާޢިމް ޢަލީ އަކީ ލިޔުންތެރިކަމުގައި ތަޖުރިބާހުރި ޒުވާނެކެވެ.
ނާޢިމް ޚާއްޞަވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ޚަބަރުތަކަށެވެ.