މޯލްޑިވްސް ސޮސައިޓީ ފޮރ ޕާރފޯމިނގް އާރޓްސް (އެމްއެސްޕީއޭ) އިން ފިލްމު ސްކްރިޕްޓް ލިޔަން ދަސްކޮށްދޭ ވޯރކްޝޮޕެއް ބާއްވަން ނިންމައި އެކަން އިޢުލާނުކޮށްފިއެވެ.

މި ވޯކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފޯމާއި ވޯކްޝޮޕްގެ ޤަވާޢިދު، އެމްއެސްޕީއޭގެ ވެބްސައިޓް (އެމްއެސްޕީއޭ ޑޮޓް އެމްވީ) mspa.mv އިން ލިބެން ހުންނާނެއެވެ. ގަވާއިދުގައި ހިމެނޭ މުހިންމު ބައެއް ނުކުތާތަކަށް ބަލައިލާއިރު، ސްޓޫޑިއޯ ނުވަތަ ކުންފުނި ފަދަ ތަންތަނުން ބައިވެރި ކުރާ ފަރާތްތައް ބައިވެރިކުރާނީ ކުންފުނި ނުވަތަ އެ ސްޓޫޑިއޯއިން ކަމަށާ ބައިވެރިންގެ ނަން ލިސްޓް ހުށައަޅާއިރު ވޯރކްޝޮޕްގެ މުއްދަތަށް އެފަރާތެއް ދޫކޮށްފައިވާކަމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމެއް އެ މުއައްސަސާއަކުން ހުށައަޅަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ވޯކްޝޮޕްގައި މުދައްރިބަކީ ފިލްމު އުފެއްދުމުގެ ދާއިރާގައި ތަޖުރިބާކާރު ފަރާތެއް ކަމަށްވާ ހަރްޝް އާނަންދު އެވެ. އިންޑިއާގެ ނިއު ދިއްލީއަށް ނިސްބަވާ ހަރްޝް އާނަންދު އަކީ އެތަކެއް ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ހުނަރުވެރި ޑައިރެކްޓަރެކެވެ.

މިފަދަ ސްކްރިޕްޓް ރައިޓިންގް ވޯކްޝޮޕެއް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި ހުނަރުވެރި ސްކްރިޕްޓް ރައިޓަރުން މަދުކަމާއެކު ބޮޑަށްް ޒުވާނުން މި ހުނަރުގެ ތެރެއަށް ވެއްދުމަށް ބާރު އެޅުން ކަމަށް އެމްއެސްޕީއޭ އިން ބުނެއެވެ. މީގެ އިތުރުން، ސްކްރިޕްޓް ލިޔުމުގެ ރޮގުން ޝައުގުވެރިކަން ހުރި ބަޔަކު އުފެއްދިއްޖެނަމަ ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާއަށް ކޮލިޓީ ޕްރޮޑަކްޓް ތަކެއް ނެރެވިގެން ދާނެކަމަށް ދެކޭ ކަމަށްވެސް އެމްއެސްޕީއޭ އިން މުނިއަވަސް އަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާރފޯމިނގް އާރޓްސް ގެ މަޤުސަދުގެ ތެރޭގައި މީހުން ބިނާ ކުރުމަކީ އެއްމެ ބޮޑަށް އިސްކަންދޭ އެއް ކަމަކަށް ވާތީ މި އަހަރުގެ ތެރޭގައި ތަފާތު ވޯކްޝޮޕްތައް ހިންގުމަށް ކަނޑައަޅާފައިވާ ކަމަށާ، މިއަދު މި އިޢުލާނުކުރެވޭ ސްކްރިޕްޓް ރައިޓިންގް ވޯކްޝޮޕަކީ އެގޮތުން ހިންގޭ ފުރަތަމަ ހަރަކާތް ކަމަށްވެސް އެ ސޮސައިޓީން ބުނެއެވެ.

މި ސްކްރިޕްޓް ރައިޓިން ވޯކްޝޮޕަކީ މޯލްޑިވްސް ސޮސައިޓީ ފޮރ ޕާރފޯމިންގް އާޓްސް (އެމްއެސްޕީއޭ) އާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ގުޅިގެން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕް އޮންނާނީ 10 މާރިޗުން 23 މާރިޗުގެ ނިޔަލަށެވެ. މިއީ ޔޫތު މިނިސްޓްރީއާއި ގުޅިގެން ހިންގާ ވޯކްޝޮޕެއްކަމަށް ވާތީ އެއްވެސް ފީއެއް ނެގުމަށް ހަމަޖެހިފައި ނުވާކަމަށް އެމްއެސްޕީއޭގެ ޗެއާމަން މުޙައްމަދު ރަޝީދު (ދަރާ) ވިދާޅުވެއެވެ.

އެމްއެސްޕީއޭ ސްކްރިޕްޓް ރައިޓިންގް ވޯކްޝޮޕްގެ ފްލަޔަރ އިން އިތުރު މަޢުލޫމާތުތައް ލިބޭނެއެވެ.

އެމްއެސްޕީއޭގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އަދި މުނިއަވަސް ކްލަބްހައުސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.