ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މެޓްގެ އައު ވެބްސައިޓާއި “މޫސުން” އެޕްލިކޭޝަން އިފްތިތާޙުކޮށްފި

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސްއާ ގުޅިގެން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ އައު ވެބްސައިޓާއި “މޫސުން” މޮބައިލް އެޕްލިކޭޝަންގެ އަޕްގްރޭޑް ކުރެވިފައިވާ ވަރޝަން މިމަހު 8 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބޭނުންވާ މޫސުމީ މަޢުލޫމާތާއި، ކުރިއަށް ލަފާކުރާ ގޮތްތަކުގެ އިތުރުން، ކުރިއާލާ އިންޒާރުދޭ ނިޒާމުގެ ޚިދުމަތްތައް ފަސޭހަކަމާއެކު އާންމުންނަށް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

“ތައްޔާރު” މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ މި ޑިޖިޓަލް ވަސީލަތްތަކަކީ، މޫސުން ބަލާ މަރުކަޒުތަކުން ލިބޭ ވަގުތުން ތައްޔާރުކުރާ މަޢުލޫމާތާއި، ހައި-ރިޒޮލިއުޝަން ނިއުމެރިކަލް މޮޑެލްތަކާއި، ސެޓެލައިޓް ފޮޓޯތައް ބޭނުންކޮށްގެން އެންމެ ފަހުގެ މޫސުމީ ލަފާ ފޯރުކޮށްދޭނެ ނިޒާމުތަކެކެވެ. އާންމު ރައްޔިތުންނަށާއި، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ މި ޕްލެޓްފޯމްތަކުން ވަގުތުން މޫސުން ބަލާލުމާއި، ދިޔަވަރަށް އަންނަ ބަދަލުތަކާއި، ކަނޑުގެ ހާލަތުގެ ރިޕޯޓުތަކުގެ އިތުރުން، ކުއްލި މޫސުމީ އިންޒާރުތައް ނޮޓިފިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޢަލީ ޝަރީފެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް އިބްރާހީމް މިމްރާޙު ވަނީ މި ޚިދުމަތްތަކުގައި ބޭނުންކުރާ ޓެކްނިކަލް އޮނިގަނޑާއި މޫސުމީ މަޢުލޫމާތު އެއްކުރާ ގޮތްތަކުގެ ތަފްޞީލީ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވާފައެވެ. ރަސްމިއްޔާތު ފެށުމުގެ ގޮތުން ވާހަކަފުޅު ދެއްކެވި ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް މިސްޓަރ އަދުނާން ޗީމާ ވަނީ، ފަސޭހައިން ލިބޭނެ ކުރިއާލާ އިންޒާރުދޭ ނިޒާމެއް އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިވެސް ކިޔާލަން:  ތޫފާން "ބުރެވި" - އިތުރު އަދާހަމައެއް

“ތައްޔާރު” މަޝްރޫޢަކީ މޫސުމީ ބަދަލުތަކާ ގުޅުންހުރި ނުރައްކާތަކަށް ތައްޔާރުވުމާއި، ގިނަ ނުރައްކާތަކުން ރައްކާތެރިވުމަށް ކުރިއާލާ އިންޒާރުދޭ ނިޒާމުތައް ވަރުގަދަކުރުމަށްޓަކައި، ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިއީ ޗައިނާ ސަރުކާރުގެ “ގްލޯބަލް ޑިވެލޮޕްމަންޓް އެންޑް ސައުތު-ސައުތު ކޯޕަރޭޝަން ފަންޑު” (ޖީ.ޑީ.އެފް) ގެ އެހީގައި، ޔޫ.އެން.ޑީ.ޕީ އާއި ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ) ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މެޓް އޮފީހުގެ އައު ވެބްސައިޓް މިއަދުން ފެށިގެން އާންމުންނަށް ބޭނުންކުރެވޭނެއެވެ. އަދި އަޕްގްރޭޑް ކުރެވިފައިވާ “މޫސުން” އެޕްލިކޭޝަން އައި.އޯ.އެސް އަދި އެންޑްރޮއިޑް ޕްލެޓްފޯމްތަކުން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top