ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަސްމަންޒަރު: އީމާންތެރިކަމުގެ ދިގު ދަތުރު!

– ފައިމަގުގައި 7،000 ކިލޯމީޓަރު ކަޑައްތުކޮށް މައްކާއަށް ދިޔަ މުޙައްމަދު ޢިމްރާން

“އަހަރެން ބޭނުންވަނީ މާތް ﷲ ގެ ހަޟްރަތުން ދަރުމައާއި ޘަވާބު.” މިއީ ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި، ފައިމަގުގައި 7،000 އަށްވުރެ ގިނަ ކިލޯމީޓަރު ކަޑައްތުކޮށް، މައްކާއަށް ވާސިލްވި ޕާކިސްތާނުގެ ޢުމުރުން 27 އަހަރުގެ ޒުވާނާ، މުޙައްމަދު ޢިމްރާންގެ ހިތުގެ އިޙްސާސެވެ. އޭނާ މި ދިގު އަދި ބުރަ ދަތުރު ނިންމާލީ 240 ދުވަހުގެ (ގާތްގަނޑަކަށް 8 މަސް ދުވަހުގެ) ބުރަ މަސައްކަތުންނެވެ. އޭނާ މައްކާއަށް ވަދެގެން ދިޔައީ އިޙްރާމް ބަނދެގެން ހުރެ، އޭނާގެ ދަތުރުގެ ސާމާނު އަޅާފައިވާ އަތްގާޑިޔަލެއް ކޮއްޕަމުންނެވެ.

މުޙައްމަދު ޢިމްރާން މި މަތިވެރި ދަތުރު ފެށީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހު ޕާކިސްތާނުންނެވެ. އޭނާގެ ހަމައެކަނި މަޤްޞަދަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުން ހޯދުމާއި، ޢުމްރާ އަދި ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމެވެ. ދަތުރުމަތީގައި ބޭނުންކުރާނެ ކުޑަ ފޭލިގެއަކާއި، ކޮންމެހެން ބޭނުންވާ ސާމާނު ހިމެނޭ ގޮތަށް އޭނާ ގެންގުޅުނީ އާދައިގެ ކުޑަ ގާޑިޔަލެކެވެ.

ސަޢޫދީގެ މަޝްހޫރު ނޫހެއް ކަމަށްވާ “ސަބަޤު” އަށް މަޢުލޫމާތު ދެމުން ޢިމްރާން ކިޔައިދިން ގޮތުގައި، އޭނާ ޕާކިސްތާނުން ފެށިގެން އީރާނުގެ ތެރެއިން ހިނގާފައި ދިޔައީ ދުވާލަކު އެވްރެޖުކޮށް 30 ކިލޯމީޓަރުގެ ބާރުމިނުގައެވެ. ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދަށްފަހު ހިނގަން ފަށާ ގޮތަށް، ހިނގުން މެދުކަނޑާލަނީ އިރުއޮއްސުމުންނެވެ. އަދި އަނެއް ދުވަހުގެ ފަތިސް ވަންދެން އަރާމުކުރެއެވެ. ޢިމްރާން ބުނި ގޮތުގައި ފައިތިލައަށް ލިބުނު ބައެއް ޒަޚަމްތައް ފިޔަވައި، މާތް ﷲ ގެ އިރާދަފުޅުން އޭނާ ބޮޑު ބައްޔެއް ނުވެ ސަލާމަތުން ހުއްޓެވެ. ކިތަންމެ ބުރަ ނަމަވެސް، ގެފުޅާއި މަސްޖިދުލް ޙަރާމް ދެކިލުމަށް ހިތުގައި އޮތް ޝައުޤުވެރިކަމެއްގެ ބޮޑުކަމުން ހިނގަމުން ދިޔައީ އުފަލާއި ހިތްހަމަޖެހުމާއެކުގައެވެ.

މިވެސް ކިޔާލަން:  ފަސްމަންޒަރު: ދަސްވެނިވުމުގެ ހަފުލާއަށް ދިޔައީ ގޭސް ސިލިންޑަރެއް ކޮނޑަށް ލައިގެން!

އީރާނު ހުރަސްކުރުމަށްފަހު، ޢަރަބި ކަނޑުއޮޅިން ނަވަކަށް އަރައިގެން އޭނާ ދިޔައީ ކުވައިތަށެވެ. އަދި ކުވައިތުން މަތިންދާބޯޓެއްގައި ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟަށް ދަތުރުކުރުމަށްފަހު، ރިޔާޟުން އަނެއްކާވެސް ފައިމަގުގައި ހިނގަން ފެށިއެވެ. ރިޔާޟުން ފެށިގެން މައްކާއާ ހަމައަށް ހިނގުމަށް އޭނާއަށް 40 ދުވަސް ނެގިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރައްޔިތުންގެ ފަރާތުން ލިބުނު މެހެމާންދާރީއަށް ޢިމްރާން ވަނީ ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ. މަގުމަތިން އޭނާ ދާތަން ފެންނަ ކޮންމެ މީހަކުހެން ފެނާއި ކާބޯތަކެތި ދީ، ދީލަތިކަމާއެކު އެހީތެރިކަން ފޯރުކޮށްދިން ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒަށާއި، ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނަށާއި، އަދި ސަޢޫދީ ރައްޔިތުންނަށް އޭނާގެ ހިތުގައި އޮތް ލޯތްބާއި ޤަދަރު ހާމަކުރިއެވެ.

މުޙައްމަދު ޢިމްރާންގެ ގާޑިޔަލުގައި ޕާކިސްތާނުގެ ދިދައާއެކު ސަޢޫދީ ޢަރަބިއްޔާގެ ދިދަ ވިހުރެމުން ދިޔައީ ފަޚުރުވެރިކަމާއެކުގައެވެ. އޭނާ ބުނި ގޮތުގައި އެ ދެ ދިދަ އެކުގައި ބެހެއްޓުމުގެ މާނައަކީ، އިސްލާމީ އުޚުއްވަތްތެރިކަމާއި އެއްބައިވަންތަކަމުގެ ގަދަފަދަ ގުޅުމެވެ. މުޙައްމަދު ޢިމްރާންގެ މި ދަތުރަކީ މާތް ﷲ އަށް އޮތް އިޚްލާޞްތެރި ލޯތްބާއި، ކެތްތެރިކަމާއި އަޒުމު ވަރުގަދަވެއްޖެނަމަ އިންސާނަކަށް ކޮންމެފަދަ ދަތި އުނދަގޫ ކަމެއްވެސް ކާމިޔާބު ކުރެވިދާނެކަމުގެ ނުހަނު އަގުހުރި މިސާލެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top