ދިވެހި ފިލްމީ ސިނާޢަތަށް ތަފާތު އައު ކަންތައްތަކެއް ތަޢާރަފު ކުރަމުންގެންދާ ކާމިޔާބު ޕްރޮޑަކްޝަން ހައުސް، ޑާކްރެއިން އެންޓަޓެއިންމަންޓުން ފެށުމަށް ހަމަޖެހިފައިވާ ބައެއް ފިލްމުތަކުގައި އެކްޓްކުރާނެ ކުދިންނާއި ލިޔުންތެރިން ހޯދަން އިޢުލާނުކޮށްފިއެވެ.

ފިލްމުކުޅުމަށް ޝައުޤުވެރިވާ، ހުނަހުރި ފަރާތްތަކެއް ހޯދުމަށް، ފިލްމީ ދާއިރާއަށް ޒުވާން އައު މޫނުތަކެއް ތަޢާރަފުކޮށް މޮޅު ފިލްމު ތަކެއް ނެރެމުން އަންނަ ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަދު އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ؛ ބެކްގްރައުންޑް އެކްޓަރުންނާއި އެހެނިހެން އެކްޓަރުން ހޯދުމަށް އެމީހުން ބޭނުންވާ ކަމަށެވެ. މީގެ އިތުރުން ލިޔުންތެރިން ނުވަތަ ސްކްރީން ރައިޓަރުން ހޯދުމަށް ބޭނުންވާ ކަމަށްވެސް ބުނެފައިވެއެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓު ގެ ކާމިޔާބު ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) މުނިއަވަސް އަށް މިއަދު ބުނީ އެކްޓްކުރާނެ ކުދިން ހޯދަނީ އެ ސްޓޫޑިއޯ އިން ފެށުމަށް ހަމަޖެހިފައިވާ ފިލްމު “ނޮވެމްބަރ” އާއި އަޙްމަދު ޝިނާނު ޑައިރެކްޓްކުރުމަށް ނިންމާފައިވާ ބިރުވެރި ފިލްމުގައި އެކްޓްކުރުމަށް ކަމަށެވެ.

“ކާސްޓިންގ ކޯލް އެއީ ‘ނޮވެމްބަރ’ އަށާއި ބިރުވެރި ފިލްމަށް.” މޮގާ މަޢުލޫމާތު ދެއްވިއެވެ. މޮގާ އިތުރަށް ބުނީ ލިޔުންތެރިން ހޯދަނީ ސްކްރީން ރައިޓަރުންނާއި ފިލްމު ސްްކްރިޕްޓް ރައިޓަރުންނަށް ކަމަށެވެ. ވާހަކަ ލިޔުންތެރިން އޭގެ ތެރޭގައި ނުހިމެނޭކަން ވެސް ފާހަގަކުރެއްވިއެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓުން މިއަދު ކޮށްފައިވާ ޕޯސްޓް

ފުރިހަމަ ނަން، އުމުރު އަދި ގުޅޭނެ ނަންބަރެއް ޖެހުމަށްފަހު ޑާކް ރެއިން އެންޓަޓެއިންމެންޓްގެ [email protected] އީ މެއިލް އެޑްރެހަށް މެއިލް ކުރުމަށް އެ ސްޓޫޑިއޯ އިން އެދެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް އެ ސްޓޫޑިއޯގެ ނަންބަރު 9911229 އަށް ގުޅުމަށް ވެސް އެދެއެވެ.

ރާއްޖޭގައި ފިލްމު އުފެއްދުމުގެ މަސައްކަތުގައި މިވަގުތު އެންމެ ކުރީ ސަފުގައި، އެންމެ ކާމިޔާބުކަމާއެކު ހަރަކާތްތެރި ވަމުން އަންނަ ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކްރެއިން އެންޓަޓެއިންމަންޓަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ވަނީ 13 އަހަރު ފުރިފައެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓްން އުފައްދަމުން އަންނަ ފިލްމު ތަކުގައި ގިނަ އާ މުނުތަކެއް ތައާރަފުކުރަމުން އަންނައިރު، އެތަނުން އުފައްދާ ފިލްމުތަކަށް އަންނަނީ ބޮޑު ކާމިޔާބެއްވެސް ލިބެމުންނެވެ.

 ޑާކްރެއިން އެންޓަޓެއިންމަންޓުން މިދިޔަ އަހަރު އޮކްޓޯބަރު މަހުވެސް ކާސްޓިން ކޯލަކަށް އިޢުލާނު ކުރިއެވެ. އޭގެ ފަހުން އެ ސްޓޫޑިއޯއިން ވަނީ އާ މޫނުތަކެއް ހިމަނައިގެން ފިލްމު އުފައްދައި ރިލީޒްކޮށްފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.