ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަނުން ގުޅިގެން އުފައްދާފައިވާ ދިވެހި ފިލްމު “ހެހެސް” މި ޢީދު ދުވަހު މީޑިއާނެޓް މެދުވެރިކޮށް ރިލީޒްކުރަން ނިންމައިފިއެވެ.

ދިވެހި ފިލްމު “ހެހެސް” ރިލީޒްކުރަން ނިންމާފައިވަނީ މީޑިއާނެޓްގެ އެމްއެސް ވީޑިއޯ ކްލަބް އެމްއެސްޓީވީ އަދި އެމްއެސް ލައިޓް މެދުވެރިކޮށެވެ. ފިލްމު ރިލީޒްކުރާތާ ދެ ހަފުތާ ފަހުން ފޯނުން އެމްއެސް އެޕް ބޭނުންކުރާ ފަރާތްތަކަށް މި ފިލްމު ބަލައިލެވޭނެ ކަމަށް މީޑިއާނެޓުން ބުނެއެވެ.

މީޑިއާނެޓް މެދުވެރިކޮށް މި ފިލްމު ބެލުމަށްޓަކައި މި ލިންކް މެދުވެރިކޮށް ވީޑިއޯ ކްލަބަށް ސަބްސްކްރައިބްކޮށްލެވޭނެއެވެ. https://my.medianet.mv

އިޝްޤްގައި އިން ފަހަނައަޅައި ދިއުމުން ދެން ވާނެ ގޮތް ފެނިގެންދާނެ ވަރުގަދަ ލޯބީގެ ފިލްމު “ހެހެސް” އަކީ ހުނަރުވެރި ޑައިރެކްޓަރު އަދި އެކްޓަރު ޔޫސުފް ޝަފީއު ލިޔެފައިވާ ސްކްރީންޕްލޭއެއްގެ މައްޗަށް އުފައްދާފައިވާ ތަފާތު މޮޅު ސަސްޕެންސް ތްރިލާ ލޯބީގެ ފިލްމެކެވެ. ފިލްމު ޑައިރެކްޓްކުރީ ރާއްޖޭގެ ލިޖެންޑަރީ އެކްޓަރ އަދި މޮޅު ޑައިރެކްޓަރ އަޙްމަދު ނިމާލެވެ.

ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ޝާނީޒް ޢަލީ ވެސް ހިމެނޭ ”ހެހެސް”ގެ ކާސްޓުންގެ ތެރޭގައި ރާޢްޖޭގެ އެންމެ ހުނަރުވެރި އެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ހުނަރުވެރި އެކްޓަރ އިބްރާހިމް ޖިހާދު (ޖިމީ) އާއި ޢަލީ އާޒިމް (ދޮން އައްޔަ) ހިމެނެއެވެ.

ފިލްމު ”ހެހެސް“ އަކީ ވަރުގަދަ އަންހެން ކާސްޓެއް ހިމެނޭ ފިލްމަކަށްވާއިރު، ފިލްމުގެ ޒުވާން އަންހެން ކާސްޓުގައި މޮޅު އެކްޓިންއެއް ދައްކަމުން އަންނަ އިރުފާނާ އިބްރާހިމް (އިރޫ)، މަރިޔަމް ޝިފާ، ވާޝިޔާ މުޙައްމަދު، ޓީވީ ޕްރެސެންޓަރ މަރިޔަމް ޝިފާ (ޝިފް) އަދި ފީޗާ ފިލްމަށް މުޅިން އަލަށް ތާޢާރަފްވާ ޝިޔާޒާ މުޙައްމަދު (ޝިޔާ) ހިމެނެއެވެ.

ބ. ގޮއިދޫގެ އިތުރުން މާލެގައި ޝޫޓްކޮށްފައިވާ މި ފިލްމު ކެމެރާކުރީ ގިނަ ފިލްމުތަކެއް ކެމެރާކުރަމުން އަންނަ ތަޖުރިބާކާރު ކެމެރާމަން އިބްރާހީމް މޫސާ (ދަބަ) އެވެ. ފިލްމުގެ މިއުޒިކް ހެދީ ޖަލާލް އެވެ. ބެކް ސްކޯ އައްޔުމަން ޝަރީފް އެވެ. މޭކަޕް ކުރީ އާއިޝަތު އިބްނާ ނާޞިރް އެވެ.

ފިލްމު ”ހެހެސް“ އަށް ލަވަކިޔައިދީފައިވަނީ ރާއްޖޭގެ އެންމެ ހުނަރުވެރި އެއް ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ) އާއި އޭނާގެ އަންހެނުން އަޝްފާގެ އިތުރުން ޙަސަން ޠޮލާޤް (ތޮލާ)އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.