މީގެ ދުވަސްކޮޅެއް ކުރިން، އަކްޝޭ ކުމާރްގެ ކުރިއަށް އޮތް ޕްރޮޖެކްޓް “ސެލްފީ”ގެ ޚަބަރު އޭނާ ވަނީ މީޑިއާއަށް އާއްމުކޮށްފައެވެ. އަކްޝޭ އާއި އެކުގައި އިމްރާން ހާޝްމީ ވެސް ލީޑްގައި ހަރަކާތްތެރިވާ މި ފިލްމަކީ 2019 ވަނަ އަހަރު ރިލީޒްކުރި މަލަޔާޅަމް ހިޓް ފިލްމު “ޑްރައިވިންގ ލައިސަންސް”ގެ ރަސްމީ ރީމޭކެކެވެ. އެ ފިލްމުގެ ލީޑްގައި ހަރަކާތްތެރިވަނީ ޕްރިތުވީރާޖް ސުކްމަރަން އަދި ސޫރަޖް ވެންޖަރަމޫޅް އެވެ.

ފިލްމު “ސެލްފީ”ގެ ލީޑްގައި އަކްޝޭ އަދި އިމްރާން ހަރަކާތްތެރިވާކަން އާއްމުކޮށްފައިވާއިރު، މި ފިލްމުގެ އަންހެން ލީޑުން ފެނިގެންދާނީ ނުޝްރަތު ބަރޫޗާ ކަން ފަހުގެ ބައެއް ރިޕޯޓްތަކުން ބުނެއެވެ. މިއީ ކިލާޅީ ކުމާރާއެކު އޭނާ މަސައްކަތްކުރާ ދެވަނަ ފިލްމެވެ. ރާމް ސޭތޫ ގެނެސްދޭ، އަބީޝެކް ޝަރްމާ ޑައިރެކްޓްކުރާ މި ފިލްމަކީ ލައިކާ ޕްރޮޑަކްޝަންސް، އެމެޒޯން ސްޓޫޑިއޯސް އަދި ކޭޕް އޮފް ގުޑް ހޯޕް ފިލްމްސް އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ނުޝްރަތު ބަރޫޗާ

“ސެލްފީ”ގެ އިތުރުން އަކްޝޭ ކުމާރްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި “ޕްރިތުވީރާޖް”، “ބައްޗަން ޕާންޑޭ”، “ރަކްޝާ ބަންދަން” އަދި ރާމް ސޭތޫގެ “އޯއެމްޖީ 2” ހިމެނެއެވެ.

އިމްރާން ހާޝްމީ އެއްމެ ފަހުން ފެނިގެންދިޔައީ 2021ގައި ރިލީޒްކުރި ފިލްމު “ޗެހެރޭ” އިންނެވެ. އެ ފިލްމުގެ ލީޑްގައި އަމީތާބް ބައްޗަން އަދި ރިއާ ޗަކްރަބަތީ ހަރަކާތްތެރިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.