ކަޒްމިކް އިންޓަނޭޝަނަލް އަދި އައިފިލްމްސް ގުޅިގެން އުފައްދަމުން އަންނަ އެންތޮލޮޖީ ސީރީޒް “މަޒްލޫމް”ގެ ތިންވަނަ ބައި “މިންޖު”ގެ ޕޯސްޓަރު ދައްކާލައިފިއެވެ.

“މިންޖު” ގައި ހަރަކާތްތެރި ވަނީ ރާއްޖޭގެ އެންމެ ނަން މަޝްހޫރު އެއް އެކްޓަރ އަދި ހުނަރުވެރި ޑައިރެކްޓަރ ރަވީ ފާރޫޤްއެވެ. ރަވީގެ އިތުރުން މި އެޕިސޯޑުން ދިވެހި ފިލްމީ ދާއިރާއަށް ތަޢާރަފްވެގެން ދާނީ އިފްނާޒް ފިރާޤްގެ އަންހެނުން ތާތި އާދަމް އާއި ޗައިލްްޑް އާޓިސްޓް ޒުވެއިލް ޢަލީ ޠާރިޤްއެވެ. ޒުވަައިލް އަކީ މުނިއަވަސް އިން ބޭއްވި މަދަހަ މުބާރާތްތަކާއި ޤުރުއާން މުބާރާތުން ވެސް ފަޚުރުވެރި ވަނަތަކެއް ހާޞިލްކޮށްފައިވާ ކުއްޖެކެވެ.

“މިންޖު”ވެސް ދައްކާނީ މި ސީރީޒްގެ މަޒްލޫމް އަދި ޒައްރޫކް ވެސް ދައްކާފައިވާ ބައިސްކޯފުން ނެވެ. “މިންޖު”ގެ މައުލޫމާތު މުނިއަވަސްއާ ހިއްސާކުރަމުން ޑައިރެކްޓަރ އިއްލެ ބުނީ މަޒްލޫމްގެ ތިންވަނަ ބައިގެ ޝޫޓިންގ އެއްކޮށް ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް އެބައިގެ ޓްރެއިލާ ވެސް ރިލީޒްވާނެ ކަމަށެވެ.

 

View this post on Instagram

 

A post shared by I Films (@ifilmsmv)

“މި އެޕިސޯޑްވެސް އިންނާނީ ކުރީގެ ދެ އެޕިސޯޑާ ގުޅިފަ. މިއީވެސް ހަމަ ސޯޝަލް އިޝޫއަކަށް ހަދާފައިވާ ފިލްމެއް.” އިއްލެ ބުންޏެވެ. ހަތަރު ބަޔަކަށް ބަހާލައިގެން ދައްކާ މަޒްލޫމްގެ މިއަށްފަހު ދެން އޮންނާނީ އެންމެ ފަހު ބައިގެ މަސައްކަތް ކަމަށް ވެސް އިއްލެ ބުންޏެވެ.

މަޒްލޫމްގެ ފުރަތަމަ ބައިން ދައްކުވައިދިނީ ރޭޕް ކޭސްއެއްގެ ވާހަކައެވެ. ދެވަނަ ބައި ކަމުގައިވާ “ޒައްރޫކް” އިން ދައްކުވައި ދީފައިވަނީ މައިންބަފައިންގެ ފަރާތުން އަޅައިލުން ލިބެންވާ ވަރަށް ނުލިބުނު ކުޑަ ކުއްޖަކަށް ދިމާވާ ނަފްސާނީ މައްސަލަތަކެއްގެ ވާހަކައެވެ. މި ދެ ބަޔަށް ވެސް ބެލުންތެރިންގެ ހޫނު ތަރުހީބެއް ލިބިފައިވެއެވެ.

“މިންޖު”ގެ އިތުރު ތަފުސީލު މުނިއަވަސް ކްލަބްހައުސްގެ ޚަބަރަށް އިއްލެ ހިއްސާކޮށްފައިވެއެވެ. މި ގެނެސްދެނީ އިއްލެގެ ކުރުކުރު ބަސްދީގަތުމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.