ބޮލީވުޑްގެ އެންމެ ބިޒީ އެކްޓަރު އަކްޝޭ ކުމާރް ލީޑް ރޯލުން ފެނިގެންދާ “ބައްޗަން ޕާންޑޭ” ސިނަމާތަކުގައި ރިލީޒްކުރަން ނިންމައި ތާރީޚު އިޢުލާނުކޮށްފިއެވެ.

ކްރިތީ ސަނަން އާއި ޖެކްލިން ފެނާންޑޭޒް އާއެކު އަކްޝޭ ފެނިގެންދާ މި އެކްޝަން ކޮމެޑީއަކީ 2014 ގެ ތަމަޅަ ފިލްމު “ޖިގަރްތަންޑާ” އަސްލަކަށް ބަލައިގެން ނިޝްޗާއީ ކުޓަންޑާ އާއި ފަރުހާދު ސަމްޖީ ލިޔެފައިވާ ފިލްމެކެވެ. ފިލްމު ޑައިރެކްޓްކުރީ “ހައުސްފުލް 4” ގެނެސްދިން ފަރުހާދު ސަމްޖީއެވެ.

ސާޖިދު ނާދިއާޑްވާލާގެ ނާދިއާޑްވާލާ ގްރޭންޑްސަން އެންޓަޓެއިންމެންޓުން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވަނީ އަންނަ މާރޗު މަހުގެ 18 ވަނަ ދުވަހުއެވެ.

“ބައްޗަން ޕާންޑޭ” ގެ އިތުރުން އަކްޝޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މިހާރު މަސައްކަތް އެއްކޮށް ނިމިފައި އޮތް “ޕްރިތުވިރާޖް”، “ރަކްޝާ ބަންދަން”، މިހާރު ޝޫޓިންގ ކުރިއަށްދާ “ރާމް ސެތޫ” އާއި “އޯއެމްޖީ 2: އޯހ މައި ގޯޑް 2” ހިމެނެއެވެ.

ކްރިތީގެ މިއަހަރަށް ތާވަލުކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ޕްރަބާސްއާއެކު ފެނިގެންދާ “އަދިޕުރުޝް” އަދި “ބޭޅިޔާ” ހިމެނެއެވެ. އަދި މިހާރު ޝޫޓިންގ ކުރިއަށްދާ “ޝެހެޒާދާ” އާއި “ގަނަޕަތު” އަކީ ކްރިތީގެ އުންމީދީ ފިލްމުތަކެވެ.

ޖެކްލިންގެ އެންމެ އަވަހަށް ރިލީޒްވާން އޮތް ފިލްމު “އެޓޭކް” ވަނީ ކޮވިޑާއި ގުޅިގެން ރިލީޒްކުރުން ފަސްކޮށްފައެވެ. އޭގެ އިތުރުން “ސާކަސް” އަދި “ރާމް ސެތޫ” އަކީވެސް ޖެކްލިންގެ ކުރިއަށް ހުރި ޝައުޤުވެރި ފިލްމުތަކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.