”ބޭނުން ހީލީމާ އަގެއިން“ ގެ ނަމުގައި މިމަހުގެ 14 ވަނަ ދުވަހު ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ލަވައިގެ ފައިނަލް ޓްރެއިލާ ދައްކާލައިފި އެވެ.
ރާއްޖޭގައި މިހާތަނަށް އެންމެ އަގުބޮޑު ޚަރަދެއް ކޮށްގެން ތައްޔާރުކޮށް އަޒްހާން އިބްރާހީމް ގެނެސް ދިން ވީޑިއޯ ލަވަ ”ހީލީމާ“ ގެ އިތުރު ބައެއްގެ ގޮތުގައި ގެނެސްދޭ ”ބޭނުން
ހީލީމާ އަގެއިން“ ބެލުންތެރިންނަށް ގެނެސްދިނުމުގެ ފަހަތުގައި އޮތް ’އިމޭޖިނޭޝަން ރިއަލިޓީ‘ ފޭސްބްކް ޕޭޖްގައި މިއަދު ނެރެފައިވާ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
“ވަރަށް ފުރިހަމަ ރީތި ވީޑިއޯ ލަވައަކަށް ހެދުމަށްޓަކައި އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން ދަނީ.“ މުނިއަވަސް އަށް މައުލޫމާތު ދެމުން އިމޭޖިނޭޝަން ރިއަލިޓީން ބުނެފައި ވެއެވެ.
https://www.facebook.com/imaginationrealitymv/videos/1214839928666365/
”ހީލީމާ“ ލަވައިގެ ޑައިރެކްޓަރ އަޒްހާން މުނިއަވަސް އަށް ބުނީ މިއީ ބޮޑު ޗެލެންޖެއް ނަމަވެސް ވަރަށް ޕޮޒިޓިވްކޮށް ނަގައިގެން ލަވައިގެ މަސައްކަތް ކޮށްފައިވާކަމަށެވެ. ކުރީ ފަހަރުގެ ލަވައަށް ވުރެން މިފަހަރުގެ ލަވަ ރަނގަޅުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށްވެސް އޭނާ ބުންޏެވެ.
”ކުރީ ލަވައަށް ވުރެން މި ލަވަ ތަފާތު ވާނެ. އެފަހަރު ލަވައިގަ ސްޓޯރީއެއް ނޯންނާނެ. ނަމަވެސް މިފަހަރު ސްޓޯރީ ބޭސްޑްކޮށް މި ހަދަނީ، ލަވައިން ބުނެދޭނެ ވާހަކައެއް. ފެބްރުއަރީ 14 ގަ ލަވަ ފެނިގެންދާނެ.“ އަޒުހާން ބުންޏެވެ.
”ބޭނުން ހީލީމާ އަގެއިން“ އިން ފެނިގެންދާނީ ރާއްޖޭގައި ފުރަތަމަ ބޭއްވުނު އިންޓަނޭޝަނަލް ފެޝަން މުބާރާތް ކަމަށްވާ ”ޓޮޕް މޮޑެލްސް މޯލްޑިވްސް 2018″ގެ ކާމިޔާބުކުރި ޖަމްޝީދާ ޖަމްޝީދުގެ އިތުރުން ރާއްޖޭގައި މިވަގުތު ހުރި އެންމެ ޒުވާން ފިރިހެން މޮޑެލް މުހައްމަދު އިޝްފާނެވެ.
އިމޭޖިނޭޝަން ރިއަލިޓީން މީގެ ކުރިން ވެސް ހިތްގައިމު ދެ ލަވައެއްގެ ވީޑިއޯ ވެސް ބެލުންތެެރިންނަށް ގެނެސް ދީފައިވެއެވެ. ”އަންނާށޭ ހުންނާށޭ“ އަކީ އެ މީހުންގެ ފުރަތަމަ މަސައްކަތެވެ.
