ޑްރީމް ނެޓްވޯކްއިން ބައިސްފޯއާއި މަލްޓި ސްކްރީން ފަދަ އެޕެއް “ދި ސިނަމާ” ގެ ނަމުގައި ދިވެހީންނަށް ގެނެސްދޭން ތައްޔާރުވަމުން އެބަދެއެވެ.
މިހާރު އެޕްގެ ޓެސްޓިންގ މަސައްކަތް ކުރިއަށްދާއިރު އެންޑްރޮއިޑް އަދި އައިފޯނަށްވެސް މި އެޕްގެ ޚިދުމަތް ލިބޭނެކަމަށް ކަމަށް ޑްރީމް ނެޓްވޯކްގެ މާކެޓިންގ ހެޑް މުޙައްމަދު ހުޒާމް މަޢުލޫމާތު ދެއެވެ. މިހާރުގެ މާކެޓަށް އިތުރު ފުރިހަމަކަމެއް ގެނައުމަށް ތައްޔާރުވަމުން ދާއިރު އަމާޒަކީ މިހާރަށްވުރެ ހެޔޮ އަގެއްގައި ޚިދުމަށް ދިނުން ކަމަށްވެސް ހުޒާމް ބުނެއެވެ.
“ދި ސިނަމާ” އިންވެސް ބެލުންތެރިން ޝައުޤުވެރިވާނެފަދަ ދިވެހި ޑްރާމާ ސިލްސިލާތަކާއި އެހެނިހެން އުފެއްދުންތައް ގެނެސްދޭނެއެވެ. އެގޮތުން 46 އެޕިސޯޑްގެ ސިލްސިލާއެއް ދައްކަން ތައްޔާރުވެފައިވާއިރު 50 އެޕިސޯޑްގެ ސިލްސިލާއެއްގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދެއެވެ. އޭގެ އިތުރުން 100 އެޕިސޯޑްގެ ސިލްސިލާއެއް އުފެއްދުމަށް މަޝްހޫރު ޑައިރެކްޓަރުންނާ ވާހަކަ ދައްކަމުންދާއިރު މުސްތަޤުބަލުގައި ޑްރާމާ ސިލްސިލާތައް އުފެއްދުމުގައި ދިވެހިންގެ ވިންދާ އިހުސާސްތަކާ އެއްގޮތަށް އުފެއްދުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ހުޒާމް ބުނެފައިވެއެވެ.
މިހާރު މާކެޓްގައި އުޅޭ އެޕްތަކަށްވުރެ މަހު ފީ ކުޑަވާނެ ކަމަށްވެސް ހުޒާމް ބުނެއެވެ.
