މީ ޕްރޮޑަކްޝަނުން އުފައްދާ ވެބް ސީރީޒް “ރިމްޝާ” ލޯންޗްކޮށްފިއެވެ. މިމަހުގެ 06 ވަނަ ދުވަހުގެރޭ ލޯންޗްކުރި “ރިމްޝާ”ގެ ޝޫޓިން 10 ނޮވެމްބަރުގައި ފަށަން ވަނީ ތައްޔާރުވެފައެވެ.

13 އެޕިސޯޑްގެ ޑްރާމާ ސީރީޒްގެ ޝޫޓިން ފެށުމުގެ ކުރިން ސީރީޒްގައި ހިމެނޭ ކާސްޓުން އެއްތަނަކުން ބައްދަލުކޮށް ޝޫޓިން ފެށުމުގެ ތައްޔާރީތަކުގެ މަޢުލޫމާތުތައް މާއެނބޫ ވަނީ ކާސްޓުންނާ ހިއްސާކޮށްފައެވެ. މިގޮތުން މި ޓީމުގައި މަސައްކަތްކުރަން ތިބި އެއްމެންނަކީވެސް އެ ކުޅޭ ރޯލެއްގެ ގޮތުން ހަމަހަމަ މުހިންމު ބައެއްކަން ފާހަގަކޮށްފައިވެއެވެ.

މި ސީރީޒާ މެދު ވާހަކަދައްކަމުން މުޙައްމަދު އަބޫބަކުރު (މާއެނބޫ) ބުނީ މި ސީރީޒަކީ އުފާވެރި އާއިލާއަކާ ގުޅޭ ބައެއްގެ ސަބަބުން އެ އާއިލާއަށް ދިމާވާ ހިތްދަތި ކަންތައްތަކެއް ދައްކުވައިދޭނެ ސީރީޒެއް ކަމަށެެވެ.

ސީރީޒްގެ ޝޫޓިން ނަގާނީ ފުރަ މާލޭގައި ކަމަށާ ދޮޅުމަސް ދުވަހުގެ ތެރޭގައި ނިންމަައި 2022 ވަނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާރިޗް މަހުގެ ތެރޭގައި ރިލީޒްކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށ ވެސް މާއެނބޫ ބުނެފައިވެއެވެ.

ވެބް ސީރީޒް “ރިމްޝާ” ޑައިރެކްޓްކޮށްދެނީ މީގެ ހަތަރު މަސްކުރިން މީޑިއާ ނެޓުން ދެއްކި ވެބް ސީރީޒް “ނަފްސު”ވެސް ޑައިރެކްޓްކުރި ޢަލީ ޝަޒްލީމް އެވެ.

މި ސީރީޒްގެ މައިގަނޑު ކާސްޓުންނަކީ އަޙްމަދު އަޒްމީލް (އަޒޭ)، ލަހުފާ، ހާމިދު ޢަލީ، އާމިރާ، އަފްރާހް އަދި ސުހާ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢާއިޝަތު ރިފުޒާ
ޢާއިޝަތު ރިފުޒާ
މުނިއަވަސް ކްލަބްހައުސް ޕްރޮގްރާމް މެނޭޖަރ ޢާއިޝަތު ރިފުޒާ (ރިފޫ) އަކީ ދިވެހި ގައުމީ ޓީވީ ސްޓޭޝަނާއި އެހެނިހެން ދިވެހި ޗެނަލްތަކުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ހުނަރުވެރި ޕްޒެންޓަރެކެވެ.