ބޮލީވުޑްގެ އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ ކަންގަނާ ރަނާވަތުގެ އެންމެ ފަހުން ރިލީޒްވި ފިލްމު “ތަލައިވީ” އާއެކު އޭނާގެ މަޝްހޫރުކަން ކުރިއަށްވުރެ އެތައް ތަނެއް އިތުރުވެއްޖެކަމަށް އޭނާ ބުނެފިއެވެ.
އަބަދުވެސް އަމިއްލަ މީހާގެ މޮޅު ވާހަކަދައްކައި އެހެން މީހުންނަށް ބަދު ބަސް ބުނުމަށް މަޝްހޫރު ކަންގަނާ މިހެން ބުނެފައިވަނީ “ތަލައިވީ” އަށްފަހު އޭނާއަށް މީހުން ކުރާ ތަޢުރީފާއި ފިލްމާއި ގުޅޭގޮތުން މީޑިއާއާއި ވާހަކަދައްކަމުންނެވެ. މީޑިއާތަކާ ވާހަކަދައްކަމުން ކަންގަނާ ބުނެފައިވަނީ އޭނާއަކީ އަމިއްލަ މަސައްކަތުން ކުރިއަށްދާ މީހެއް ކަމަށާއި އެހެން ބަތަލާއިންހެން މަޝްހޫރު ބަތަލުންގެ އެހީގައި ކާމިޔާބު ހޯދާ މީހެއް ނޫންކަމަށެވެ. އޭނާ މިހާރު އެހުރީ އޭނާގެ ކެރިއަރުގެ އެންމެ ރަނގަޅު ހިސާބުގައި ކަމަށް ބުނަމުން ކަންގަނާ ތަކުރާރުކޮށް ބުނެފައިވަނީ އޭނާއަކީ އެހެން މީހުންގެ ހިޔަނިން ކާމިޔާބު ހޯދާ މީހެއް ނޫންކަމަށެވެ. އަދި އެއީ އެކަން އޮންނަންޖެހޭ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
“ތަލައިވީ” އަށް ތަޢުރީފުކުރާ ގިނަ މީހުން ބުނާގޮތުގައި ފިލްމުގައި ކަންގަނާ ދެއްކި އެކްޓިންގއަކީ އޭނާއަށް 5 ވަނަ ނެޝަނަލް އެވޯޑެއް ޙައްޤުވާވަރުގެ މޮޅު އެކްޓިންގއެކެވެ.
“ތަލައިވީ” އަކީ ކުރީގެ ބަތަލާ އަދި ކުރިން ތަމިލްނާޑޫގެ ޗީފް މިނިސްޓަރުކަން ކުރި ޖާޔާލަލީތާގެ ޙަޔާތުގެ މައްޗަށް އުފެއްދި ފިލްމެކެވެ. ފިލްމުގައި އޭނާގެ ޅައުމުރުގައި ދިރިއުޅުން ހުރިގޮތާއި ބަތަލާއެއްގެ ގޮތުގައި ހޭދަކުރި ދުވަސްތަކާއި ސިޔާސީ މައިދާނަށް ވަދެ ދިރިއުޅުން ބަދަލުވިގޮތް ދައްކުވައިދީފައިވެއެވެ.
ކަންގަނާއާއި އަރްވިންދު ސުވާމީ ލީޑް ރޯލު ކުޅުނު “ތަލައިވީ” އަކީ އޭ.އެލް ވިޖޭ ޑައިރެކްޓްކުރި ފިލްމެކެވެ.
