އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 1-0 ގެ ނަތީޖާ އަކުން ލެސްޓާ ސިޓީން ލިވަޕޫލް ބަލިކޮށްފިއެވެ.

މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 59 ވަނަ މިނިޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނުކުތް ލެސްޓާ ސިޓީގެ އަޑިމޯލާ ލުކްމަން އެވެ. ލުކްމަން މި ލަނޑު ޖެހީ އޭނާ ކުޅެން ނުކުތްތާ ތިންވަނަ މިނިޓުގައި، ކީރަން-ޑޫސްބަރީ ހޯލް ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކުރީ ލިވަޕޫލުންނެވެ. މެޗުގެ 16 ވަނަ މިނިޓުގައި ލެސްޓާގެ ވިލްފްރެޑް އެންޑީޑީ ލިވަޕޫލްގެ މުހައްމަދު ސަލާހަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ސަލާހު ފޮނުވާލުމުން ލެސްޓާ ސިޓީގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ ދިފާއުކޮށްފައެވެ. ދިފާއު ކުރި ބޯޅަ ރީބައުންސް ދެވަނަ ފަހަރަށް ސަލާހު ބޮލުން ފޮނުވާލި ނަމަވެސް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ލެސްޓާ އަތުން ބަލިވުމުން ލިވަޕޫލަށް ވަނީ 47 ޕޮއިންޓާ އެކު އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު އޮތް ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ގެއްލިފައެވެ. ލިވަޕޫލް 19 މެޗުން 31 ޕޮއިންޓް ހޯދައިގެން ޓޭބަލްގެ ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތް ޗެލްސީއަށް ވެސް ލިބިފައި ވަނީ 31 ޕޮއިންޓެވެ. މި ނަތީޖާއާއެކު ލެސްޓާ އޮތީ 18 މެޗުން ހޯދި 25 ޕޮއިންޓާ އެކު ޓޭބަލްގެ ނުވަ ވަނައިގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.