ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި މަސްތު – ޗެޕްޓަރ 36
މުނިއަވަސް ގްރެފިކްސް

މަސްތުގެ ދުނިޔެއަށް ދޫކޮށްލައިފި

ވަޝިއްޔާގެ ބައްޕަ ކުރިޔަށް ގެންދިޔައެވެ. ތުރުތުރުއަޅާ އަސަރުން ފުރިގެންވާ އަޑަކުންނެވެ. މިރުޒާ އޭނާގެ ލޯ މަރާލައި ކަނުލާ އަޑުއެހިއެވެ.

“މި ހުރިހާ ކަމެއްވެސް ވީ ހަމަ ކަލޭގެ ސަބަބުން.”

ލިބުނު އެއްވެސް އިންޒާރަކަށްވުރެ އެ އިލްޒާމް މިރުޒާގެ ހިތަށް މާ ބޮޑަށް ތަދުވިއެވެ.

“ކަލޭގެ ކަންތައްތަކާ ބެހޭ އެއްވެސް އެއްޗެއް އަހަރެމެންނަކަށް ނޭނގޭ މިރުޒާ. ކަލޭ އުޅެނީ ކޮންކަހަލަ ބަޔަކާއެކު ކަމެއް، ކުރަނީ ކޮންކަހަލަ ވިޔަފާރިއެއް ކަމެއް، ނުވަތަ އަހަރެމެންގެ ދަރިފުޅުގެ ދިރިއުޅުމުގެ ތެރެއަށް މިފަދަ ބަޔަކު ވެއްދުމަށް ކަލޭ ކުރީ ކީއްކަމެއްވެސް އަހަރެމެންނަކަށް ނޭނގޭ. އަހަރެމެންނަށް އެނގޭހާވެސް އެއްޗަކީ އަހަރުމެންގެ ދަރިފުޅު އޭނާގެ އޮފީސް ރައްޓެހިންނާއެކު ލަންކާއަށް ދިޔަކަން. އަދި ކޮންމެވެސް ގޮތަކުން ކަލެއާ ދިމާވިކަން. މިހާރު އެ ދަރިފުޅަށް ވެފައިވާ ހާލު ބަލާބަލަ.”

“ވަޝިއްޔާ ބައްޕާ، އަޅުގަނޑު ހުވާކޮށްފައި ބުނަން އަޅުގަނޑު ގަސްތަކު..”

“އަހަރެންގެ ކުރިމަތީގައި އެއްވެސް ހުވައެއް ނުކުރޭ!”

ކުއްލިއަކަށް އިވުނު ބާރު ހަޅޭކުގެ އަޑު މުޅި ކޮޓަރި ތެރޭގައި ގުގުމާލިއެވެ.

“ކަލޭ އެކުއްޖާ ހިފަހައްޓައިގެން ނުހުރެދާނެ. އެ ކޮޓަރި ތެރޭގައި ކަލޭ ނެތިދާނެ. ކަލޭ އެކުއްޖާގެ ގައިގައި އަތްނުލާވެސް ހުރެދާނެ. އެކަމަކު ކަލޭ ތިޔަ އުޅޭ ނުބައި ދުނިޔޭގެ ސަބަބުން މަގޭ ދަރިފުޅުގެ ދިރިއުޅުން އެވަނީ ބަރުބާދުވެފައި.”

މިރުޒާ އަނގަ ހުޅުވާލި ނަމަވެސް ބުނާނެ އެއްވެސް ބަހެއް ދުލަކަށް ނައެވެ. އޭނާ ވަޝިއްޔާ ހޯދަމުންދާ ކަމާއި، އޭނާއަށްވެސް އިންޒާރު ލިބެމުންދާ ކަމަށް ބުނަން އޭނާ ބޭނުންވިއެވެ. ވަޝިއްޔާ ގެއަށް ގެނައުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމަށް ބުނަން ބޭނުންވިއެވެ. އެ އެޕާޓްމަންޓް ހަމަޖައްސައިދިންއިރު މިފަދަ ކަމެއް ވެދާނެކަމަށް ދުވަހަކުވެސް ހީނުކުރާކަމަށް ބުނަން ބޭނުންވިއެވެ. ނަމަވެސް އޭނާއަށް ބުނެވޭނީ ވަކި ކީކޭ ހެއްޔެވެ؟ އޭނާ އެކަން ކުރަން ގަސްތުނުކުރާ ކަމަށް ހެއްޔެވެ؟ އަމަލީ ގޮތުން އެ ކުށުގައި އޭނާ ބައިވެރިނުވާ ކަމަށް ހެއްޔެވެ؟ ނޫނީ މާފަށް އެދޭނީ ހެއްޔެވެ؟

އެ އާއިލާއަށް ފެނުނު މަންޒަރުތަކަކީ މިފަދަ އެއްވެސް ބަހަކުން ފޮހެލެވޭނެ ކަންތައްތަކެއް ނޫނެވެ.

މިވެސް ކިޔާލަން:  ރިހި ރޫޙް - ޗެޕްޓަރ 27

“މީގެ ފަހުން އަހަރެންގެ ދަރިފުޅަށް އޮތީ ކޮން ކަހަލަ ދިރިއުޅުމެއް؟” ވަޝިއްޔާގެ ބައްޕަ އަނެއްކާވެސް އަޑުބެދިފައިވާ ހާލު ސުވާލުކުރިއެވެ. “އޭނާ މީހުންނަށް މޫނު ދައްކާނީ ކިހިނެއް؟ އޭނާ ގެއަށް އަންނާނީ ކިހިނެއް؟ ބީރައްޓެހިން އެ ވީޑިއޯތައް ބަލާފައިވާއިރު، އޭނާގެ ތިމާގެ މީހުންނާއި އަވަށްޓެރިންގެ ތެރޭގައި އޭނާ އިންނާނީ ކިހިނެއް؟ އެ ދަރިފުޅުގެ މުސްތަޤުބަލަށް ވާނީ ކިހިނެއް؟”

“ވަޝިއްޔާ ބައްޕާ، އާދޭސްކޮށްފައި ބުނަން. ވަޝިއްޔާ އެހުރީ ދުނިޔޭގައި. އަޅުގަނޑުމެން އެބަޖެހޭ އޭނާ ހޯދަން. އޭނާއަށް މިހާރު އާއިލާގެ އެހީތެރިކަން މާ ބޮޑަށް ބޭނުންވާނެ.”

“އާއިލާގެއޭ؟”

އެއަށްފަހު އިވުނު ހިތި ހިނިގަނޑުގެ އަޑު ހަޅޭކުގެ އަޑަށްވުރެ މާ ވޭންދެނިވިއެވެ.

“އާއިލާއަކީ ކޮބައިކަން ކަލެއަށް އެނގޭ ކަހަލަ ގޮތަކަށް ތިޔަ ވާހަކަދައްކަނީ. އަހަރެމެން މި އުޅޭ ހާލެއް ކަލެއަކަށް ނޭނގޭނެ. އަހަރެމެން އެ ދަރިފުޅު ބޮޑުކުރީ ލޯތްބާއެކު. ރައްކާތެރިކަމާއެކު. އަހަރެމެންނާ ދުރުގައި ހުރި ނަމަވެސް އޭނާ ހުރީ ސަލާމަތުން ކަމަށް އަހަރެމެން އިތުބާރުކުރިން. އެކަމަކު މިހާރު މި ލިބުނީ އެއްވެސް ލަދުހަޔާތެއް ނެތް ބަޔަކު އަހަރެމެންގެ ދަރިފުޅުގެ އިއްފަތްތެރިކަން ފޭރިގަންނަ މަންޒަރު ފެންނަ ވީޑިއޯ.”

މިރުޒާގެ ލޮލުން ކަރުނަ ހިލުނެވެ.

“ވަޝިއްޔާ ބައްޕާ، އަޅުގަނޑުގެ ވާހަކަ އަޑުއައްސަވާ. އަޅުގަނޑު އޭނާ ހޯދާނަން. އަޅުގަނޑު އޭނަ ގެނެސްދޭނަން. އަޅުގަނޑު ވަޢުދުވަން..”

“އޭގެ ބޭނުމެއް ނެތް.”

މިފަހަރު އެ ބަސްތައް ބުނީ ވަރަށް މަޑުމައިތިރިކޮށް، އެއްވެސް އިޙުސާސެއް ނެތް ފަދަ ގޮތަކަށެވެ.

“ކަމާބެހޭ ފަރާތްތަކުންވެސް އެކުއްޖާ ހޯދުން އަހަރެން މިހާރު ހުއްޓުވައިފިން. ދެން އެމީހުން އިތުރަށް ތި ތަހުޤީޤެއް ގެންދަން ބޭނުންނަމަ ކުރިޔަށް ގެންދަންވީ. އަހަރުމެންގެ އެއްވެސް އެއްބާރުލުމެއް ނެތް.. އެކަމާ ގުޅިގެން އަހަރެމެންނަށް ދެން ނުގުޅުމަށް އަހަރެން ބުނެފިން.”

މިރުޒާ ހުރި ތަނަށް ގަނޑުވި ކަހަލައެވެ. “ކީކޭ؟”

“ކަލެއަށް އިވުނު ގޮތް ރަނގަޅު.”

“އެކަމަކު.. އެއީ ދަރިފުޅެއްނުން.”

ވަރަށް ގިނަ ވަގުތު ވަންދެން ހިމޭންކަން ދެމިގެން ދިޔައެވެ.

“އޭނާއަކީ ދެން އަހަރެމެން ދަންނަ އަހަރުމެންގެ ދަރިފުޅެއް ނޫން.”

އެ ޖުމްލައާއެކު މިރުޒާގެ ހަށިގަނޑުގައި ހުރި ހުރިހާ ހަކަތައެއް ހުސްވި ކަހަލައެވެ.

މިވެސް ކިޔާލަން:  ރިހި ސިއްރު - ޗެޕްޓަރ 10

“ދެން އޭނާ ހޯދާކަށް އަހަރެމެން ބޭނުމެއް ނޫން. އޭނާއަކީ އަހަރެމެންނަށް މަރުވެފައިވާ ކުއްޖެއް ކަމަށް ބަލާ.

“އާދޭސްކުރަން..”

“ދެން ދުވަހަކުވެސް މި އާއިލާއަށް ނުގުޅާތި.”

އެއާއެކު ފޯނު ކަނޑާލިއެވެ.

*****

އަނެއްކޮޅުން ފޯނުގެ އެއްވެސް އަޑެއްނީވި، ކެނޑިފައި ހުރި ނަމަވެސް، އެތައް ސިކުންތެއް ވަންދެން މިރުޒާ ހުރި ފިޔަވަޅުމަތީގައި ގަނޑުވެފައި ހުއްޓެވެ. އޭނާގެ ފޯނު އޭރުވެސް ހުރީ ކަންފަތުގައި ޖައްސައިގެންނެވެ. އޭނާގެ ދެލޯ ހުއްޓިފައި ހުރީ ހުސްކަމެއްގެ ތެރެއަށެވެ. އެ އިވުނު ބަސްތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ކޮންމެ ބަހަކީވެސް އޭނާގެ ހިތަށް ދެވޭ ވަރުގަދަ ހަމަލާއެކެވެ.

“އަހަރެމެންނަށް އޭނާއަކީ މަރުވެފައިވާ މީހެއް ކަމަށް ބަލާ.”

މިރުޒާ މަޑުމަޑުން ފޯނު ތިރިކޮށްލިއެވެ.

އިބްރާހީމް އޭނާގެ ގާތަށް އެނބުރިލިއެވެ. “އެއީ ކާކު؟”

މިރުޒާއަކަށް ޖަވާބެއް ނުދެވުނެވެ.

“މިރުޒާ؟”

އެއްވެސް ޖަވާބެއް ނައެވެ.

އިބްރާހީމް ފިޔަވަޅެއް ކުރިއަށް ޖެހިލާފައި މިރުޒާގެ މޫނަށް ބަލާލިއެވެ. މިރުޒާ ރުޅިއައިސްފައި ހުއްޓާވެސް، މަޖާވެފައި ހުއްޓާވެސް، މަސްތުގެ ހާލަތުގައި ހުއްޓާވެސް، ބޮޑާވެފައި ހުއްޓާވެސް އަދި ބިރުގަންނަވާ ފަދަ ހަމަހިމޭންކަމެއްގައި ހުއްޓާވެސް އޭނާއަށް ފެނިފައިވެއެވެ. ނުރައްކާތެރި މީހުންނާއެކު މުއާމަލާތް ކުރާއިރުވެސް، މޫނުމަތިން ކުޑަވެސް ބިރުވެރިކަމެއް ދައްކާނުލާ ހުންނަނިކޮށް ފެނިފައިވެއެވެ. އެހެން މީހަކުނަމަ ޤައުމު ދޫކޮށް ފިލާވަރުގެ ބޮޑެތި އިންޒާރުތަކާ ކުރިމަތިލާއިރުވެސް އޭނާ ހުންނަ ސާބިތުކަން އޭނާ ވަނީ ދެކެފައެވެ. ނަމަވެސް، މިރުޒާ މިފަދަ ހާލަތެއްގައި ހުއްޓާ އޭނާ ދުވަހަކުވެސް ނުދެކެއެވެ.

މިރުޒާގެ ކޯތާފަތް މަތިން ކަރުނަ ހުއްޓުމެއްނެތި ތިރިއަށް ފައިބައެވެ. އޭނާގެ އަތުގައި އޮތް ފޯނަށް ބަލާލުމަށްފަހު، ކުއްލިއަކަށް އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ، ރޮވޭގޮތްވިއެވެ. ހިތުގައި އުފެދުނު އުދާސްތައް ބޭރުވިޔަ ނުދިނުމަށްޓަކައި އޭނާގެ ހުސް އަތް އަނގަމަތީގައި އެޅިއެވެ. އެހެނަސް، އޭނާގެ ކަރުނައިގެ އަޑު ބޭރުވިއެވެ. އެތައް އަހަރަކަށްފަހު، އެހެން މީހަކަށް ފެނިދާނެތީ ޖެހިލުންވުމެއް ނެތި، މިރުޒާ ގަފޫރު ރޮއިގަތެވެ. އެއީ އަބުރު ހިފެހެއްޓުމަށްޓަކައި މީހަކު އޮއްސާ މަޑުމައިތިރި ކަރުނައެއް ނޫނެވެ. އެއީ ފައިސާއަކުން، ނުފޫޒަކުން ނުވަތަ ބިރުދެއްކުމަކުންވެސް ފޮހެލެވެން ނެތް ނަތީޖާތަކެއް ކުރިމަތިވެފައިވާކަން ޤަބޫލުކުރެވުމުން، އެކަމުގެ ހިތާމައިގައި ބޭއިޚްތިޔާރުގައި ބޭރުވި އާހެކެވެ.

މިވެސް ކިޔާލަން:  ރިހި ރޫޙް - ޗެޕްޓަރ 12

އިބްރާހީމް ހުރި ފިޔަވަޅުމަތީގައި ހުއްޓި ހުއްޓެވެ.

“ކިހިނެއްވީ؟” އޭނާ ކުރިއަށްވުރެ މަޑުމައިތިރިކަމާއެކު އަހާލިއެވެ.

“ވަޝިއްޔާގެ ބައްޕަ.” މިރުޒާއަށް އުނދަގުލުން ބުނެވުނެވެ.

“އޭނާއަށް ކިހިނެއްވީ؟”

“އެމީހުން އޭނާއަށް ވީޑިއޯތަކެއް ފޮނުވައިފި.”

އިބްރާހީމްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.

“ވަޝިއްޔާގެ ވީޑިއޯތަކެއްތަ؟”

މިރުޒާ ބޯޖަހާލިއެވެ.

“އޭނާ އެ ވީޑިއޯތައް ބަލައިފި. އޭނާގެ އާއިލާއަށް އެ ފެނިއްޖެ.”

އޭނާއަށް ހިންދިރުވާލަންވެސް އުނދަގޫވިއެވެ.

“އޭނާގެ ބައްޕަ ބުނީ އޭނާ ހޯދުން ހުއްޓާލައިފި ކަމަށް. އަހަރެންގެ ގާތުގައި ބުނީ އޭނާއަކީ މަރުވެފައިވާ މީހެއް ކަމަށް ބަލާށޭ.”

އިބްރާހީމް ދުރަށް ބަލާލިއެވެ. “އޭނާ އެ ބުނީ ކުއްލި ސިހުމެއް ލިބިގެން ހުރެ. އޭނާއަށް ވަގުތު ދީ.”

“ނޫން.” މިރުޒާ ބޯހޫރުވާލިއެވެ. “ކަލެއަށް އޭނާ ވާހަކަ ދެއްކި އަޑެއް ނީވޭ.”

“މީހުންގެ ހިތް ހަލާކުވީމާ އެކި އެއްޗެހި ބުނާނެ.”

“އޭނާ ބުނީ ވަޝިއްޔާއަކީ އެމީހުންނަށް މަރުވެފައިވާ މީހެކޭ އިބްރާހީމް!”

ކޮޓަރިތެރެއަށް ހަމަހިމޭންކަން ވެރިވިއެވެ. މިރުޒާ އޭނާގެ ރަތްވެފައިވާ ދެލޮލުން އިބްރާހީމަށް ބަލާލިއެވެ.

“ވަޝިއްޔާ އެ ހުރީ ކޮންމެވެސް ތަނެއްގައި އެ މީހުންގެ ބަންދުގައި. ބޭރުގައި ހިނގާ އެއްވެސް ކަމެއް އޭނާއަކަށް ނޭނގޭނެ. އޭނާގެ އާއިލާއަށް ގޮވާ ރޮނީ ކަމަށްވެސް ވެދާނެ. އެ ދޮރުން މީހަކު ވަދެ އޭނާ ސަލާމަތްކުރާނެ ކަމަށް އިންތިޒާރުކުރަނީ ކަމަށްވެސް ވެދާނެ. އެކަމަކު އޭނާ ސަލާމަތްކުރަން އަންނާނެކަމަށް އޭނާ އުންމީދުކުރާ މީހުން އެތިބީ އޭނާ ހޯދުން ހުއްޓާލާފައި.”

މިރުޒާ އިސްދަށަށް ޖެހިއެވެ. “އަހަންނަށް މި ކުރެވުނީ ކީއް؟”

އިބްރާހީމް ވަގުތުން ޖަވާބެއް ނުދެއެވެ. އެކަމަށް ދެއްކޭނެ ފަސޭހަ ބަހަނާއެއް ނެތެވެ. ކުށްވެރިންގެ މެދުގައި ހިނގާ އާދައިގެ ދެބަސްވުމަކަށް މިކަން ބަދަލުކުރެވޭނެ އެއްވެސް ހުއްޖަތެއްވެސް ނެތެވެ. އެ ދެމީހުންނަކީވެސް އެމީހުން އުޅޭ ނުރައްކާތެރި މާހައުލު ރަނގަޅަށް ދަންނަ ދެމީހުންނެވެ. އަދި ނުރައްކާ މިނެކިރަނީ ފައިސާއާއި، ނުފޫޒާއި، ބާރު ކެނޑިގެން ދިއުމުގެ މައްޗަށް ބިނާކޮށްކަން އެމީހުން ދަނެއެވެ. ނަމަވެސް ވަޝިއްޔާ ތަހައްމަލު ކުރަމުންދާ ވޭނަކީ އެއިން އެކަކަށްވެސް އާދައިގެ ކަމެއްގެ ގޮތުގައި ދޫކޮށްލެވޭ ވަރަށްވުރެ ބޮޑު ކަމެކެވެ.

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top