ފަހު ވަގުތު ރޮޑްރީ ކާމިޔާބުކޮށްދިން ގޯލުން އާސެނަލް ބަލިކޮށް މެންޗެސްޓާ ސިޓީން އިނގެރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި ފޯރިގަދަ މެޗުން ސިޓީ މޮޅުވީ އާސެނަލް އިން ގޯލެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފުގެ 31 ވަނަ މިނިޓުގައި ބުކަޔޯ ސަކާ ޖެހި ގޯލުން ފުރަތަމަ ލީޑު ނެގީ އާސެނަލް އެވެ. ފުރަތަމަ ހާފުގައި ގެބްރިއެލް މާޓިނެލީ އަށް އާސެނަލްގެ ލީޑު ފުޅާ ކުރާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކަރުވެފައި ވާކަން ފާހަގަކޮށްލެވެއެވެ.

ސިޓީން އެއްވަރުކުރީ ދެވަނަ ހާފުގެ 57 ވަނަ މިނިޓުގައި ގްރޭނިޓް ޒާކާ ސިޓީގެ ބާނާޑޯ ސިލްވާ ޖޯޒީގައި ހިފައި ވައްޓާލުމުން، ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. މި ޕެނަލްޓީ ޖެހީ ރިޔާދް މާރޭޒް އެވެ. ސިޓީން ތިން ޕޮއިންޓް ޔަގީންކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި މިޑްފީލްޑަރު ރޮޑްރީ ޖެހި ގޯލުންނެވެ. ކެވިން ޑިބްރޭނާ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އާސެނަލްގެ ޑިފެންޑަރުންނަށް ރަނގަޅަށް ސާފްކޮށްނުލެވި އުޅެނިކޮށް ކައިރީގައި ހުރި ރޮޑްރީ ވަނީ ފުރުސަތުގެ ބޭނުންކޮށް ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

މި ނަތީޖާއާ އެކު ސިޓީން ވަނީ ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.