މިއަދަކީ، ދިވެހި ފިލްމީ އުފެއްދުންތައް އުފެއްދުމަށް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު 18ވަނަ ދުވަހު ރެޖިސްޓްރީކުރި ‘އައިފިލްމްސް‘އަށް ކާމިޔާބު ތިން އަހަރު ފުރުނު ދުވަހެވެ. ދުވަހުގެ މުނާސަބަތުގައި ‘އައިފިލްމްސް’ގެ އިސް ފަރާތްތަކާއި އެ ޕްރޮޑަކްޝަންގެ އުފެއްދުންތަކުގައި ހިއްސާވާ ހުރިހައި ފަރާތްތަކަށް މުނިއަވަސް ޓީމުން މަރުހަބާ ކިޔަމެވެ.
‘އައިފިލްމްސް’އަށް މިއަދު ތިން އަހަރު ފުރުނުއިރު، އިއްޔެ އަކީ މުނިއަވަސް އަށްވެސް ތިން އަހަރު ފުރުނު ދުވެހެވެ. މިހާ ކައިރިކައިރީގައި ވުޖޫދުވެފައިވާ ޕްރޮޑަކްޝަން ހައުސް ‘އައިފިލްމްސް’އާއި އޮންލައިން ނޫސް ‘މުނިއަވަސް’ގެ ގުޅުމަކީ ފާހަގަކޮށްލެވޭފަދަ ގުޅުމެކެވެ.
‘އައިފިލްމްސް’ގެ ފުރަތަމަ ފިލްމީ މަސައްކަތަކީ ކާމިޔާބު ފީޗާ ފިލްމު “ބަވަތި” އެވެ. އަލަށް ޕްރޮޑަކްޝަންއަށް ނުކުމެ، އުފެއްދި ފެންވަރު ރަނގަޅު، މޮޅު އެ ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރުކަން މުނިއަވަސްއާ ހަވާލުކުރީ ރާއްޖޭގެ މަޝްހޫރު އޮންލައިން ނޫސްތައް ހުއްޓައެވެ. މުނިއަވަސް އިން ކުރަމުން އަންނަ މަސައްކަތްތަކަށް، ރާއްޖޭގެ މަޝްހޫރު މީޑިއާއެއްގައި ހަރަކާތްތެރިވަމުން އަންނަ މަޝްހޫރު ނޫސްވެރިއެއްގެ މަޝްވަރާ ހޯދުމަށްފަހުގައެވެ. އޭގެ ފަހުން، އުފެއްދި ފީޗާ ފިލްމު “ނީނާ“ގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ދިނީވެސް މުނިއަވަސް އަށެވެ.
ކުރިންވެސް ފާހަގަކޮށްލެވުނު ފަދައިން، ‘އައިފިލްމްސް’ގެ ފުރަތަމަ ފީޗާ ފިލްމަކީ ތަފާތު ވާހަކައެއްގެ މައްޗަށް ކުޅެފައިވާ މޮޅު ފިލްމެކެވެ. ފިލްމުގެ ޑައިރެކްޝަން، ތަރިންގެ އެކްޓިން އަދި ސްޕެޝަލް އިފެކްޓްތަކަށްވެސް ބުނާނެ އިތުރު އެއްޗެއް ނެތެވެ.
ފިލްމު “ބަވަތި“ގެ ލީޑްކުޅެފައިވަނީ ކުޅަދާނަ އެކްޓްރެސް ނުޒުހަތު ޝުޢައިބު އާއި އަޙްމަދު އިފްނާޒް ފިރާޤް އެވެ. މި ފިލްމުގެ މުހިންމު ރޯލަކުން މަޤްބޫލު އެކްޓަރ ދަރާ ރަޝީދު ވެސް ފެނިގެންދެއެވެ. އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކުރި މި ފިލްމަކީ ސައިކޮލިޖިކަލް ތްރިލާއެކެވެ. މިއީ މިހާތަނަށް ރާއްޖޭގައި އުފައްދާފައިވާ ފެންވަރު ރަނގަޅު ފިލްމުތަކުގެ ލިސްޓުގައި ގުނާލެވޭ ފެންވަރަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
ހަމަ އެހާމެ ތަފާތު ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ފިލްމު “ނީނާ“ގެ ކާސްޓަށް ބަލައިލާއިރު، ލީޑްގައި ހަރަކާތްތެރިވީ ނުޒުޙަތު ޝުއައިބްގެ އިތުރުން އަލަށް ތަޢާރަފުކުރާ ޝަރަފް ޢަބްދުﷲ އާއި ޖުމައްޔިލް ނިމާލް އެވެ. މީގެ އިތުރުން ކުރީގެ މަޝްހޫރު ބަޠަލާ މަރްޔަމް ރަޝީދާ މި ފިލްމުގެ މުހިންމު ރޯލަކުން ފެނިގެންދާނެއެވެ. މުހިންމު އިތުރު ކާސްޓްގައި ހަމްދޫން ފާރޫޤް، ޢަލީ ޔޫޝަޢު އާއި އަލަށް ތަޢާރަފްވާ ނަތާޝާ ޖަލީލް، ނާޖިހާ އަޒޫރް، ޢަލީ އިނާޒް، އަލަށް ތަޢާރަފްވާ އިބްރާހިމް ޝާއިފް، އަލަށް ތަޢާރަފްވާ ޙަސަން ސާމިހް މުޙައްމަދު، ހަސަން ޝިނާން އަދި މަރިޔަމް ޝަކީލާ އާދަމް ހިމެނެއެވެ.
ހުރިހައި މަސައްކަތެއްކޮށް ނިމި، ކޮވިޑްގެ ހާލަތާ ގުޅިގެން ރިލީޒްނުކުރެވި އޮތް ފިލްމު “ނީނާ” ޝޫޓްކުރީ ލ. އަތޮޅުގައެވެ.
އައިފިލްމްސް އިން ބައިވެރިވެގެން ކޮށްފައިވާ ފާހަގަކޮށްލެވޭ އިތުރު ބައެއް އުފެއްދުންތަކުގެ ތެރޭގައި، ފިލްމު ޕްރޮޑަކްޝަނަށް މިއަހަރު އަލަށް ނުކުތް ‘ކަޒްމިކް އިންޓަނޭޝަނަލް’ގެ އެންތޮލޮޖީ ސީރީޒް “ޒައްރޫކް”ގެ އެޕިސޯޑްތައް ލިޔެ ޑައިރެކްޓްކޮށް، އުފެއްދުމުގެ މަސައްކަތުގައި އިސް ރޯލެއް ‘އައިފިލްމްސް’ އިން އަދާކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 މެއި 2025ޚަބަރު“ސޮރީ” ކަރުނައާއި ބަޓަރުފޮހެން ތައްޔާރުވެގެން އަންނައްޗޭ
- 16 މެއި 2025ޚަބަރު“ޓޫ އޮފް އަސް” ގެ ބޮޑު ޝޯގެ ޓިކެޓް ވިއްކަން މިރޭ ފަށަނީ
- 15 މެއި 2025ޚަބަރުބެންގަލޫރުގައި ބާއްވާ ކުރު ފިލްމު މަހާސަމާއަކަށް ދިވެހި ފިލްމު ހުށައެޅުމުގެ ފުރުޞަތު
- 15 މެއި 2025ޚަބަރު“ޓޫ އޮފް އަސް” ގެ ބޮޑު ޝޯގެ މީޑިއާ ޕާޓްނަރަކަށް އެސްއެސް މީޑިއާ