ބޮލީވުޑް ސުޕަސްޓާރ ސަލްމާން ޚާން އާއި ބަތަލާ ޕޫޖާ ހެގްޅޭ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު “ކަބީ އީދު ކަބީ ދިވާލީ” ރިލީޒްކުރާ ތާރީޚު އިޢުލާނުކޮށްފިއެވެ.
ސާޖިދު ނާދިއާޑްވާލާގެ ފިލްމު ކުންފުނި ނާދިއާޑްވާލާ ގްރޭންޑްސަންގެ މީސްމީޑިއާ މަންސަތަކުގައި ސަލްމާނާއެކު ސާޖިދު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން ބުނެފައިވަނީ “ކަބީ އީދު ކަބީ ދިވާލީ” ރިލީޒްކުރާނީ އާ އަހަރާއި ދިމާކޮށް މިއަހަރުގެ ޑިސެމްބަރު 30 ގައި ކަމަށެވެ.
ސަލްމާން އާއި ޕޫޖާގެ އިތުރުން ލީޑުގައި ދެކުނު އިންޑިއާގެ ބަތަލު ވެންކަޓޭޝް ހަރަކާތްތެރިވާ “ކަބީ އީދު ކަބީ ދިވާލީ” އަކީ އާއިލީ ކޮމެޑީއެކެވެ. މި ތަރިންގެ އިތުރުން ސަލްމާންގެ ޅިޔަނު އާޔޫޝް ޝަރްމާ އާއި ދެކުނު އިންޑިއާގެ ގިނަ ފިލްމީ ތަރިންތަކެއް ފެނިގެންދާނެކަމަށް ޚަބަރުތައް ބުނެއެވެ.
ސާޖިދުގެ ވާހަކައަކަށް އުފައްދާ މި ފިލްމަކީ ސަލްމާން، ސާޖިދާއެކު މަސައްކަތްކުރާ 7 ވަނަ ފިލްމެވެ. އޭނާ ކުރިން މަސައްކަތްކުރި ސާޖިދުގެ ފިލްމުތަކަކީ “ޖީތު (1996)”، “ޖުޅްވާ (1997)”، “ހަރް ދިލް ޖޯ ޕިޔާރް ކަރޭގާ (2000)”، “މުޖްސެ ޝާދީ ކަރޯގީ (2004)”، “ޖާނެމަން (2006)” އަދި “ކިކް (2014)” އެވެ.
ކުރިން އަންނަ އަހަރުގެ ފިޠުރު ޢީދުގައި ރިލީޒްކުރާގޮތަށް އިޢުލާނުކުރި “ކަބީ އީދު ކަބީ ދިވާލީ” ޑައިރެކްޓްކުރަނީ މިމަހު 18 ގައި ރިލީޒްކުރާ އަކްޝޭ ކުމާރްގެ “ބައްޗަން ޕާންޑޭ” ވެސް ޑައިރެކްޓްކުރި ފަރުހާދު ސަމްޖީއެވެ.
