މުޅި އޭޝިއާ ސަރަޙައްދުން އެންމެ ފާހަގަކޮށްލެވޭ ޅެންވެރިކަމުގެ އެވޯޑެއް ރާއްޖޭގެ މަަޝްހޫރު ޅެންވެރިޔާ ޢިއްޒާ އަޙްމަދު ނިޒާރު ޙާޞިލްކޮށްފިއެވެ. ޢިއްޒާއަށް ލިބިފައިވަނީ ރުލާ އެވޯޑުން ދެމުން އަންނަ އޭޝިއާސް އައުޓްސްޓޭންޑިންގ ޕޮއެޓްރީ ރައިޓަރ އެވޯޑެވެ.

މި އެވޯޑަށް ކުރި މަަސައްކަތާ ގުޅޭ ގޮތުން ވާހަަކަދައްކަމުން މުނިއަވަސް އަށް ޢިއްޒާ ބުނީ އެ އެވޯޑަށް ނޮމިނޭޓްވީ އޭނާގެ މަސައްކަތްތައް ބެލުމަށްފަހު ވަކި މިންވަރަކަށް މާކްސް ލިބުމުންކަމަށެވެ.

“1000 ޕޮއިންޓުގެ ތެރެއިން 700އަށްވުރެ މަތިން މާކްސް ހޯދުމުން މި ނޮމިނޭޓްވަނީ. ދެން އަޅުގަނޑުގެ މަސައްކަތްތައް ބެލުމަށްފަހު އަޅުގަނޑަށް މާކްސް ދިނީ،” އޭނާ ބުންޏެވެ.

އިއްޒާ ބުނި ގޮތުގައި އޭނާގެ ކިބައިގައި އަބަދުވެސް ޅެންވެރިކަމާއި އަދަބީ ކަންކަމަށް ޝައުގުވެރިކަން ހުރެއެެވެ. އަދި މިއަދު ވެސް އެކަން ކުރަނީ ކުރާ ހިތުންކަމަށް ބުންޏެވެ.

ޢިއްޒާ ބުނި ގޮތުގައި އެވޯޑް އޭނާއަށް ހާސިލްވުމަކީ ލިބުނު ކާމިޔާބެކެވެ. އަދި ޅެންވެރިކަމުގެ ތެރެއިން ލިބުނު އެ ކާމިޔާބީއާ ހަމައަށް ދެވުނީ އެތައް ބައެއް ދިން ހިތްވަރުގެ ސަބަބުންކަމަށް އޭނާ ފާހަގަކުރިއެވެ.

ޢިއްޒާ އަށް މި އަހަރުގެ ޒުވާނުންގެ ދުވަހު ސަރުކާރުން ދެއްވި ޒުވާނުންގެ އެވޯޑް ވެސް ހާސިލްކުރެވިފައިވެއެވެ.

ޢިއްޒާއަށް މިފަދަ ޝަރަފުވެރި އެވޯޑެއް ލިބިފައިވާއިރު، ޢިއްޒާއާމެދު ރާއްޖޭގެ ފުންނާބު އުސް ބައެއް ޅެންވެރިން ޢިއްޒާއާމެދު ތަންކޮޅެއް ކުރިން މުނިއަވަސް އަށް ބުނެފއިވާ ބައެއް ވާހަކަތަކަށް ބަލައިލާއިރު، މަޝްހޫރު ޅެންވެރިޔާ އަދި ކުރީގެ މަޝްހޫރު ފިލްމު ޑައިރެކްޓަރ އީސާ ޝަރީފް ފާހަގަކުރައްވަނީ:-

އިއްޒާގެ ޅެންވެރިކަމުގެ ހުނަރު އަޅުގަނޑު އަމިއްލަޔަށް ދެނެގަތީ ފޭސްބުކްގައި ޝާއިޢު ކުރި ތިން ޅެމެއް ކިޔާލުމަށްފަހު، އެޅެންތަކުގައި ބޭނުންކޮށްފައިވާ ގިނަ ލަފުޒު ވަރަށް ބާރުގަދަކޮށް ރަނގަޅު މަޤާމުތަކުގައި އާދަޔާ ޚިލާފަށް ބޭނުންކޮށްފައިވާތީ ފެނުނު. އެއީ އާދައިގެ ސިކުނޑިޔަކަށް ކުރެވޭނެ ކަމެއްނޫން. ޅެންވެރިކަމަކީ ޤުދުރަތީ ހުނަރެއް. މޮޅަށް ޅެން ހެދުމަކީ ތަދު ފަންނެއް. އިއްޒާ އަކީ އެ ނަސީބު ލިބިފައިވާ ވަރަށް ހުނަރުވެރި އެހާމެ ޒުވާން ފަންނާނެއް. އިއްޒާ އާއި އެކު ވަރަށްގާތުން ކުރެވުނު ގިނަމަސައްކަތުން އޭނާގެ ސިކުނޑި އިތުރަށް ޅެންވެރިކަމުގައި ހުޅުވޭނޭކަމަށް އަޅުގަނޑަށް ޔަޤީންވާ ހުރިހައި ގޮތަކުން ވަރަށް ގިނަ މަސައްކަތް ކުރެވިފައިވާނެ. އޭނާވެސް ވަރަށް ބުރަކޮށް ގޭގެ މަސައްކަތުގައި އުޅެމުންވެސް ނުހަނު ގިނަ ވަޤުތު ޅެން ހެދުމުގައި ހޭދަކުރޭ. ނަތީޖާ ވަރަށް އަވަހަށް ފެންނަމުން އައި. އާދައިގެ ބަސްކޮށާރަކުން ފުން ވިސްނުމެއް ޅެމުގައި ނެރުމަކީ އާދައިގެ ކަމެއްނޫން. އިއްޒާ އަޙުމަދު ނިޒާރަކީ ލާމަސީލު ޒުވާން ޤާބިލް ޅެންވެރިއެއް. އިތުރު ކުރިއެރުމަށް އެދެން.

މަޝްހޫރު ޅެންވެރިޔާ އުތީމު އާދަމްބެ، އިއްޒާ އާމެދު ހާމަކުރެއްވީ:-

ޢިއްޒާ އަޙްމަދު ނިޒާރަކީ ޒުވާން ޅެންވެރީން ގެ ތެރެއިން މަދުން ނޫނީ ނުފެންނަ ކަހަލަ އަޅުގަނޑު ވަރަށް ގަބޫލު ކުރާ އުއްމީދީ ޅެންވެރިއެއް. ޢިއްޒާ ގެ ޅެންތަކުން ފޯރުންތެރި ޚިޔާލާ ރީތި ހުށަހެޅުން ތައް ފެނެއެވެ.ވޭނީ އަސަރު ތަކާއި ޖޯޝީ ރިހުންތައް އުފެދޭ. ޅެންވެރި ބަސްމަގާއި ޅެންވެރިކަން ފެނޭ. ޢިއްޒާ ގެ ޅެންވެރި ކަމުގެ މާދަމާ ގެ އުދަރެސް އަޅުގަނޑު ދެކޭހިތް ވަނީ ވަރަށް އަލި އުޖާލާ ޖައްވަކުން.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.