ދިވެހި ފިލްމީ ދާއިރާގައި އެއްމެ ގިނަ ފިލްމު ޑައިރެކްޓްކުރީ ކާކުހޭ އަހައިފިނަމަ އޭގޭ ޖަވާބަކަށް ހަމަ ގައިމުވެސް އަމްޖަދު އިބްރާހީމް (އަމްޖޭ)ގެ ނަން ނޫން އެހެން ނަމެއް ނުގެނެވޭނެއެވެ.

ޖުމްލަ 50 އަށްވުރެން ގިނަ ފިލްމު ޑައިރެކްޓްކޮށްފައިވާ ތަޖުރިބާކާރު ޑައިރެކްޓަރަކާ އެކުގައި މަސައްކަތްކޮށްލަން ބޭނުން ޒުވާނުންނަށް މިއޮތީ ރަނގަޅު ފަހި ފުރުޞަތެކެވެ. ފިލްމު ކުޅެން ބޭނުންވާ ކުދިންނަށެވެ. ކެމެރާކުރަން ބޭނުން ކުދިންނަށެވެ. ޑައިރެކްޓްކުރަން ބޭނުން ކުދިންނަށެވެ. މިހެންގޮސް ފިލްމީ މަސައްކަތުގެ ކެމެރާ ފުރަގަހުގައާއި ކުރިމަތީގައި ކުރާ މަސައްކަތްތަކަށް ޝައުޤުވެރިވާ ޒުވާނުންނަށް މިއީ ހަމަ ގައިމުވެސް ނުލިބި ނުދާނެ ފަދަ ފައްކާ ފުރުޞަތެކެވެ.

މުނިއަވަސް އަށް އަމްޖަދު އިބްރާހީމް ބުނީ ފިލްމުކުޅުމާއި ފިލްމު އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ބޭނުންވާ އަންހެން އަދި ފިރިހެން ކުދިންނަށް ފުރުޞަތު އެބަ އޮތް ކަމަށެވެ. ނަމަވެސް، މި ދަނޑިވަޅަށް އަމްޖޭ ހޯދަމުން ދަނީ މާލޭގައި އުޅޭ ކުދިންނެވެ.

މި ފުރުޞަތުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން އަމްޖޭ އާ ގުޅައިގެން ނަންނޯޓް ކުރުން ކުރިއަށްގެންދެވޭނެއެވެ. 7449857 ނަންބަރުން އަމްޖޭއާ ގުޅޭނެއެވެ.

“ފިލްމު ކުޅޭހިތްވާ ކުދިން ބޭނުން، އަންހެން އަދި ފިރިހެން. ޓެކްނިކަލް މަސައްކަތް ދަސްކުރަން ބޭނުންވާ ކުދިންވެސް ބޭނުން އެބަވޭ.” މިވަގުތުވެސް ހުއްޓުމެއް ނެތި ފިލްމު އުފެއްދުމުގެ މަސައްކަތުގައި ނުހަނު ވަދިކޮށް ހަރަކާތްތެރިވަމުން އަންނަ އަމްޖޭ ބުންޏެވެ.

އަމްޖޭ އަކީ ދިވެހި ފިލްމް ޑައިރެކްޓަރެއްގެ އިތުރުން ފިލްމު ޕްރޮޑިއުސަރެކެވެ. ފިލްމު ސްކްރިޕްޓް ލިޔުމަކީވެސް އަމްޖޭ ކުރާ މަސައްކަތެކެވެ. ތަފާތު އެތައް ފީޗަރ ފިލްމަކާއި ކުޑަކުދިންގެ ފިލްމު އަދި ވީޑިއޯ ލަވަތައް ޑައިރެކްޓްކޮށްފައިވާ އަމްޖޭއަށް ހަތް ވަނަ ގައުމީ ފިލްމު އެވޯޑްސްގައި ހަޔާތީ އަރުތަ އެވޯޑް ނުވަތަ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ދީފައި ވެއެވެ. 2016 ވަނަ އަހަރު އަމްޖޭ އަށް މި އެވޯޑް ދިން އިރު، އޭނާ ވަނީ 49 ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ.

މިދިޔަ އަހަރު ފަހުކޮޅު، އަމްޖޭ އުފެއްދި “ބްރިޖް” ވެބް ސީރީޒް ބައިސްކޯފުން ދައްކަން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.