މޯލްޑިވް ސޮސައިޓީ ފޮރ ޕާރފޯމިނގް އާރޓްސް (އެމް.އެސް.ޕީ.އޭ) ރީބްރޭންޑް ކުރުމަށްފަހު ރަސްމީކޮށް ސޮސައިޓީގެ މަސައްކަތްތައް ފެށުމުގެ ގޮތުން މި ހިނގާ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭ “އެމް.އެސް.ޕީ.އޭ މިއުޒިކަލް ނައިޓް“ގެ ނަމުގައި ޚާއްޞަ އިވެންޓެއް ބޭއްވުމަށް ނިންމައި އެކަމުގެ މަސައްކަތްތައް ފަށައިފިއެވެ.

އެމް.އެސް.ޕީ.އޭ އިން މުނިއަވަސް އަށް ބުނީ މި އިވެންޓުގައި ގިނަ ކަންތައްތަކެއް ހިމެނޭ އިރު، އެމް.އެސް.ޕީއޭގެ ރަސްމީ އައު ލޯގޯ ތަޢާރަފް ކުރުމާއި، އެމް.އެސް.ޕީ.އޭގެ އޮފިޝަލް ވެބްސައިޓް ލޯންޗުކުރުން ހިމެނޭނެ ކަމަށެވެ. މީގެ އިތުރުން، ބައެއް ފަރާތްތަކާއެކު އެމްއޯޔޫގައި ސޮސައިކުރުންވެސް މި އިވެންޓުގައި ހިމެނިފައިވެއެވެ.

އެމް.އެސް.ޕީ.އޭ މިއުޒިކަލް ނައިޓަކީ ކުޑަ ސްކޭލެއްގައި ޒުވާން ލަވަކިޔުންތެރިންނަށާއި މިއުޒިޝަނުންނަށް ބޮޑަށް އަމާޒުކުރެވިގެން ފަށާ އިވެންޓެއް ކަަމަށް އެ ސޮސައިޓީން ބުނެއެވެ. އެގޮތުން މުނިފޫހިފިލުވުމުގެ ދާއިރާއަށް އަލަށް ނުކުމެފައި ތިބި ފަރާތްތަކާ ނިކުންނަން ބޭނުންވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކައިލުމަށް ވެސް މި އިވެންޓްގައި ފުރުޞަތު ދޭނެއެވެ.

އެމް.އެސް.ޕީ.އޭ މިއުޒިކަލް ނައިޓަކީ މި އަންނަ އަހަރުން ފެށިގެން ސިލްސިލާ ޕްރޮގްރާމެއްގެ ގޮތުގައި ކޮންމެ މަހަކުވެސް ދެ އިވެންޓް ބޭއްވުމަށް ނިންމާފައިވާ ހަރަކާތެކެވެ.

“އެމް.އެސް.ޕީ.އޭގެ އެދުމަކީ ލަވަކިއުމާއި މިއުޒިކަށް ޝައުގްވެރިވާ ޒުވާނުންނާއި އަދި މިހާރުވެސް މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އެމް.އެސް.ޕީ.އޭ އާއި ގުޅި މި ހަރަކާތްތައް ކުރިޔަށް ގެންދިއުމުގައި އެހީތެރިކަމާ އެއްބާރުލުން ދިނުން.” އެމްއެސްޕީއޭ އިން ބުނެފައި ވެއެވެ.

އެމް.އެސް.ޕީ.އޭގެ މަޤްސަދަކީ ވީހާވެސް ގިނަ ފަރާތްތަކަކަށް ފަންނުވެރިކަމުގެ ދާއިރާއިން ތަފާތު އެކިއެކި ޕްލެޓްފޯމް ތަކުގައި ފުރުސަތު ހޯދައިދިނުން ކަމަށް އެތަނުން ބުނެއެވެ.

އެމް.އެސް.ޕީ.އޭ މިއުޒިކަލް ނައިޓް“ގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯދުމަށް 7727264 އަށް ގުޅުއްވައިގެން ނުވަތަ އެސްއެމްއެސް ކޮށްގެން ކުރިއަށް ގެންދެވޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.