މުުނިއަވަސް ކްލަބްހައުސް އިން އިސްލާމީ ކުއިޒް ޝޯއެއް ފަށަން ތައްޔާރުވެއްޖެއެވެ. “ޤިބްލަ – އިސްލާމިކް ކުއިޒް”ގެ ނަމުގައި ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު 09:00 ން 10:00 އަށް ގެނެސްދޭ މި ޕްރޮގްރާމަކީ ޚަދީޖަތު ސަނާ (ސަންނު) ޕްރޮޑިއުސްކޮށް ހުށައަޅާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ދީނީ މަޢުލޫމާތު ހިމެނޭ ކުރު ވާހަކަ ގެނެސްދިނުމާއެކު އިސްލާމް ދީނުގެ އެކިއެކި ދާއިރާތަކާއި ގުޅުން ހުރި ސުވާލުތަކެއް ގެނެސްދޭނެއެވެ. މީގެ އިތުރުން ދީނީ މަޢުލޫމާތު ހިމެނޭ ލިޔުންތައްވެސް ހުށައަޅާނެއެވެ. ކުއިޒް ސުވާލުތަކުގެ ޖަވާބު ފޮނުވަން ޖެހެނީ މުނިއަވަސްގެ ވައިބަރއަށެވެ. ވައިބަރ ނަންބަރަކީ 7419078 އެވެ. ޖަވާބު ވައިބަރ ކުރާއިރު، އަންނަނިވި ބައިތައް ފުރިހަމަކޮށްލަން ޖެހެއެވެ.

👋 ޕްރޮގްރާމުގެ އެޕިސޯޑް ނަންބަރު
👋 ފުރިހަމަ ނަން
👋 ކްލަބްހައުސްގައި ބޭނުންކޮށްފައިވާ ޔޫސަރ ނޭމް (މިސާލު: ސަންނުގެ ޔޫސަރ ނޭމް: khsannu@)
👋 ސުވާލުތަކުގެ ތަރުތީބު ނަންބަރާއެކު ޖަވާބުތައް

ސުވާލުތަކުގެ ޖަވާބު ފޮނުވަން ޖެހޭ ސުންގަޑިއަކީ ހުކުރު ދުވަހުގެރޭ ސުންގަޑި ސުންމިނެޓްގެ ކުރިންނެވެ.

ފޮނުއްވާ ޖަވާބުތައް ސާފުކުރުމަށްފަހު ގުރުއަތަށް ހުށައެޅޭ ފަރާތްތަކެއް ވާނަމަ އެ ފަރާތްތަކުގެ ގުރުއަތުލައި އިނާމު ހާސިލުކުރާ ފަރާތްތައް ޖެހިގެން އޮންނަ ޝޯއެއްގައި އިޢުލާނުކުރަން ހަމަޖެހިފައިވާކަމަށް ޕްރޮގްރާމުގެ ޕްރޮޑިއުސަރ ސަންނު ހާމަކުރިއެވެ.

ފައިސާގެ އިނާމު ލިބިގެންދާ “ޤިބްލަ – އިސްލާމިކް ކުއިޒް” ޝޯވއަކީ އާއްމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާ ދީނީ މަޢުލޫމާތު މުއްސަނދި ކޮށްދިނުމުގެ މާތް މަޤްޞަދުގައި މުނިއަވަސް އިން ގެނެސްދޭން ފަށާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމުގެ ނޮޓިފިކޭޝަން ބެލް އެކްޓިވޭޓްކޮށްލެއްވުމަށް “ޤިބްލަ – އިސްލާމިކް ކުއިޒް” ޝޯވގެ ލިންކް ތިރީގައި އެވަނީއެވެ.

https://www.clubhouse.com/join/muniavas/gUJjxjUY/xkv2yEKE

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.