ކަޒްމިކް އިންޓަނޭޝަނަލްގެ ފުރަތަމަ ފިލްމީ މަސައްކަތް ފެށީ “މަޒްލޫމް”ގެ ނަމުގައި އުފައްދަން ފެށި އެންތޮލޮޖީ ސީރީޒަކުންނެވެ. އެ ސީރީޒްގެ ފުރަތަމަ އެޕިސޯޑަށް ދިން ނަމަކީވެސް “މަޒްލޫމް” އެވެ. މާނައަކީ ވިކްޓިމްއެވެ. ކޮންމެވެސް ކަމެއްގެ ޝިކާރައަކަށް ވެފައިވާ މީހެއްގެ ނުވަތަ ބައެއްގެ ދިރިއުޅުން ދައްކައިދޭން ފެށި މި ސީރީޒްގެ ފުރަތަ އެޕިސޯޑް ނެރުނީ މިދިޔަ އަހަރު ސެޕްޓެމްބަރު 21ގައެވެ. ތަފާތު، މޮޅު އުފެއްދުމެއްގެ ގޮތުގައި ފެނިގެންދިޔަ މި މަސައްކަތުގެ ފަހަތުގައި ހުރީ 2019 ވަނަ އަހަރު ރިލީޒްކުރި ހިޓް ފިލްމު “ބަވަތި” އުފެއްދުމުގެ މޭސްތިރިޔާ އިލްޔާސް ވަހީދު (އިއްލެ) އެވެ.

މަޒްލޫމް ސީރީޒްގެ ނިމުން މިރޭ 09:00 ގައި ބައިސްކޯފުން ރިލީޒްކުރާނެއެވެ. “ހިންތަ”ގެ ނަމުގައި މިރޭ ފެނިގެންދާނެ މި އެޕިސޯޑްގައި މި ސީރީޒްގެ ކުރީގެ ބައިތަކުގައި ހިނގާފައިހުރި ކަންތައްތައް ނިއުޅިގެން ތިލަވާނެ ކަމަށް ޤަބޫލުކުރެވެއެވެ.

“ހިންތަ”ގެ ޓްރެއިލާއެއް ރިލީޒްކޮށްފައި ވާއިރު އެ ޓްރެއިލާގައި ކުރީގެ ޗެޕްޓަރުތަކުގައި ހިނގާފައި ހުރި ހާދިސާތަކާ ގުޅުވާލާފައި ވެއެވެ. އެގޮތުން ޗެޕްޓަރު 03 ގައި މަދު މަންޒަރަކުން ފެނިގެންދިޔަ ހަމްޝާ (މަރްޔަމް އައްޒަ) ނިޔާވި ގޮތާ ބެހޭގޮތުން އެ ޗެޕްޓަރުގެ ލީޑުން ފެނިގެންދިޔަ ތާތި އާދަމް، ވާހަކަދައްކާތަން ފެނެއެވެ. މި ޗެޕްޓަރުގެ ޓްރެއިލަރ އިން ފެންނަ މަންޒަރުތަކުން ބޮޑަށް ދައްކާފައިވަނީ ހަމްޝާ (މަރްޔަމް ޢައްޒަ)ގެ ބައެވެ. އެހެންކަމުން މި ޗެޕްޓަރު ނިމޭއިރު، އިމާރާތެއްގެ މަތިން ހަމްޝާ ވެއްޓި މަރުވި ސަބަބާއި އަދި މި ޗެޕްޓަރުގައި ހަމްޝާ އަކީ ކޮންކަމެއްގެ، އަދި ކިހާވަރެއްގެ މަޒްލޫމެއް ނުވަތަވިކްޓިމްއެއް ކަން އެނގިގެން ދާނެ ކަމަށް ޤަބޫލުކުރެވެއެވެ.

”ހިންްތަ“ގެ މުހިންމު ތަރިންގެ ތެރޭގައި މަރްޔަމް އައްޒަ، ޢާއިޝަތު ޢަލީ، ސިމްބާ، ރަވީ ފާރޫޤް، އަލީ އުސާމް (ދޮނާ)ގެ އިތުރުން ޢާއިޝަތު ލަހުފާ (ލަހޫ) ހިމެނެއެވެ.

މަޒްލޫމްގެ ފުރަތަމަ ބައި ”މަޒްލޫމު“ން ދައްކުވައިދިނީ ރޭޕް ކޭސްއެއްގެ ވާހަކައެވެ. ދެވަނަ ބައި ކަމުގައިވާ ”ޒައްރޫކު“ން ދައްކުވައިދީފައި ވަނީ މައިންބަފައިންގެ ފަރާތުން އަޅައިލުން ލިބެންވާ ވަރަށް ނުލިބުނު ކުޑަ ކުއްޖަކަށް ދިމާވާ ނަފްސާނީ މައްސަލަތަކެއްގެ ވާހަކައެވެ. ތިންވަނަ ބައި ”މިންޖު“ން ދައްކައިދިނީ ގެވެށި އަނިޔާ ލިބެމުންދާ އަންހެނެއްގެ ވާހަކައެވެ. މި ބައިތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

https://www.youtube.com/watch?v=tirnOZ9mBas

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.