ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ޖަރުމަންގެ ބަޔާން މިޔުނިކާއި އިޓަލީގެ ޔުވެންޓަސް ދެވަނަ ބުރުގެ ޖާގައެއް ޔަގީން ކުރިއިރު، ސްޕޭންގެ ބާސެލޯނާ ހަނިގޮތަކަށް މޮޅުވެއްޖެއެވެ.

ބަޔާން ދެވަނަބުރުގެ ޖާގަ ޔަގީންކުރީ އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗް ފަސޭހަކަމާއެކު 5-2 ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގައި ބަޔާންގެ ގޯލުތައް ޖަހާދީފައި ވަނީ ސާޖް ނަބްރީ އާއި، ލެރޯއީ ސާނޭ އަދި ރޮބަޓް ލެވަންޑޯސްކީއެވެ. ލެވަންޑޯސްކީ ހެޓްރިކެއް ހެދިއިރު، ނަބްރީ އަދި ސާނޭ ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. ބެންފީކާގެ ގޯލުތައް ޖަހައިދިނީ ޒުވާން ޑިފެންޑަރު މޮރާޓޯ އާއި، ޑާވިން ނުނޭޒްއެވެ.

ލެވަންޑޯސްކީ ވަނީ މިހާތަނަށް ޗެމްޕިއަންސް ލީގުގައި 84 ގޯލު ޖަހައިފައެވެ. ޗެމްޕިއަންސް ލީގުގެ މިސީޒަނުގައި ބަޔާން ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކުރިއިރު، އަށް ގޯލު ޖަހައިގެން ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތީ ލެވަންޑޯސްކީއެވެ

ރަށުން ބޭރުގައި ޔޫކްރޭންގެ ޑިނަމޯ ކިއޭވް އަތުން 1-0 އިން މޮޅުވެ، ބާސާ ވަނީ ހަ ޕޮއިންޓާ އެކު ގުރޫޕްގެ ދެވަނަ އަށް ޖެހިލައިފައެވެ. ބާސާގެ ހަމައެކަނި ގޯލު މެޗު ނިމެން 20 މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ޒުވާން ފޯވަޑް އަންސޫ ފާޓީ އެވެ.

ޔުވެންޓަސް ދެވަނަ ބުރުގެ ޖާގަ ޔަގީން ކުރީ ރޭ އަމިއްލަ ދަނޑުގައި 4-2 އިން ރަޝިއާގެ ޒެނިތު ބަލިކޮށްގެންނެވެ. މި މެޗުގައި ކެޕްޓަން ޕައުލޯ ޑިބާލާ ދެ ގޯލު ޖެހިއިރު، ފެޑެރިކޯ ކިއޭސާ އާއި އަލްވާރޯ މޮރާޓާ ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ. ޒެނިތުގެ ފުރަތަމަ ގޯލަކީ ޔުވެންޓަސްގެ ލިއޮނާޑޯ ބޮނޫޗީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި އެޓީމުގެ ދެވަނަ ގޯލު މެޗުގެ އެންމެ ފަހު ވަގުތުގައި ޖެހީ އިރާނުގެ ފޯވަޑް ސަރުދާރު އަޒުމޫނެވެ.

ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ޔުވެންޓަސް ގުރޫޕް އެޗްގެ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތް ޗެލްސީ ވަނީ ރޭ ރަށުން ބޭރުގައި ސްވިޑެންގެ މަލްމޯ 1-0 އިން ބަލި ކޮށްފައެވެ. ޗެލްސީގެ ހަމައެކަނި ލަނޑު މެޗުގެ 65 ވަނަ މިނިޓުގައި ޖަހައިދިނީ ހަކީމް ޒިޔެޗްއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.