މޫމިނާ ދުރައިދު ޕްރޮޑިއުސްކޮށް ގެނެސްދޭ ޑްރާމާ ސިލްސިލާ “ދުބާރާ” މާދަމާ ރޭ ފަށާނެއެވެ.
ރާއްޖެ ގަޑިން ރޭގަނޑު 20:00 ގައި ދައްކަން ފަށާ މި ޑްރާމާ ސިލްސިލާގައި ކިޔައިދޭނީ އުމުރުން ހަގު ފިރިހެނަކާ ކައިވެނިކުރާ އަންހެނަކަށް ދިމާވާ ޢާއިލީ އަދި އިޖުތިމާޢީ އެކި ކަހަލަ ގޮންޖެހުންތަކުގެ ވާހަކައެވެ.
“ރަޤީބް ސޭ” އިން އެކްޓިންގއަށް ނުކުތް ލަވަކިޔުންތެރިޔާ ހަދީޤާ ކިއާނީއާއި ބިލާލް އައްބާސް އަދި އުސާމާ ޚާން މައިގަނޑު ރޯލުތައް ކުޅުނު މި ޑްރާމާގެ މުހިންމު އެހެން ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ސަކީނާ ސާމޯއާއި ނަބީލް ޒުބޭރީގެ އިތުރުން ސަބީނާ ސައީދު ހިމެނެއެވެ.
ލޯބީގެ ވާހަކަތަކެއް ކިޔައިދޭ މި ސިލްސިލާ ޑައިރެކްޓްކޮށްފައިވަނީ ހަމް ޓީވީގެ “ޚާސް” އާއި “ކަޝްފު” އަދި “ޗުޕްކޭ ޗުޕްކޭ” ފަދަ ސިލްސިލާތައް ޑައިރެކްޓްކޮށް ގެނެސްދިން ދާނިޝް ނަވާޒްއެވެ.
“ދުބާރާ” މާދަމާ ރެއިން ފެށިގެން ކޮންމެ ބުދަ ދުވަހެއްގެ ރޭ 20:00 ގައި ހަމް ޓީވީއިން ބަލައިލެވޭނެއެވެ.
