ރާއްޖޭގައި ކެޓްރީނާ ހިމަނައިގެން ޝޫޓްކުރީ ‘ސްލައިސް ބެވަރެޖް’ގެ އިޝްތިހާރެއް

ބޮލީވުޑްގެ ހިތްގައިމު އެކްޓްރެސް ކެޓްރީނާ ކައިފް، ރާއްޖޭގައި އިޝްތިހާރެއްގެ ޝޫޓިންއެއް ނެގުމަށް ވަގުތުތަކެއް ހޭދަކުރުމަށްފަހު މުންބާއީ އަށް އެނބުރި ހިނގައްޖެ އެވެ. ކެޓްރީނާ ހިމަނައިގެން ރާއްޖޭގައި ނެގީ ދަހަރަކަށް ވުރެން ދިގު މުއްދަތަކަށް އޭނާ ބްރޭންޑް އެމްބެސެޑަރުކަން ކުރަމުން އަންނަ ‘ސްލައިސް ބެވަރެޖް’ އިޝްތިހާރެކެވެ.

ކެޓްރީނާ ކައިފް އެ އިޝްތިހާރު ކުޅެން ރާއްޖެ އައިސް ހުރި އިރު ނަގާފައިވާ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމުގައި ވެސް ހިއްސާކޮށްފައި ވެއެވެ. އެ ފޮޓޯގެ ކެޕްޝަންގައި ކެޓްރީނާ ބުނެފައި ވަނީ ރާއްޖެ އަކީ އޭނާގެ “އުފާވެރި މަންޒިލް” ކަމަށެވެ.

މިދިޔަ އަހަރު އާއްމުކޮށްފައިވާ ‘ސްލައިސް ބެވަރެޖް’ އިޝްތިހާރުން ފެންނަ މަންޒަރުތަކުން ބޮޑަށް ބުރަވެވެވީ އެ އިޝްތިހާރު ނަގާފައިވަނީ ވެސް ރާއްޖޭގެ ރިޒޯޓެއްގައި ކަމެވެ.

މި ފޮޓޯޝޫޓަށް ފަހު، ދެން ކެޓްރީނާ ދާނީ އޭނާ ސަލްމާން ޚާންއާ އެކު ކުޅޭ ފްރެންޗައިޒް ފިލްމު “ޓައިގަރ 3” ގެ ޝޫޓިންނަށެވެ. އޭގެ ފަހުން އޭނާ ފަށާނީ ވިޖޭ ސެތޫޕަތީގެ “މެރީ ކްރިސްމަސް”ގެ މަސައްކަތެވެ.

ކެޓްރީނާ އެއްމެ ފަހުން ފެނިފައި ވަނީ އަކްޝޭ ކުމާރާއެކުގައި ފިލްމު “ސޫރްޔާވަންޝީ”ން ނެވެ.

މިދިޔަ އަހަރު ޑިސެމްބަރު 09 ގައި ވިކީ ކޯޝަލް އާއި ކައިވެނިކުރުމަށް ފަހު، ކެޓްރީނާ އާއި ވިކީ ކޯޝަލް ހަނީމޫން ހަދައިލަން ރާއްޖެ އައިކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.