މިއަދަކީ މި އަހަރުގެ ޅެންވެރީންގެ ދުވަހެވެ. 1989ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 15ވަނަ ދުވަސް ސަރުކާރުން ގެންދަވަނީ ޅެންވެރީންގެ ދުވަހުގެ ގޮތުގައި ފާހަގަކުރައްވަމުންނެވެ. މި ދުވަސް ޅެންވެރީންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމެވީ 1988ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 15ވަނަ ދުވަހު އަލްއުސްތާޛު އިބްރާހީމް ޝިހާބު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ދުވަސް ހަނދާނަށް ގެނައުމުގެ ގޮތުންނެވެ.

އަލްއުސްތާޛު އިބްރާހީމް ޝިހާބަކީ ކުޅަދާނަ ވާހަކަދެއްކުންތެރިއެއްގެ އިތުރުން ދިވެހި ޅެންވެރިކަމަށް ވެސް ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އެއީ ދިވެހި އަދަބީ ގުލްޝަނުގެ ޝާއިރުއްޝަބާބެވެ.

ޅެންވެރީންގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤުޞަދަކީ ދިވެހި ޅެންވެރީންގެ ޚިދުމަތުގެ އަގު ވަޒަންކުރުމާއި ދިވެހި ޅެންވެރިކަމަށް ދިވެހީން ހޭލުންތެރިކުރުވައި ބަހުގެ އަދަބުގެ ލޯބި އާލާކޮށް ދިރުވައި ޅެންވެރިކަމުގެ ފަންނު އިތުރަށް ދިރުވައި އާލާކުރުމެވެ. މިއީ މި ދުވަސް ފާހަގަކުރައްވަން ފެއްޓެވިތާ 33 އަހަރު ފުރޭ 34ވަނަ ޅެންވެރީންގެ ދުވަހެވެ.

މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ހުރިހައި ޅެންވެރިންނަށާއި ދިވެހިބަހާއި އަދަބިއްޔާތަށް ލޯބިކުރައްވާ އެންމެހައި ބޭފުޅުންނަށް ދިވެހިބަހުގެ އެކެޑަމީން ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.

މި އަހަރުގެ ޅެންވެރީންގެ ދުވަސް ތަޙްސީސްކޮށްފައިވަނީ މި ޖީލު ދުށް ކުޅަދާނަ ޅެންވެރިޔާ އަލްފާޟިލް އުތީމު އާދަމް ޢަބްދުއްރަޙްމާނު (އުތީމު އާދަމްބެ) އަށެވެ. ދިވެހި ދަޢުލަތުން ދެއްވާ ޝަރަފުވެރި އިނާމު ކަމުގައިވާ ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޅެންހެދުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު ހާސިލުކުރައްވައިފައިވާ އާދަމްބެއަކީ އަދަބީ، ޤައުމީ، ޢިޝްޤީ އަދި އެކިއެކި މުނާސަބަތުތަކާ ގުޅޭ ޅެމާއި ވެށްޓާ ބެހޭ ތަފާތު ޅެންތައް އަޅުގަނޑުމެންނަށް ގިނަ އަދަދަކަށް ހަދިޔާކުރައްވައިފައިވާ ބޭފުޅެކެވެ.

މި އަހަރުގެ ޅެންވެރީންގެ ދުވަހުގެ ޝިޢާރަކީ “ފެނިލުމުން ދިވެހި ދިދަ ވިހުރިލާ..”އެވެ. މި ޝިޢާރުން ރަމްޒުކޮށްދެނީ ގައުމީ ދިރުމާއި ޝާއިރީ ރިހުމެވެ. ހަމަ އެހެންމެ މި ޝިޢާރު ހިމެނޭ ޅެމަކީ ޤައުމީ މުނާސަބަތުތަކުގައި ބޭނުންކޮށްލަން ޖޯޝީ ރާގެއްގައި ރީތި މިއުޒިކަކާ އެކު ތައްޔާރުކޮށްފައިވާ ފަންނުވެރި ހުށައެޅުމެއް ކަމަށް ދިވެހިބަހުގެ އެކެޑަމީން ފާހަގަކުރައްވައެވެ. މިއީ ޤައުމީ ގޮތުން މުޖުތަމަޢަށް ވަރަށް ރަނގަޅު މެސެޖެއް ދެއްވައިފައިވާ ޅެމެއެއް ކަމަށާއި މި ޅެން މިހާރު ވަނީ ޤައުމީ ލަވައެއްގެ ގޮތުގައި މިއުޒިކާއެކު ދިވެހިރާއްޖޭގެ ދިފާއީ ބާރުން އުފައްދަވައި ޔޫޓިއުބުގައި ޝާއިއުކޮށްފައިކަން ހާމަކުރައްވަމުން ލަވައިގެ ލިންކުވެސް ހިއްސާކުރައްވާފައިވެއެވެ.

މި ލަވަ ބައްލަވައިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ލިންކު މެދުވެރިކޮށް ބައްލަވައިލެވޭނެއެވެ.

ދިވެހިބަހުގެ އެކެޑަމީގެ އުންމީދަކީ ދިވެހި ޅެންވެރިކަމާއި އަދަބިއްޔާތަށް ކުރިއަށްވުރެ ފާގަތި މުސްތަގުބަލެއް މިންވަރު ކުރެއްވުން ކަމަށާއި އަދި ދިވެހި ޅެންވެރީން ކުރައްވާ އަގުހުރި މަސައްކަތްތަކަށް ކާމިޔާބީ މިންވަރު ކުރެއްވުން ކަމަށް، ދުވަހާއި ގުޅިގެން އެ އެކެޑަމީން ނެރުއްވި ބަޔާނުގައި ފާހަގަކުރައްވައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.