ދިވެހި ފިލްމީ ސިނާއަތުގައި ފާހަގަކޮށްލެވޭ ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓުން ކުޑަކުދިންނަށް ޚާއްސަކޮށްގެން “ހާސްބަސް ސާބަސް” ގެ ނަމުގައި ޕްރޮގްރާމެއް ނެރެފިއެވެ.
މިއީ ކުޑަކުދިންގެ މެދުގައި ދިވެހި ބަހަށް ލޯބިޖެއްސުމާއި ދިވެހި ބަހުގައިވާ އަޑުތަކަށް ހޭނުވުމުގެ އިތުރުން ލުއިފަސޭހަ ގޮތަކަށް ކުދިން ޝައުޤުވެރިވާނެ ގޮތަކަށް ދިވެހި ބަސްބަހާއި ކުދިން ރައްޓެހި ކުރުވުމުގެ މަޤުސަދުގައި ނެރުނު އުފެއްދުމެކެވެ. މި އުފެއްދުމުގައި ބޭނުންކޮށްފައިވާ ސާދާ ދިވެހި ބަހުގެ ސަބަބުން، ކުޑަކުދިންނަށް ދިވެހި ބަހުން ވާހަކަދެއްކުމާއި ލިޔުމުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ޢާއިޝަތު ފުވާދު ތައުފީޤް ލިޔެ ގެނެސްދިން “ހާސްބަސް ސާބަސް” އަކީ ކުދިންނަށް ދިވެހި ބަސް އުނގަންނައިދިނުމުގައި ބެލެނިވެރިންނާއި މުދައްރިސުންނަށްވެސް ބޭނުންކުރެވިދާނެ ފަސޭހަ، މުހިންމު ވަސީލަތެކެވެ. ފާޠިމަތު ހަސްމާގެ އުފެއްދުންތެރިކަމުގައި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުދިން ޝައުޤުވެރިވާނެ ގޮތަށް މަންޒަރުތައް ގެނެސްދީފައިވާ މި އުފެއްދުން އެޑިޓްކޮށް ޑައިރެކްޓްކުރީ ޢަލީ ޝިފާއު (ޗިއްޕެ) އެވެ.
މި އުފެއްދުމަށް އަޑު އަޅާފައިވާ ފަރާތްތަކުގެ ތެރޭގައި އަރޫޝާ އިބްރާހީމް، ޔޫސުފް ސިޒާން އަދި ޢާއިޝަތު ގުލްފާ ހިމެނެއެވެ. ޕްރޮޑިއުސްކުރީ މާހްރީން މުޙައްމަދު ޢަލީ އަދި ކައިލީން މުޙައްމަދު ޢަލީއެވެ.
ދިވެހި އަދަބިއްޔާތަށްޓަކައި، ޑާކް ރެއިނުން އިސްނަގައިގެން ގެނެސްދިން މި އުފެއްދުން މިހާރު ޑާކް ރެއިންގެ ޔޫޓިއުބް ޗެނަލް އާއި އެހެން މީސްމީޑިއާ މަންސަތަކުން ފެންނަން ހުންނާނެއެވެ.
