ރާއްޖޭގެ ލަވަކިޔުންތެރިންގެ ތެރެއިން މިވަގުތު އެންމެ ޑިމާންޑް ބޮޑު އެއް ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމްގެ ފޭނުންނަށް މިއީ ބޮޑެތި ސަޕްރައިޒްތައް ލިބެމުން އަންނަ ދުވަސްކޮޅެކެވެ. މީގެ ދުވަސްކޮޅެއް ކުރިން، ފޭނުންގެ އެދުމުގެ މަތިން ހިތްގައިމު ކަވަރ ލަވައެއް ދޫކޮށްލައި އެ ލަވަ މިހާރު މިވަނީ ހަބޭހަށް ވައިގައި ހިފާފައެވެ. ލަވައިގެ އަޑުގެ ޖާދޫގައި އެތަކެއް ބަޔަކު ޖެހިފައިވާއިރު، މިއަދު މިވަނީ ޝަލަބީ އެކްޓްކޮށްފައިވާ ލަވައެއް އާއްމުކޮށްފައެވެ.

ޙުސައިން މުނައްވަަރު (ކިޑޫ)ގެ ’ކިޑް ޕްރޮޑަކްޝަން‘ އިން އުފެއްދި “ފަތްމިނި” ލަވައިގެ ހިތްގައިމުކަން މިހާރު ބަލައިލެވޭނެެއެވެ. ޝަލަބީގެ ޔޫޓިއުބް ޗެނަލަށް މިއަދު ލާފައިވާ ލަވައިގެ ވީޑިއޯއިގައި ހަރަކާތްތެރިވެފައިވަނީ ޝަލަބީގެ އިތުރުން އޭނާގެ އަންހެނުން ޝިފާ އިބްރާހިމް އެވެ.

ޝަލަބީގެ ހިތްގައިމު އަޑުން ކިޔާފައިވާ “ފަތްމިނި” މިއީ ޝަލަބީގެ އަމިއްލަ ރާގެކެވެ. މި ލަވައިގެ ލިރިކްސް އަދި ވާހަކަ ތައްޔާރުކުރީ އޭޑަބަލިޔޫ އެވެ. މިއުޒިކް ކޮމްޕޯޒްކުރީ އިބްރާހީމް ޒައިދު ޢަލީ (ކުޑަ އިއްބެ) އެވެ. ރެކޯޑިން، މިކްސިން އަދި މާސްޓަރިން ހެދީ ޓޮނިކް ލައިވް ސްޓޫޑިއޯގައެވެ.

ލަވައިގެ ހިތްގައިމު ވީޑިއޯ މަސައްކަތްކޮށްފައިވަނީ ޙުސައިން މުނައްވަރު (ކިޑޫ) އެވެ. ކޮސްޓިއުމް ޑިޒައިންކޮށް މޭކަޕް ކުރީ ރިޝްފާ އެވެ. ލަވައިގެ ޕޯސްޓްޕްރޮޑަކްޝަން ހެދީ ‘ކިޑް ޕްރޮޑަކްޝަން’ އިންނެވެ.

ޙުސައިން މުނައްވަރުގެ މި ސަޅި ލަވައިގެ ޓްރެއިލަރ ނުކުތުމާއެކު މުނިއަވަސް އިން ތައްޔާރުކުރި އާޓިކަލްއަކަށް ފިލްމީ ފަންނާނުން ހިމެނޭ ވައިބަރ ގްރޫޕްގައި ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރ އަމްޖަދު އިބްރާހީމް (އަމްޖޭ) ވަނީ ޙުސައިންގެ މި މަސައްކަތަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ.

ހުސޭނު މިލަވަޔަކީ ފިލްމީ ދާއިރާއަށް ލިބިފަވާ ކުރިއެރުން އަދި ޑައިރެކްޓް ކުރުމުގަ ހުނަރުވެރިކަން ދައްކުވައިދޭ އަދި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ފިލާވަޅެއްގެ ގޮތުން ބޭނުން ވެސް ކުރެވިދާނެ ލަވައެއްކަން ފާހަގަ ކޮއްލަން. ސާބަސް ހުސޭނު.
މުނިއަސްގެ ތި ޚިދުމަތަށް ސެލިއުޓް!” އަމްޖޭގެ ކޮމެންޓްގައި ބުނެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.