ޑާކްރެއިން އެންޓަޓެއިންމެންޓްގެ ލޯބީގެ ފިލްމު “ބީވީމާ“ގެ ރަސްމީ ޓީޒަރ މިއަދު ދައްކާލައިފި އެވެ. އާއްމުކޮށްފައިވާ ޓީޒަރ އިން ފިލްމުގެ ލީޑް ތަރިންގެ ދެ ޒަމާނެއް ދައްކައިދީފައިވެއެވެ.

ހިތްގައިމު ލޯބީގެ އިހްސާސެއް ގެނެސްދޭ މިއުޒިކެއްގެ އަޑު އިވިގެންދާ މި ޓީޒަރގައި ދައްކައިދެނީ ފިލްމުގެ ލީޑް އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) އަދި މަރްޔަމް އަޝްފާގެ އިތުރުން އެމީހުންގެ މަދަރުސީ ދައުރު ދައްކައިދިނުމަށް ހިމަނާފައިވާ ޒުވާން ދެ ތަރިން ކަމަށްވާ އާދަމް ޒިދާން (ނާނަ) އަދި އައިމިނަތު ރަޝްފާ (އާޝާ) އެވެ.

“ފޮގެޓް މީ ނޮޓް ♡ ރާނިޔާ” މި މެސެޖް ނާނަގެ ޔުނިފޯމުގެ ފުރުގަހުގައި ގަލަމަކުން އާޝާ ލިޔެލާތަން ޓީޒަރ ފެށޭއިރު ފެނެއެވެެ. ދެން ފެނިގެންދަނީ ރަށްފުށުގައި 1980ގެ ނުވަތަ 90ގެ އަހަރުތަކުގެ މަންޒަރެއް ގޮތަށް ސިފަކޮށްދީފައިވާ ސީންއެކެވެ. އެ ސީންގައި އާޝާ ހުންނަނީ ކުރު ހެދުންބުރި ސްޓައިލްގެ ހެދުމެއްގައެވެ. ހިތްގައިމު ހިނިތުންވުމަކާއެކު މަގުމަތިން ހިނގާފައި ދާއިރު، ގަންޖުފަރާހެއް ލައިގެން، ބައިސްކަލެއްގައި ނާނަ ދުއްވާފައި އަންނަތަން ފެނެއެވެ. ނާނަ އާއި އާޝާގެ މަންޒަރުތަކެއް ކުރުގޮތަކަށް ދައްކައިލުމަށްފަހު ކޮޕީ އިއްސެ އާއި އަޝްފާ ދައްކައިލައެވެ. އޭގެ ފަހުންވެސް އެ ޒަމާނާއި މި ޒަމާނުގައި މި ފިލްމުގެ ލީޑް ތަރިންގެ ބައެއް މަންޒަރުތައް ދައްކާލައެވެ.

މަޝްހޫރު ސްކްރީން ރައިޓަރ އަހްމަދް ޒަރީރް ލިޔެ ޑައިރެކްޓް ކޮށްފައިވާ އޭނާގެ ފުރަތަމަ ފީޗާ ފިލްމު “ބީވީމާ“ގެ ޓީޒާ ނެރުނުއިރު ފިލްމުގެ ޝޫޓިން ވެސް މިހާރު ވަނީ ނިންމާފަ އެވެ.

މި ފިލްމާ ގުޅުންހުރި އިތުރު މަޢުލޫމާތު ހޯދައިލުމަށް މުނިއަވަސް އިން އަޙްމަދު ޒަރީރު (ޒައްރަ) އާ ބައްދަލުކޮށްލީމެވެ. ޒަރީރު ބުނީ މިއީ ބެލުންތެރިންނަށް ގެނެސްދޭ ފިލްމަކަށް ވީހިނދު، މި ފިލްމު ބެލުންތެރިން ބަލައިގަތުން އެއީ ކުރެވޭ އެއްމެ ބޮޑު އުއްމީދު ކަމަަށެވެ. އޭގެ އިތުރުން މި ފިލްމުގައި މަސައްކަތްކުރި މީހުންނާމެދު ބެލުންތެރިންގެ އިތުބާރު ބޮޑުވެގެން ދިއުމަށް އުއްމީދުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

މި ފިލްމުން ފެނިގެންދާނެ އެއްމެ ބޯޑު ތަފާތަކީ ކޮބައިކަން ޖަޖުކުރުމަށްވެސް ޒަރީރު ދޫކޮށްލަން ބޭނުންވަނީ ބެލުންތެރިންނަށެވެ. މިއީ ލޯބީގެ ފިލްމެއްކަމުން ދިވެހި އޯޑިއަންސަށް މި ފިލްމު ވަރަށް ބޮޑަށް ކަމުދާނެކަމަށް ޤަބޫލުކުރާ ކަމަށްވެސް ޒަރީރު ފާހަގަކުރިއެވެ.

ފިލްމު “ބީވީމާ“ގެ މަސައްކަތް ގޮސްފައިވާ އެއްމެ ފަހުގެ އަދާހަމަ އާއި ތަރިންގެ އެކްޓިންގެ ތެރެއިން އަޝްފާގެ އެކްޓިންގެ ވާހަކަތަކާާއި އިތުރު ވާހަކަތަކެއްވެސް ޒަރީރު ހިއްސާކުރިއެވެ. މުނިއަވަސް ޔޫޓިއުބް ޗެނަލުން މި ވާހަކަތައް އަޑުއަހައިލެވޭނެއެވެ.

https://www.youtube.com/watch?v=r5_Qw8wUWn8

ޕްރޮޑިއުސަރު މުހަންމަދު އަލީ (މޮގާ) ބުނި ގޮތުގައި މި ފިލްމަކީ މީހުން ގަޔާވާ ފަދަ ފިލްމަކަށް ވާނެ އެވެ. ޑާކް ރެއިން އެންޓަޓެއިންމެންޓުން މި ފިލްމު ސިފަކުރަނީ މިއީ އެ ޕްރޮޑަކްޝަން ހައުސް އިން މިހައިތަނަށް އުފެއްދި އެންމެ ތަފާތު އެއް ފިލްމުގެ ގޮތުގައެވެ. އެގޮތުން މިއީ ވަރަށް އިމޯޝަނަލް އަދި މިސްޓީރިއަސް ފިލްމަކަށް ވެގެންދާނެ ކަން ފާހަގަކުރަމުން ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ބުނީ މި ފިލްމު ވެގެން ދާނީ ރާއްޖޭގައި މިހާތަނަށް އަޅުވާ އެންމެ ރީތި އެއްފިލްމަށް ކަމަށެވެ.

ފިލްމު ”ބީވީމާ“ ކެމެރާކުރީ ހުނަރުވެރި ސިނަމޮޓޮގްރާފަރ އިބްރާހިމް ވިސާން (ކަނޑި)އެވެ. ޕޯސްޓްޕްރޮޑަކްޝަން ހަދަނީ ކެމެރާމަން، ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. ފިލްމުގެ ބެކްމިއުޒިކް ހަދަނީ ޙުސައިން ތަޢުފީޤް އެވެ. ކޮސްޓިއުމް ޑިޒައިނިންގ އާއި މޭކަޕް ހެދީ ޙުސައިން ހާޒިމް (ސޭންޑީ) އެވެ.

ފިލްމު ”ބީވީމާ“ އަކީ މުހައްމަދު އަލީ (މޮގާ) އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގް ޕްރޮޑިއުސްކުރާ ފިލްމެކެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.