ރަށުން ބޭރުގައި ބަޔާން މިއުނިކް އަތުން 3-0 އިން ބަލިވެ، 21 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސްް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައި ބާސެލޯނާ އަށް މާޔޫސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.

ރޭގެ މެޗަށް ނުކުތްއިރު ވެސް ބާސެލޯނާ އަށް ޔަގީންކަމާ އެކު އަނެއް ބުރަށް ދެވެން އޮތީ ބަޔާން ދަނޑުގައި މޮޅުވެގެންނެވެ. ބާސެލޯނާގެ ތާރީހުގައި ވެސް ބަޔާން ދަނޑުގައި މޮޅެއް ލިބިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ޖަރުމަނުގައި ކޮވިޑް-19 ފެތުރޭތީ ސަޕޯޓަރުން ނުވައްދާ ކުޅުނު މި މެޗުގައި ފުރަތަމަ ހާފުގައި ތޯމަސް މުލާ އާއި ލެރޯއި ސާނޭގެ ގޯލުތަކުން ބަޔާން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފައެވެ. ބަޔާންގެ ތިންވަނަ ގޯލު އަލްފަންސޯ ޑޭވިސް ދިން ބޯޅައަކުން ކާމިޔާބުކޮށް ދިނީ ޖަމާލް މުސިއާލާއެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ އެ ކްލަބުން މިހާރު ކުރިމަތިލާން ޖެހިފައި އޮތް ހަގީގަތަކީ މިއީ ކަމަށާއި މިއީ ބޭނުންވި ގޮތް ނޫން ކަމުގައި ވިޔަސް ކަންކަން ރަނގަޅުކުރަން ޖެހޭ ކަމަށެވެ.

ބާސެލޯނާ ނެތި އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގެ މެޗުތަކެއް ކުޅުނީ 2003/2004 ވަނަ އަހަރުގެ ސީޒަނުގައެވެ. އެ ފަހަރު ބާސެލޯނާ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވެއެވެ. ފަސް ފަހަރު ތަށި ހޯދާފައިވާ ބާސެލޯނާ ޗެމްޕިއަންސް ލީގުގައި ކުޅެ، ނޮކައުޓް ބުރަށް ނުގޮސް އެންމެ ފަހުން ކެޓީ 2000/2001 ވަނަ ސީޒަނުގައެވެ.

ގްރޫޕް އީން ބަޔާން ވަނީ ކުޅުނު ހަ މެޗުން މޮޅުވެ، 18 ޕޮއިންޓް ހޯދައިފައެވެ. މި ގްރޫޕުން ދެ ވަނައިގެ ގޮތުގައި އަނެއް ބުރުން ފުރުސަތު ހޯދީ ބެންފީކާއެވެ. ބެންފީކާ ވަނީ ރޭ އަމިއްލަ ދަނޑުގައި 3-0 އިން ޑިނަމޯ ކިއޭވް ބަލިކޮށް އަށް ޕޮއިންޓް ހޯދައިފައެވެ. ބާސެލޯނާ އަށް ހަތް ޕޮއިންޓް ލިބުނުއިރު، ދެން އެ ޓީމު ކުޅޭނީ ޔޫރޮޕާ ލީގުގައެވެ. އެންމެ ފުލަށް ދިޔަ ޑިނަމޯ ކެޓީ އެއް ޕޮއިންޓާ އެކުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.