ބޮލީވުޑް ބަޠަލާއިންގެ ތެރެއިން އެއްމެ ގިނަބަޔަކު ލޯބިވާ ޖޫހީ ޗައުލާ ކުރެން އޭނާގެ ދަރިފުޅު ފިލްމީ ދާއިރާއަށް ނުކުމެދާނެތޯ ސުވާލުކުރުމުން ޖޫހީ ދިން ޖަވާބެއް އެނގެން ބޭނުންވާނެ ގިނަ އަދަދެއްގެ ސަޕޯޓަރުން ތިބޭނެކަން ގައިމެވެ.

ބޮލީވުޑްގެ އެހެން ސެލެބްރިޓީންނާ ޚިލާފަށް ޖޫހީ ޗައުލާ، އޭނާގެ ދަރިފުޅު ގެންގުޅެނީ އާއްމުންގެ ސަމާލުކަން ވީހައިވެސް ނުލިބޭނެ ގޮތަށް އަދި ޕަޕަރާޒީންނަށް ވީހައިވެސް ބޮޑަށް ފޮރުވައިގެންނެވެ. ނަމަވެސް މި ވޭތުވެދިޔަ ދެތިން އަހަރެއްގައި ބައެއް މުނާސަބަތުތަކުން ޖޫހީގެ ދަރިފުޅު ޖާންވީ މެހްތާ ފެނިފައިވެއެވެ. ވަކީން ޚާއްޞަކޮށް އިންޑިއަން ޕްރިމިއަރ ލީގް ނުވަތަ އައިޕީއެލްގެ މެޗްތައް ކުޅުނު ދުވަސްވަރު ފެނިފައިވެއެވެ.

ފިލްމީ ދާއިރާއަށް ލޯބިކުރާ ފަރާތްތަކާއި ޖޫހީގެ ސަޕޯޓަރުންނަށް ޖާންވީ ކްރިކެޓަށް ހުންނަ ޝައުޤުވެރިކަން އެއީ އައު ކަމެއް ނޫނެވެ. ނަމަވެސް ޖޫހީގެ ދަރިފުޅު ފިލްމީ ދާއިރާއިން ފެނިގެން ހިނގައިދާނެތޯ ޖޫހީ ކުރެން ދާދިފަހުން އަހައިލުމުން ޖޫހީ ވަނީ އެ ސުވާލަށް ޖަވާބުދީފައެވެ.

“އެއްމެނަށްވެސް އެނގޭނެ މިވަގުތު އޭނާގެ ޝައުޤުވެރިކަން ހުންނަނީ ކްރިކެޓަށް ކަން. އެހެންވީމާ އެކަން އެގޮތަށް ބާއްވަމާ.” ޖަވާބުގައި ޖޫހީ ބުނެފައިވެ އެވެ.

“އައިޕީއެލް ނީލަން 2022” ކުރިއަށް ދިޔައިރު އެތަނުން ޖާންވީ ފެނިފައިވެއެވެ. ޖާންވީ އާއެކު އާރްޔަން އަދި ސުހާނާ ޚާން ވެސް އެ ނީލަމަށް ދިޔައެވެ. މިދިޔަ އަހަރު، އާރްޔަން އަދި ޖާންވީ އެކުގައި ނަގާފައިވާ ފޮޓޯއެއް އިންޓަނެޓްގައި ވައިރަލްވެފައިވެ އެވެ. އެ ފޮޓޯ ހިއްސާކުރަމުން އެއީ ޒުވާން ޖޫހީ ޗައުލާއި އަދި ޒުވާން ޝާހްރުކް ޚާން ކަމަށް ބުނެފައިވެ އެވެ.

ޖޫހީގެ ފިލްމީ މަސައްކަތަށް ބަލައިލާ އިރު، ދެން އެއްމެ އަވަހަށް ޖޫހީ ފެންނާނީ ހިތޭޝް ބާޓިއާ ޑައިރެކްޓްކޮށްފައިވާ ފިލްމު “ޝަރްމާޖީ ނަމްކީން” އިންނެވެ. މިއީ ރިޝީ ކަޕޫރް މަރުވުމުގެ ކުރިން، އެއްމެ ފަހުން ކުޅުނު ފިލްމެވެ. ރިޝީ ކަޕޫރު މަރުވުމުން، ރިޝީގެ ރޯލުގެ ބާކީ އޮތް ބައި ކުޅުނީ ޕަރޭޝް ރާވަލް އެވެ. މި ފިލްމު ޕްރައިމް ވީޑިއޯގައި މިމަހު 31 ވަނަ ދުވަހު ރިލީޒްކުރާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.