ފެންވަރު ރަނގަޅު، ރީތި ދިވެހި ފިލްމުތަކެއް އުފައްދަމުން އަންނަ، އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސް ޑާކްރެއިން އެންޓަޓެއިންމެންޓުން އުފެއްދުމުގެ މަރުހަލާގައި ހުރި ފިލްމުތަކުގެ ތެރެއިން ފިލްމު “ބަޅިނދު” އުދުއްސައިގަންނަން ތައްޔާރުވެއްޖެ އެވެ.

ޑާކްރެއިންގެ ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ)ގެ ފޭސްބްކްގައި ކޮށްފައިވާ އަދާހަމައެއްގައި ބުނީ “#ބަޅިނދު ގެޓިންގ ރެޑީ ޓު ޓޭކް އޯފް” ކަމަށެވެ.

2020 ވަނަ އަހަރު ބެލުންތެރިންނާ ހަމައަށް ގެންނަން ނިންމާފައިވާ “ބަޅިނދު މިއީ ބިރުވެރި ފިލްމެއް ކަމަށް މުނިއަވަސް އަށް މޮގާ ބުންޏެވެ.

ބިރުވެރި ފިލްމު “ބަޅިނދު”ގެ ޕޯސްޓަރެއް – ފޮޓޯ: ޑާކްރެއިން އެންޓަޓެއިންމެންޓް

ފިލްމު “ބަޅިނދު”ގައި ވެސް ބޮޑު ކާސްޓެއް ހިމެނެއެވެ. ފިލްމުގައި ހިމެނޭ ބައެއް ތަރިންނާއެކުގައި މުޙައްމަދު ޢަލީ (މޮގާ)، ޢަލީ ޝިފާޢު (ޗިއްޕެ) އާއި އަހްމަދު ސިނާން އަދި ހޫދު އިބްރާހީމް ނަގާފައިވާ ފޮޓޯއެއް އާއްމުކޮށްފައި ވެއެވެ.

ފިލްމު “ބަޅިނދު”ގައި ޖުމައްޔިލް ނިމާލް (ޖުމާ)، އިސްމާޢީލް ޖުމައިހް، އާޝާ، ރެޕް އާޓިސްޓް ޓޯއީ، ވެބްސީރީޒް “އެހެނަސް” އިން ތަޢާރަފުވެފައިވާ ސަރާގެ އިތުރުން ޔުނާން އާއި ފިލްމު “ފޯޓީ ޕްލަސް” އާއި ވެބް ސީރީޒް “ހުވާ”އިން ފެނިފައިވާ ހުނޭޝާ އާދަމް ނަސީރު ހަރަކާތްތެރިވާނެއެވެ.

ފިލްމު “ބަޅިނދު” ގެ ސްކްރީންޕްލޭ ލިޔުނީ ހޫދު އިބްރާހީމް އެވެ. ފިލްމު ޑައިރެކްޓްކުރަނީ އަޙްމަދު ސިނާން އެވެ. ފިލްމު ކެމެރާކުރާނީ ޑާކްރެއިންގެ ގިނަ އުފެއްދުންތައް ކެމެރާކޮށްފައިވާ އަލީ ޝިފާޢު (ޗިއްޕެ) އެވެ.

ޑާކްރެއިން އިން މިއަހަރު ފިލްމު “ގޮށްރާޅު” އަދި “މާމުއި” ގެނެސްދީފައިވާއިރު، “ނޮވެމްބަރު”ގެ ނަމުގައިވެސް ފިލްމެއް ހެދުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.