ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފަސްމަންޒަރު: ދަސްވެނިވުމުގެ ހަފުލާއަށް ދިޔައީ ގޭސް ސިލިންޑަރެއް ކޮނޑަށް ލައިގެން!

– ބައްޕަގެ 26 އަހަރުގެ ބުރަ މަސައްކަތަށް ދިން އަގުހުރި ޝަރަފެއް!

ބައެއް ސަނަދުތަކަކީ އޭގައި ލިޔެފައިވާ ނަމަށްވުރެ މާ ފުން، އަދި މާ ބޮޑު ވާހަކަތަކަކާއި ގުރުބާނީތަކެއް އޭގެ ފަހަތުގައި ފޮރުވިފައިވާ ސަނަދުތަކެކެވެ. މިފަދަ އަސަރުގަދަ މަންޒަރެއް 2024 ވަނަ އަހަރު ފެނިގެންދިޔައީ ބްރެޒިލްގެ ޔުނިވާސިޓީއެއްގެ ދަސްވެނިވުމުގެ ހަފުލާއަކުންނެވެ.

ބްރެޒިލްގެ އިންޖިނިއަރިންގ ދަސްވެންޏެއް ކަމަށްވާ ލޮރެންޒޯ މޮންފާޑިނީ އޭނާގެ ދަސްވެނިވުމުގެ ރަސްމިއްޔާތަށް ހާޒިރުވީ ކޮނޑުމަތީގައި ގޭސް ސިލިންޑަރެއް އުފުލައިގެންނެވެ. އެއީ ދަރިފުޅަށް ކިޔަވައިދިނުމުގެ ބުރަ ޒިންމާ އުފުލުމަށްޓަކައި ވޭތުވެދިޔަ 26 އަހަރު ދުވަހު ގޭސް ފުޅި އުފުލައި ޑެލިވަރީ ކުރުމުގެ ބުރަ މަސައްކަތުގައި ދެމިހުރި އޭނާގެ ލޮބުވެތި ބައްޕަ، ޖެފަރސަން މޮންފާޑިނީގެ ޝަރަފުގައެވެ.

ލޮރެންޒޯ، އުމުރުން 17 އަހަރުގައި ބެލޯ ހޮރިޒޮންޓޭ އާއި 96 ކިލޯމީޓަރު ދުރުގައި އޮންނަ ‘ޔުނިވާސިޓީ އޮފް އޮއުރޯ ޕްރެޓޯ’ އާ ގުޅުނީ ޕްރޮޑަކްޝަން އިންޖިނިއަރިންގގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށެވެ. ފަސް އަހަރުގެ ދިގު ޕްރޮގްރާމަކަށް ފަހު ޑިގްރީ ހާސިލްކުރި ދުވަސް ވެގެންދިޔައީ އޭނާއަށާއި މުޅި އާއިލާއަށް ވެސް ނުހަނު ޚާއްސަ އަދި އަސަރުގަދަ ދުވަހަކަށެވެ. ދަސްވެނިން ހޯލަށް ވަދެގެން ދިޔަ ވަގުތު، ލޮރެންޒޯ ގޭސް ސިލިންޑަރެއް އުފުލައިގެން ދިޔަ މަންޒަރު ފެނި، ހޯލުގައި ތިބި އެންމެން ވަނީ ކޮޅަށް ތެދުވެ ހޫނު އަތްތިލަބަޑިއެއް ޖަހައި އޭނާއަށް މަރުހަބާ ކިޔާފައެވެ. ސޯޝަލް މީޑިއާގައި މި މަންޒަރު މިހާރު ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ.

ލޮރެންޒޯ ގަބޫލުކުރާ ގޮތުގައި އެ ގޭސް ފުޅިއަކީ އޭނާގެ ބައްޕަ ވީ މަތިވެރި ގުރުބާނީ އާއި ކުރި ބުރަ މަސައްކަތުގެ ރަމްޒެކެވެ. މިއީ ހަމައެކަނި އޭނާއަށް ލިބުނު ކާމިޔާބީއެއް ނޫން ކަމަށާއި، މިއީ އެ މުނާސަބަތާ ހަމައަށް އޭނާ ވާސިލުކޮށްދިނުމަށްޓަކައި ބައްޕަ ވީ ގުރުބާނީގެ އުފާ ފާޅުކުރުން ކަމަށް އޭނާ ބުންޏެވެ.

މިވެސް ކިޔާލަން:  ފޮޓޯގެ ފަހަތުގައިވާ ވާހަކަ: ހިތްވަރުގަދަކަމުގެ ނަމޫނާއެއް

“އޭނާ އަބަދުވެސް އަހަރެމެންގެ އާއިލާއަށްޓަކައި ހަނގުރާމަކުރި. އަދި އަހަރެން މި ހިސާބަށް ގެނެސްދިނީ އޭނާގެ އެ މަސައްކަތުން ކަމަށްވާތީ، ޑިޕްލޮމާ ލިބޭ ވަގުތު އޭނާގެ އެ މަސައްކަތުގެ އަގުވަޒަން ނުކޮށެއް އަހަންނަކަށް ނުހުރެވުނު،” ލޮރެންޒޯ ކިޔައިދިނެވެ.

ދަސްވެނިވުމުގެ ހަފުލާގެ ތެރެއިން ދަރިފުޅު ދިން މި ޚާއްސަ ސަޕްރައިޒުން ބައްޕަ ޖެފަރސަންގެ ލޮލުން ވަނީ އުފާވެރިކަމުގެ ކަރުނަ އޮހޮރިފައެވެ. “އަހަރެންނަށް ވަރަށް ޝަރަފުވެރިކަމާއި ހިތްހަމަޖެހުން އިހުސާސް ކުރެވުނު. އޭނާގެ ވިސްނުމާއި އަމަލުތަކުން އަހަރެންގެ ހުރިހާ ވަރުބަލިކަމެއް ފިލައި، އުފަލުން ކަރުނަ އެޅުނު. އޭނާ އަކީ ވަރަށް ހާއްސަ ދަރިއެއް،” ޖެފަރސަން ފަޚުރުވެރިކަމާއެކު ބުންޏެވެ.

މި އަމަލަށް މިހާ ބޮޑު ސަމާލުކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ނުކުރާ ކަމަށާއި، މިއީ މައިންބަފައިންގެ އަގު ވަޒަންކުރުމުގައި އެހެން ކުދިންނަށް ވެސް ލިބޭނެ ހިތްވަރަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށް ލޮރެންޒޯ ބުންޏެވެ. މި ޒުވާން އިންޖިނިއަރު މިހާރު ދަނީ މައިނިންގ ކުންފުންޏެއްގައި އިންޓަރންޝިޕް ފުރިހަމަ ކުރަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top