ބޮލީވުޑް ބަތަލު ރިތިކް ރޯޝަން މިހާރު ކުޅެމުންދާ ފިލްމު “ވިކްރަމް ވޭދާ” ގައި އޭނާ ފެންނާނެ ގޮތް ދައްކާލައިފިއެވެ.

އިއްޔެ ފާހަގަކުރި ރިތިކްގެ 48 ވަނަ އުފަންދުވަހާއި ދިމާކޮށް ފިލްމުގައި އޭނާ ފެންނާނެ ގޮތް ދައްކާލިއިރު، އާންމުކޮށްފައިވާ ފޮޓޯއިން އޭނާ ފެންނަނީ ވަރުގަދަ ހަށިގަނޑަކާއި ތުނބުޅިއަކާ އެކީގައެވެ. މި ފިލްމުގައި އޭނާ ފެނިގެންދާ ގޮތް އެންމެ ވައްތަރީ 2012 ގައި ރިލީޒްކުރި އޭނާގެ “އަގްނީޕަތު” ގައި އޭނާ ފެނިގެންދިޔަ ގޮތާއެވެ.

ވޭދާ ނަމަކަށް ގޭންގްސްޓާރެއްގެ ރޯލުން ރިތިކް ފެނިގެންދާ “ވިކްރަމް ވޭދާ” ގައި އޭނާގެ އިތުރުން ލީޑުން ފެނިގެންދާނީ ސައިފް ޢަލީ ޚާން އާއި ރާދިކާ އަޕްތޭ އެވެ. ގޭންގްސްޓާރަކާއި ފުލުހަކާ ދެމެދު ހިނގާ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެންދާ “ވިކްރަމް ވޭދާ” ގައި ސައިފް ފެނިގެންދާނީ ފުލުސް މީހާގެ ރޯލުންނެވެ. މި ފިލްމުން ރިތިކާއި ސައިފް އެކުގައި ފެނިގެންދާއިރު، މިއީ 2002 ގައި ނުކުތް “ނަ ތުމް ޖާނޯ ނަ ހަމް” އަށްފަހު މި ދެތަރިން އެކުގައި ފެންނާނެ ފުރަތަމަ ފިލްމުކަން ފާހަގަކޮށްލެވެއެވެ.

މިދިޔަ ނޮވެމްބަރު މަހު ޔޫއޭއީގައި ރިތިކްގެ ގިނަ މަންޒަރުތަކެއް ނަގައި ނިންމާލާފައިވާއިރު، ސައިފްވެސް ވަނީ މިދިޔަ މަހު ފަހުކޮޅު ލަކްނޫގައި މި ފިލްމުގެ ދެވަނަ ޝޫޓިންގ ޝެޑިއުލް ނިންމާލާފައެވެ.

“ވިކްރަމް ވޭދާ” އަކީ ހަމަ އެ ނަމުގައި ގެނެސްދިން ތަމަޅަ އެކްޝަން ތުރިލާ ފިލްމުގެ ހިންދީ ރީމޭކެކެވެ. ހިންދީ ފިލްމުވެސް ޑައިރެކްޓްކުރަނީ ތަމަޅަ ފިލްމުވެސް ޑައިރެކްޓްކުރި ޕުޝްކަރް-ގަޔަތުރީ އެވެ. ތަމަޅަ ފިލްމުގައި ވޭދާގެ ރޯލު ވިޖޭ ސެތުޕަތީ ކުޅުނުއިރު، ވިކްރަމްގެ ރޯލު ކުޅުނީ އާރް މަދަވަންއެވެ.

2019 ގައި ރިލީޒްވި އެކްޝަން ތުރިލާ “ވޯ” އަށްފަހު ރިތިކްގެ އެންމެ އަވަހަށް ރިލީޒްވާން އޮތް މި ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 30 އަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.